05 Mar 2013, 21:25
ހުޅުމާލޭ ކޯޓުގައި މާދަމާ ހަވީރު އޮންނަ ޝަރީއަތަކަށް ހާޒިރު ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ވަގުތު ރައީސް ނަޝީދުގެ ހަށިފާރަވެރިންގެ ގޮތުގައި ތިއްބެވި ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ ސިފައިންނާއި ފުލުހުންނާ ދެމެދު ދެބަސްވުންތަކެއް ހިނގި ކަމަށް ފުލުހުން ބުނެފި އެވެ.
http://www.youtube.com/watch?v=gK_YSHtcbvI
ރައީސް ނަޝީދު ހައްޔަރު ކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަނާ ގުޅިގެން އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރައީސް ނަޝީދު ހައްޔަރު ކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަންގެ ވީޑިއޯ ނޫސްވެރިންނަށް ދައްކާލާފަ އެވެ. ވީޑިއޯއިން ފެންނަ ގޮތުން ރައީސް ނަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ސެންޓާ ފޯ ހަޔާ އެޑިއުކޭޝަން (ސީއެޗްއެސްއީ) ކައިރިން ހިންގަވާފައި ވަޑައިގަންނަވަަނިކޮށެވެ. އެ ވަގުތަކީ މެންދުރުފަހު 1:30 އެހާކަންހާއިރެވެ.
ވީޑިއޯ ފެށިގެން ދަނީ ސީއެޗްއެސްއީ ކައިރިން ރައީސް ނަޝީދު ހިންގަވާފައިވާ ވަޑައިގަންނަވަނިކޮށް ފުލުހުން އެމަނިކުފާނު ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ހިނގާ ހަމަނުޖެހުންތަކުގެ ތެރެއިންނެވެ. ފުލުހުންގެ އޮޕަރޭޝަންގައި ހަރަކާތްތެރިވާ ހާއްސަ ޓީމުން ރައީސް ނަޝީދު ވަށާލައިފައި ވަނީ އެމަނިކުފާނުގެ ހަށިފާރަވެރިންގެ ގޮތުގައި ތިއްބެވި އެސްޕީޖީ ސިފައިން ދުރަށް ޖައްސާފަ އެވެ. އެވަގުތު ސިފައިންނާއި ފުލުހުންނާ ދެމެދު ދެބަސްވުންތަކެއް ހިނގައި، އެކަކު އަނެކަކަށް ކޮއްޕާ ހަދާފައިވެ އެވެ. އަދި ރައީސް ނަޝީދާ އެކު އެ ސަރަހައްދުން ވަޑައިގެންނެވި އެމަނިކުފާނުގެ އަރިސް ބޭފުޅުންނާއި ފުލުހުންނާ ދެމެދު ވެސް ހަމަނުޖެހުންތަކެއް ހިނގަ އެވެ. އެބޭފުޅުންގެ ތެރޭގައި ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް ވެސް ހުންނަވާތަން ވީޑިއޯއިން ފެނެ އެވެ.
ސީއެޗްއެސްސީ ކައިރިން ރައީސް ނަޝީދު ހައްޔަރުކޮށްގެން ޝަހީދު ހުސައިން އާދަމް ބިލްޑިންއާ ހިސާބު ޖެޓީ ސަރަހައްދުގައި އޮތް ފުލުހުންގެ ލޯޗަކަށް އެރުވުމާ ދެމެދުގައި ހޭދަވެފައި ވަނީ ނުވަ ވަރަކަށް މިނިޓެވެ. އެއްވެސް އެޑިޓް ކުރުމަކާ ނުލައި ފުލުހުން ދައްކާފައިވާ އެ ވީޑިއޯއިން ފެނިގެންދާ ގޮތުން ރައީސް ނަޝީދު ހައްޔަރުކޮށްގެން އެމަނިކުފާނު ވަށާލާފައިވާ ފުލުހުންގެ ކައިރިން އެމަނިކުފާނުގެ ސިފައިންގެ ދެ ބޮޑީގާޑުން ރުޅި ގަދަވެ ތިބެ، ފުލުހުންނާ މުހާތަބު ކުރަމުންދާތަން ވެސް ފެނެ އެވެ.
