ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހައްޔަރުކުރުމުގައި ހަރަކާތްތެރިވި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުންގެ މައުލޫމާތު ކަމަށް ބުނެ ލީކުކޮށްފައިވާ މައުލޫމާތާ ގުޅޭ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.

މިއަދު ރައީސް ނަޝީދު ހައްޔަރުކުރުމުގައި ހަރަކާތްތެރިވި ފުލުހުން ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް (ސްވޮޓް) ޓީމުގެ ފުލުހުން ހަރަކާތްތެރިވެފައި ވަނީ އެމީހުންގެ މޫނު ނިވާކޮށްގެން ނެވެ.

ރައީސް ނަޝީދު ހައްޔަރުކުރި ފަހުން، ޓުވިޓާ ފަދަ ސޯޝަލް މީޑއާގެ ތެރޭގައި ނަޝީދު ހައްޔަރުކުރުމުގައި ހަރަކާތްތެރިވި ސްވޮޓް ޓީމުގެ މެމްބަރުންގެ ތަފްސީލްތައް ކަމަށް ބުނެ މައުލޫމާތުތަކެއް ވަނީ ލީކުކޮށްފަ އެވެ.

ލީކުކޮށްފައިވާ މައުލޫމާތުގެ ތެރޭގައި ފުލުހުންގެ ސާވިސް ނަމްބަރާއި ރޭންކާއި ނަމުގެ އިތުރުން ފޯނު ނަމްބަރުތައް ކަމަށް ބުނާ މައުލޫމާތުތަކެއް ހިމެނެ އެވެ. އެ ލިސްޓުގައި ހިމަނާފައި ވަނީ 20 ފުލުހެއްގެ މައުލޫމާތު ކަމަށް ބުނާ މައުލޫމާތެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފު މިރޭ ސަން އަށް ވިދާޅުވީ އެ މައްސަލާގައި ފުލުހުންގެ ތެރެއިން މައުލޫމާތު ލީކުކޮށްފައިވާ ނަމަ، އެކަމާ ގުޅޭ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

"އެއީ ތުރެޓެއް (އިންޒާރު ދިނުމުގެ ގޮތުން ކުރި ކަމެއް) ދެއްތޯ؟ އެކަހަލަ ކަންތައް ކޮށްގެން ނުވާނެ. އެއްވެސް ފަރާތެއްގެ މައުލޫމާތު އެގޮތައް އާއްމުކުރެވިގެން ނުވާނެ.." ހަނީފު ވިދާޅުވި އެވެ.

ލީކުކޮށްލާފައިވާ މައުލޫމާތު ސައްހަ ކަމާ މެދު ފުލުހުންގެ ފަރާތުން ކޮމެންޓެއް ކޮށްފައި ނުވާއިރު، މިމައްސަލައާ ގުޅިގެން މިވަގުތަށް އަދި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ހަނީފު ވިދާޅުވި އެވެ.