ރައްޔިތުން މަޖިލީހުން ނިންމާފައިވާ ގޮތަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސް ކަމަށް މާފަންނު ހުކުރަދިގޭ މަރިޔަމް ޢަޒްރާ އަޙްމަދު ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަން ކުރައްވައިފި އެވެ. މަރިޔަމް ޢަޒްރާ އަޙްމަދު، ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް ކަމަށް ޢައްޔަން ކުރައްވައި އެކަމުގެ ލިޔުން އެކަމަނާއާ ރައީސް މުހަންމަދު ނަޝީދު ޙަވާލުކުރެއްވީ އެ ކަމަށްޓަކައި ރައީސް އޮފީހުގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، މަރިޔަމް ޢަޒްރާ އެ މަގާމަށް ޢައްޔަން ކުރެއްވުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފާފުޅެއް ކަމަށް ވިދާޅުވި އެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސްކަމުގެ މަގާމުގައި ޢަޒްރާ ހުންނަވައިގެން، ރާއްޖޭގެ އިންސާނީ ޙައްޤުތަކާ ބެހޭ ކަންތައްތައް ވަރަށް ރަނގަޅަށް ބައްލަވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.