05 Mar 2013, 23:37
ސުލްހަވެރިކަން ނަގާލާ މުޒާހަރާތަކުގައި ހަރަކާތްތެރިވާ ރަޔަޓް ފުލުހުންގެ ތެރެއިން މޫނު ނިވާކޮށްގެން ތިބޭ ފުލުހުންނާއި ހާއްސަ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް (ސުވޮޓް) ގްރޫޕްގައި މޫނު ނިވާކޮށްގެން ތިބޭ ފުލުހުން ދެނެގަނެވޭނެ ކަމަށް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަވާޒު މިރޭ ވިދާޅުވެއްޖެ އެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަވާޒު ވިދާޅުވީ ހާއްސަ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ ފުލުހުން މޫނު ނިވާކޮށްގެން ހަރަކާތެރިވުމަކީ ތަހުޒީބީ ގައުމުތަކުގައި ވެސް އަމަލު ކުރަމުންދާ ގޮތް ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ފުލުހުނަކީ އައިޑެންޓިފައި ކުރެވޭނެ ގޮތް އިންތިޒާމްކޮށްފައިވާނެ ކަމަށް ނަވާޒު ވިދާޅުވި އެވެ. ނަމަވެސް އެފަދަ ފުލުހުން އައިޑެންޓިފައި ކުރަނީ ކިހިނަކުން ކަމެއް ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތެއް ނުދެއްވަ އެވެ.
ނަމަވެސް ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ސަންއަށް މައުލުމާތު ދެއްވަމުން ނަވާޒު ވިދާޅުވީ މޫނުނިވާކޮށްގެން ތިބޭ ފުލުހުން އައިޑެންޓިފައި ކުރެވިފައިވާ ގޮތް ފުލުހުން ޒިންމާދާރު ކުރުވަން ޖެހޭ މިނިވަން މުއައްސަސާތަކަށް އިނގޭނެ ކަމަށެވެ.
މުޒާހަރާތަކުގައި ހަރަކާތްތެރިވާ ރަޔަޓް ފުލުހުންގެ ހެލްމެޓާއި ލައިގެން ތިބޭ ޖެކެޓްގެ ދެ ކޮނޑުގައި ފިޔާތޮށި ކުލައިން ނަންބަރުތަކެއް ޖަހާފައި ވަނީ އެ ފުލުހަކީ ކާކުކަން ދެނެގަތުމަށް ޓަކައިތޯ ސަންއިން ސުވާލު ކުރެއްވުމުން ނަވާޒު ވިދާޅުވީ "އާނ" އެކެވެ. ނަމަވެސް ތަފްސީލެއް ނުދެއްވި އެވެ.
ފެބްރުއަރީ 7، 8ގައި ފުލުހުންގެ ފަރާތުން ފެނުނު ކަންތައްތަކާ ގުޅޭ ގޮތުން ފިޔަވަޅު އަޅާފައިވޭތޯ ބެލުމަށް މަޖިލީހުގެ ކޮމެޓީއަކަށް ޕީއައިސީގެ މެންބަރުން ހާޒިރު ކުރުމުން އެ ކޮމިޝަންގެ ނާއިބު ރައީސް ހާލާ ހަމީދު ވިދާޅުވެފައި ވަނީ އާންމުންނަށް އަނިޔާކުރި ފުލުހުންގެ މައްސަލަ ބެލި އިރު، ފަސް ފުލުހެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނަލް (ޕީޖީ) އޮފީހަށް ނުފޮނުވިފައި ވަނީ އެ ފުލުހުންނަކީ ކޮން ބައެއްކަން ކަށަވަރު ނުވާތީ ކަމަށެވެ. އަދި ފެންބުރުއަރި 7، 8ގެ ވީޑިއޯތަކާއި ފޮޓޯތަކުން ވެސް އެ ފުލުހުންނަކީ ކޮބައިކަން ދެނެގަނެވިފައި ނުވާ ކަމަށް ހާލާ ވަނީ ވިދާޅުވެފަ އެވެ.
ރާ ބުއި ކަމުގެ ތުހުމަތުގައި ހދ. ހޮނޑައިދޫން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހައްޔަރު ކުރުމަށް ފަހު އޭނާ އަށް އަނިޔާކުރި ފުލުހުން ވެސް ދެނެގަނެވިފައި ނުވާ ކަމަށް ވެސް ޕީއައިސީން ބުނެފައިވެ އެވެ.
މޫނު ނިވާކޮށްގެން ތިބޭ ފުލުހުން އައިޑެންޓިފައި ކުރެވޭ ގޮތް ހަމަޖެއްސީ "ހޮނޑައިދޫ މައްސަލަ"އަށް ފަހުތޯ ނަވާޒަށް ސުވާލު ދެންނެވުމުން ވިދާޅުވީ އެކަމާ ގުޅޭ ގޮތުން އިތުރު އެއްޗެއް ވިދާވާން ބޭނުންފުޅު ނުވާ ކަމަށެވެ.