ނަޝީދު ހައްޔަރު ކުރި އޮޕަރޭޝަނާ ގުޅޭ ގޮތުން މީޑިޔާއަށް މައުލޫމާތު ދެއްވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަވާޒު މިރޭ ވިދާޅުވީ ނަޝީދު ހައްޔަރު ކުރުމުގެ ތެރޭގައި "ދެފަރާތް، ދެފަރާތަށް ބަސްތަކެއް ބަދަލު ކުރި،" ކަމަށާއި އެފަދަ ހާލަތެއްގައި ހަށިފާރަވެރިން ވެސް ބޭނުންވީ އެކަން ހިނގަނީ "ކިހިނެއް ވެގެންތޯ، ކޮން ގޮތަކުންތޯ،" ބެލުމަށް ކަމަށެވެ. ނަޝީދު ހައްޔަރު ކުރަން އަމުރު ނެރުނު ކަން އެނގުމުން ހަށިފާރަވެރިން ފަހުން އެކަމުގައި އެހެން ގޮތަކަށް އަމަލު ނުކުރާ ކަމަށެވެ.
ނަމަވެސް ވީޑިއޯއިން ފެންނަ ގޮތުން ރައީސް ނަޝީދު ހައްޔަރުކޮށްގެން ހިނގަވާފައި ވަޑައިގަންނަވާއިރު ހިމާޔަތް ދީގެން ތިބި ފުލުހުންނާ ކައިރީގައި އެމަނިކުފާނުގެ ބޮޑީގާޑަކު ފުލުހުންނާ ތަކުރާރުކޮށް ސުވާލު ކުރަމުންދެ އެވެ. ނަމަވެސް ދައްކާ ވާހަކައެއް ސާފެއް ނުވެ އެވެ.
ނަވާޒު ވިދާޅުވީ ނަޝީދު ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ކުރުމުން "[ހަށިފާރަވެރިން] ސުވާލު ކުރާކަން ނުޖެހޭނެ،" ކަމަށެވެ. "ކޯޓު އަމުރު ދެއްކުމަށްފަހު ހުރިހާ ކަމެއް ކްލިއާވެގެންދިޔަ ކަމަށް. އެމަނިކުފާނު އަމިއްލައަށް ހިންގަވާފައި ވަޑައިގެންނެވީ، އޭގެ ފަހަކުންނެއް އެބޭފުޅުން [ހަށިފާރަވެރިން] ވެސް އެކަމަކާ ސުވާލެއް ނުކުރައްވާ. އަޅުގަނޑު ގަބޫލެއް ނުކުރަން ސުވާލެއް އޮންނަންޖެހޭނެ ކަމަކަށް ވެސް. ކޯޓަކުން އަމުރެއް ކޮށްފިއްޔާ އެކަމަކަށް އަޅުގަނޑުމެން ތަބާވާން ޖެހޭނެ،" ނަވާޒު ވިދާޅުވި އެވެ.
ނަވާޒު ވިދާޅުވީ ފުލުހުން މިއަދު ހިންގި އޮޕަރޭޝަންގެ މައުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ)އަށް ހިއްސާކޮށްފައިވާ ކަމަށެވެ. ނަމަވެސް ފުލުހުންގެ ހައްޔަރުގައި ފުލުހުންގެ ތަހުގީގީ ޖަލު، ދޫނިދޫގައި ރައީސް ހުންނެވިއިރު، އެމަނިކުފާނާ ބައްދަލުކުރެއްވުމަށް އެޗްއާރްސީއެމުން އެދިފައިވަޑައިގެންނެވި ކަމެއް އެނގިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަޝީދު ހައްޔަރު ކުރުމާ އެކު މާލޭގައި މިއަދު ހިންގި ހަމަނުޖެހުންތަކުގައި 47 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ 16 އަންހެނުންނާއި 31 ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.
މިއަދު ހިންގި ހަމަނުޖެހުންތަކުގައި ފުލުހުންނަށާއި ބައެއް ނޫސްވެރިންނަށް ބަޔަކު ހަމާލާދީފައިވާތީ ނަވާޒު ވިދާޅުވީ އެއީ ނާތަހު ޒީބީ އަމަލުތަކެއް ކަމަށާއި އެ ކަންތައްތައް ފުލުހުން ތަހުގީގު ކުރާނެ ކަމަށެވެ.