އަވަހާރަކޮށްލާފައިވާ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި ހައްޔަރު ކުރި އެމްޑީޕީގެ އެކްޓިވިސްޓު ހއ. ދިއްދޫ، އޯޓަމްވާދީ، ޢަލީ ހާޝިމް (ސުމިތު)، 24، ހޯދުމަށް ފުލުހުން ފޮޓޯ އާންމުކުރިތާ މާ ގިނަ އިރުތަކެއް ނުވެ އޭނާ އަމިއްލަ އަށް ގޮސް ފުލުހުންނާ ހަވާލުވެއްޖެ އެވެ.

ސުމިތު ހޯދުމަށް ފޮޓޯ އާންމު ކުރީ ކޮން މައްސަލައަކާ ގުޅޭ ގޮތުން ކަމެއް ފުލުހުން ނުބުންޏެވެ. ފުލުހުން އާންމުކޮށްފައިވާ އިއުލާނުން އެނގޭ ގޮތުން އޭނާ ހޯދަނީ ޖިނާއީ މައްސަލައަކާ ގުޅޭ ގޮތުންނެވެ.

ފުލުހުން އިއުލާން ކުރީ ސުމިތާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ވީއެންމެ އަވަހަކަށް ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓަށް ނުވަތަ ފުލުހުންގެ ހޮޓްލައިން އަށް ގުޅުއްވައި މަޢުލޫމާތު ޙިއްސާ ކުރެއްވުމަށް އެދޭ ކަމަށެވެ.