މާލޭގައި މިހާރު ހިނގަމުންދާ ކަންކަން ކަންބޮޑުވުމާ އެކު ބަލަމުންދާ ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް ހަމަނުޖެހުމަށް މަގުފަހިވާނެ ކަންކަމުން ދުރުވުމަށް އެމެރިކާ އިން ގޮވާލައިފި އެވެ.

ރާއްޖޭގައި ހުންނަ އެމެރިކާގެ ވާޗުއަލް ޕްރެޒެންސް ޕޯސްޓުގައި އެމެރިކާ އިން އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ހިނގަމުންދާ ކަންކަން އެމެރިކާ އިން ގާތުން ބަލަމުންދާނެ ކަމަށެވެ.

އެމެރިކާގައި ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުންނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ހާލަތު މޮނިޓާކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަން ފާހަގަކޮށްފައިވެ އެވެ.

"ހުރިހާ ފަރާތްތަކުން ވެސް ހަމަޖެހި، ހަމަނުޖެހުން އިތުރުވެ، އަދި ހަމަނުޖެހުމަކަށް މަގުފަހިވާ ފަދަ އެއްވެސް ކަމެއް ނުކުރަން ބާރުއަޅަން. އަދި ރައީސް ނަޝީދުގެ މައްޗަށް ކުރެވޭ ދައުވާތަކުގައި އެމަނިކުފާނަށް ލިބެން ޖެހޭނެ އެންމެހާ ރައްކާތެރިކަމަކާއި ހައްގެއް ލިބިގެންދާނެ،" އެމެރިކާގެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން، އެމެރިކާ އިން ވަނީ 2013ގެ ރިޔާސީ އިންތިހާބަކީ ހުރިހާ ޕާޓީއަކަށް ވާދަކުރެވޭ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް މަސައްކަތް ކުރުމަށާއި ކޮމިޝަން އޮފް ނެޝަނަލް އިކުއަރީ (ކޯނީ)ގެ ރިޕޯޓުގައި ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޒުކުރުމުގައި ސަރުކާރުން އިތުރަށް މަސައްކަތްކުރުމަށް ވެސް ގޮވާލާފަ އެވެ.