ދެހާސް ދިހަ ވަނަ އަހަރު، ކެމްބްރިޖް އޯލެވެލް އިމްތިހާނުގެ ހިސާބު ޓެސްޓް ޕޭޕަރު ހެދުމުގައި ކޮޕީ ކުރުމުގެ އަމަލުތައް ހިންގާފައިވާ މައްސަލައިގައި ދައުލަތުން ދައުވާ ކުރި މިލަންދޫ ސްކޫލްގެ ތިން މުވައްޒަފެއްގެ ތެރެއިން އެކަކުގެ މައްޗަށް ކުށް ސާބިތުވެ އޭނާ ހަ މަސް ދުވަހަށް އަރުވާލަން މިލަންދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި އެވެ.

މިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އޮފިޝަލަކު މިރޭ ވިދާޅުވީ ޓެސްޓްޕޭޕަރު ކޮޕީކުރި މައްސަލައިގައި ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން މިލަންދޫ ސްކޫލްގެ ލީޑިން ޓީޗަރު އަބްދުއްލަތީފް މުހައްމަދު އާއި ލީޑިން ޓީޗަރު މުހައްމަދު ނާޒިމް މޫސާ އާއި އެ ސްކޫލްގެ އެސިސްޓެންޓް އެޑުމިނިސްޓްރޭޓިވް އޮފިސަރު އަލީ ޝިފާޒުގެ މައްޗަށް ދައުލަތުން ކުރީ އަމުރަށްނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ ކަމަށެވެ.

އޭނާ ވިދާޅުވީ ކުށް ސާބިތުވެ ހަމަހަށް އަރުވާލަން ހުކުމްކޮށްފައި ވަނީ މިލަންދޫ ސްކޫލްގެ ލީޑިން ޓީޗަރު މުހައްމަދު ނާޒިމް މޫސާ އެކަނި ކަމަށެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވެ ހަމަހަށް އަރުވާލަން ހުކުމްކޮށްފައި ވަނީ ޖީސީއީ އޯލެވެލްގެ ހިސާބު ޓެސްޓް ޕޭޕަރުގެ ފަހު ސުވާލުގެ ޖަވާބު އޭނާ ކުދިންނަށް ކިޔައިދީފައިވާކަން ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާތީ ކަމަށް ވެސް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.

އެ ސްކޫލްގެ އަނެއް ލީޑިން ޓީޗަރު އަބްދުއްލަތީފް މުހައްމަދާއި އެސިސްޓެންޓް އެޑުމިނިސްޓްރޭޓިވް އޮފިސަރު އަލީ ޝިފާޒުގެ މައްޗަށް ދައުވާކޮށްފައި ވަނީ މުހައްމަދު ނާޒިމް މޫސާ ކުދިންނަށް ސުވާލުގެ ޖަވާބު ކިޔައިދިންކަން އެނގިހުރެ އެކަމަށް ފިޔަވަޅު އަޅާފައި ނުވާކަމަށް ތުހުމަތުކޮށް ކަމަށް ވެސް މިލަންދޫ ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.

އެފަދަ ތުހުމަތެއް ކޮށް އެ ދެ މީހުންގެ މައްޗަށް ދައުވާ ކުރިނަމަވެސް އެމީހުން އެފަދަ ކަމެއް ކުރިކަން ސާބިތުކުރެވޭ ވަރުގެ ހެއްކެއް ދައުލަތަށް ހުށަހެޅިފައިނުވާކަމަށް ވެސް މިލަންދޫ ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ތިން މީހުންގެ މައްޗަށް ހުކުމް ކޮށްފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ކަމަށާއި ހުކުމަށް ފަހު ކުށް ސާބިތުވި މުހައްމަދު ނާޒިމް މޫސާ ޑީޕީއާރްއެސްއާ ހަވާލުކުރުމަށް އެރަށު ކައުންސިލާއި ހަވާލުކޮށްފައިވާ ކަމަށެވެ.

ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ ޝަރުއީ ގޮތުން ނުވަތަ ގާނޫނީ ގޮތުން ކުރާ އަމުރަކަށް ނުކިޔަމަންތެރިވުމަކީ ކުށެއް ކަމަށެވެ. އަދި އެފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ ގިނަވެގެން ހަ މަސް ދުވަހަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭގައި ބަންދުކުރުން ނުވަތަ 150ރ. އަށް ވުރެ ގިނަ ނޫން އަދަދަކުން ޖޫރިމަނާ ކުރުން ކަމަށް އެ މާއްދާގައި ބުނެފައި ވެއެވެ.

ޓެސްޓް ފޭޕަރު ކޮޕީކުރި މައްސަލަ ފެންމަތިވުމާ އެކު ސިވިލްސާވިސް ކޮމިޝަނުން ވަނީ އެ ތިން މީހުން ވެސް ވަޒީފާއިން ވަކިކޮށްފަ އެވެ. ނަމަވެސް އެ މައްސަލައިގައި އެ ތިން މީހުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި ދައުވާ ކުރުމުން އެތަނުން ވަނީ އެމީހުންނަށް ވަޒީފާ ދިނުމަށް އަމުރުކޮށްފަ އެވެ.