06 Mar 2013, 00:32
އެމްޑީޕީން މިއަދު މާލޭގައި ކުރި މުޒާހަރާގައި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ހައްޔަރު ކުރި މައްސަލާގައި ތިން ފުލަހަކު އިމްތިޔާޒު ކޮމެޓީ އަށް ހާޒިރު ކުރުމަށް ފާސްކޮށްފި އެވެ.
މަޖީދީމަގާއި އަލިކިލޭގެފާނު މަގު ގުޅުނު ސަރަހައްދުން ސިޓީ ކައުންސިލް ސަރަހައްދަށް ނުދެވޭ ގޮތައް މަގު ބަންދުކޮށްފައި ވަނިކޮށް، އެ ސަރަހައްދަށް ވަނުމަށް މަސައްކަތް ކުރުމުން އީސާ ހައްޔަރު ކުރުމަށް ފަހު މިރޭ ވަނީ ދޫކޮށްލާފަ އެވެ.
އީސާ ހައްޔަރު ކުރި މައްސަލާގައި މިރޭ ބޭއްވި އިމްތިޔާޒު ކޮމެޓީގެ ކުއްލި ބައްދަލުވުމެއްގައި ނިންމާފައި ވަނީ އީސަ މަގުމަތިން ހުއްޓުވި ބޭފުޅާކަމުގައިވާ ލާސް ކޯޕްރަލް ޝިފާން ރަޝީދާއި އީސަ ހައްޔަރު ކުރުމަށް ފަހު ފުލުހުންގެ އިދާރާ އަށް ގެންދިއުމުން އެ އިދާރާ އިން ފުރަތަމަ ބައްދަލުކުރެއްވި ފުލުހުސް މީހާގެ އިތުރުން އިތުރު ފުލުހަކު ވެސް މާދަމާ ކޮމެޓީއަށް ހާޒިރު ކުރުމަށެވެ. ދެ ފުލުހުން ހާޒިރު ކުރަން ނިންމީ މާއްދާމާ ހެނދުނު 10:30 އަށެވެ. ކޮމެޓީން އެ ނިންމުން ނިންމާފައި ވަނީ މިރޭގެ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ ޢިއްތިފާގުންނެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވެސް 12:00ގައި ކޮމިޓީ އަށް ވަޑައިގެންދެއްވުމަށް އެދި ދެންނެވުމަށް ނިންމަވާފައިވެ އެވެ.
މިމައްސަލަ ކޮމެޓީ އަށް ހުށަހެޅުއްވި މެންބަރުންނަކީ މާފަންނު އުތުރުދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު އެވެ.