ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝިދު ހައްޔަރުކުރުމުގައި "ހޮވާލެވިފައިވާ" ވަކި ބަޔަކު އެކަނި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަމުންދާ މަސައްކަތެއް ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފި އެވެ.

މިއަދުގެ ވަގުތެއްގައި ފުލުހުން ރައީސް ނަޝިދު ހައްޔަރުކޮށްފައި ވަނީ އެމަނިކުފާނު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ފުލުހުންގެ މައްޗަށް ކުރި އަމުރަކާ ގުޅިގެން ނެވެ.

ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ އެމްނެސްޓީ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ސީރިއަސް މައްސަލަތަކެއް ހުރި އިރު، މިމައްސަލަތައް ތަހުގީގުކުރެވިފައި ނުވާ ކަމަށެވެ.

ރައީސް ނަޝީދަށް މީގެ ކުރިން "ޕްރިޒަނާ އޮފް ކޮންޝަންސް"ގެ ލަގަބު އަރުވާފައިވާ އެމްނެސްޓީ އިންޓަނޭޝަނަލްއިން ބުނެފައި ވަނީ ރައީސް ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އިންސާނީ ހައްގުތަކަށް އަރައިގަތުމާއި އަނިޔާކުރުމުގެ ގިނަ މައްސަލަތަކެއް ޑޮކިއުމެންޓް ކުރެވިފައިވާ އިރު، މީގެން އެއްވެސް މައްސަލައެއް މިހާތަނަށް ތަހުގީގުކޮށް ކުށްވެރިވާ ފަރާތްތަކަށް އަދަބު ދީފައި ނުވާ ކަމަށެވެ.

"ދިވެހި ސަރުކާރުން މަސައްކަތް ކުރަން ޖެހޭނީ ހަމައެކަނި ހޮވާލެވިފައިވާ ވަކި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަކަށް ނޫން. އިންސާނިއްޔަތާއި ހިލާފަށް އަނިޔާކުރުމާއި، ހައްގުތަކަށް އަރައިގަތުމުގެ ހުރިހާ މައްސަލައެއް ވެސް ތަހުގީގުކުރެވި، އަދަބު ދެވެން ޖެހޭނެ،" އެމްނެސްޓީގެ ބަޔާނުގައި ވެ އެވެ.

މީގެ އިތުރުން އެމްނެސްޓީގެ ބަޔާނުގައި ވަނީ ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އިންސާނިއްޔަތާ ހިލާފަށް ހިންގުނަ ކަމަށް ބުނެވޭ އެއްވެސް އަމަލެއް ތަހުގީގުކުރެވި، ކޯޓާ ހިސާބަށް ގޮސްފައި ނުވާ ކަމަށް ބުނެފަ އެވެ.

"ވެރިކަމުގައި ކޮންމެ ލީޑަރަކު ވެސް ހިންގަވާ ގާނޫނާ ހިލާފު އަދި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ މައްސަލަތައް ތަހުގީގުކުރެވި، އިންސާފުވެރި ޝަރީއަތްތައް މެދުވެރިކޮށް އަދަބު ދެވެން ޖެހޭނެ." ނިންމާލަމުން އެމްނެސްޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ނަމަވެސް ރައީސް މައުމޫންގެ ދައުރުގައި ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލަތައް ބެލުމަށް ރައީސް ނަޝީދު އެކުލަވާލެއްވި ރިޔާސީ ކޮމިޝަނުން ގިނަ މައްސަލަތަކެއް ތަހުގީގުކޮށްފައިވާ އިރު ވެސް، މައުމޫނާ ދެކޮޅަށް ދައުވާކުރެވޭ މިންވަރަށް ހެއްކެއް ލިބިފައެއް ނުވެ އެވެ.