ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ބާސެލޯނާއިން އޭސީ މިލާން ކަޓުވާލާނެކަމަށް ބާސާގެ ސްޕެއިން ޑިފެންޑަރު ޔޯޑީ އަލްބާ ބުނެފި އެވެ.

އަލްބާ މިހެން ބުނެފައިވާއިރު، ޗެމްޕިއަންސް ލީގުގެ ފުރަތަމަ ލެގުގައި މިދެޓީމް ކުޅުނު މެޗު ނިމިގެންދިޔައީ 2-0 ލަނޑުން މިލާން ކުރީގައި އޮވެގެންނެވެ. ބާސާގެ ނޯ ކޭމްޕްގައި މާޗް 12 ވަނަ ދުވަހު ކުޅޭ ދެވަނަ ލެގުގެ މެޗުގައި ބޮޑު ތަފާތަކުން މޮޅުވެގެންނޫނީ ބާސާއެއް ކުއާޓާ ފައިނަލަކަށް ދަތުރެއް ނުކުރާނެ އެވެ.

ސްޕެނިޝް ލަލީގާގައި އަންނަ ހޮނިހިރު ދުވަހު ޑިޕޯޓިވޯ ލަކަރޫނާ އާއި ދެކޮޅަށް ބާސާ ކުޅޭ މެޗުން މިލާން އާއި ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެކަމަށް އަލްބާ ގަބޫލުކުރެ އެވެ.

"އަހަރެމެން ފުރަތަމަ ބޭނުމީ ޑިޕޯޓިވޯ އަތުން މޮޅުވެ ދެން މިލާން މެޗާ މެދު ވިސްނަން. އެ މެޗުން އަހަރެމެންނަށް ބޮޑު އެހީތެރިކަމެއް ލިބޭނެ. ޑިޕޯޓިވީ އަރުން މޮޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް. އަދި ބާސާއަށް މިލާން ވެސް ކަޓުވާލެވިދާނެ." އަލްބާ ބުންޏެވެ.

ބާސާގެ ފަރާތުން މިހާރު ފެނިގެންދަނީ މި ސީޒަންގައި އެ ކްލަބުގެ ފަރާތުން ފެންނަމުން ދާ އެންމެ ދަށް ކުޅުމެވެ.
މިލާންގެ ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު ޗެމްޕިއަންސް ލީގު ދެވަނަ ބުރުގެ ފުރަތަމަ ލެގު މެޗަށްފަހު، ބާސާ ކުޅުނު ހުރިހާ މެޗަކުން ވެސް ވަނީ ބަލިވެފައެވެ. އޭގެ ތެރޭގައި ބާސާގެ ވާދަވެރި މެޑްރިޑާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް ބާސާ ބަލިވެފައި ވެއެވެ.

"ފަހަކަށް އައިސް އަހަރެމެންގެ ފަރާތުން ދަށް ކުޅުމެއް ފެންނަމުންދާ ވާހަކައަކީ ތެދު ވާހަކައެއް. ނަމަވެސް މިހާރު އަހަރެމެން މިހިރީ ހަމަޖެހިގެން. އަހަރެމެން ކުރިއަށް އޮތް މެޗުތަކުގައި ދެން ބަލާނީ ގިނަ ލަނޑުތަކެއް ކާމިޔާބުކޮށް، މެޗުތަކުން މޮޅުވާން." އަލްބާ ބުންޏެވެ.

ޗެމްޕިއަންސް ލީގުން ބާސާ ކަޓައިފިނަމަ، މިސީޒަނުގައި އެކްލަބަށް ލިބުމުގެ ފުރުސަތު އޮންނާނީ ހަމައެކަނި ސްޕެނިޝް ލަލީގާ އެވެ. ސްޕެނިޝް ލަލީގާގެ އެއްވަނާގައި ބާސާ އޮތީ އެގާރަ ޕޮއިންޓްގެ ލީޑެއްގަ އެވެ. ލަލީގާގެ ދެވަނައިގައި އެތްލެޓިކޯ މެޑްރިޑް އޮތްއިރު، އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އޮތީ ތިންވަނައިގަ އެވެ.