މާލެތެރޭގައި ހަމަނުޖެހުން ހިންގައި މީހުންނަށް އަނިޔާކޮށް މުދަލަށް ގެއްލުން ނުދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގޮވާލައިފި އެވެ.

އެޗްއާރްސީއެމުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނަނީ މާލެތެރޭގައި ހަމަނުޖެހުން ހިންގައި މީޑިއާގެ ފަރާތްތަކަށާއި އާންމުން ރައްޔިތުންނާއި އަމަންބަލަހައްޓާ ފަރާތްތަކަށް އެކިވަރުގެ އަނިޔާތައް ވެފައިވާތީ އެ ކޮމިޝަނުން އެކަމާ ކަންބޮޑުވާ ކަމަށެވެ.

މާލެތެތެރޭގައި މިއަދު ހަމަނުޖެހުން ހިންގާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުލުހުން ހައްޔަރު ކުރުމާގުޅިގެން ނެވެ. ރައީސް ނަޝީދު ހައްޔަރު ކުރި ވަގުތު އެ ހާދިސާ ކަވަރުކުރަން ދިޔަ ސަންގެ ޖާނަލިސްޓް މުރުޝިދު އަބްދުލްހަކީމާއި ވީޓީވީގެ ވީޑިއޯ ޖާނަލިސްޓް ރިޟްވާން މޫސާއަށް ބަޔަކު ވަނީ ހަމަލާދީފަ އެވެ. އެ ހަމަލާދިނުމަށް ފަހު މުރުޝިދުގެ ފޯން ފޭރިގެންފައިވާ އިރު ވީޓީވީގެ ކެމެރާ ހަލާކުކޮށް އޭގެ މެމޮރީކާޑު ބަޔަކު ވަނީ ފޭރިގެންފަ އެވެ.

ރައީސް ނަޝީދު ހައްޔަރު ކުރުމާ ގުޅިގެން އެކަން ހިނގާފައިވާ ގޮތް ކޮމިޝަނުން ބަލަމުން ގެންދާކަމަށާއި އެގޮތުން މިއަދު ހަވީރުގެ ވަގުތެއްގައި ކޮމިޝަންގެ ފަރާތުން ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލްއަށް ގޮސް ކަންހިނގާފައިވާ ގޮތުގެ މައުލޫމާތު އޮޅުންފިލުވާފައިވާ ކަމަށް ވެސް އެޗްއާރްސީއެމުން ބުންޏެވެ.

ހުރިހާ ފަރާތްތަކުން ވެސް އިންސާނީ ހައްގުތަކަށް އިހުތިރާމްކޮށް ސުލްހަ މަސަލަސްކަމަށް އިސްކަން ދިނުމަށާއި އަދި އެއްވެސް ފަރުދެއްގެ ހައްގަކަށް އުނިކަމެއް އަތުވެދާނެ އަމަލެއް ނުހިންގުމަށް ވެސް އެޗްއާރްސީއެމުން ވަނީ އިލްތިމާސްކޮށްފަ އެވެ.