05 Mar 2013, 20:11
ގއ. ގެމަނަފުށީ ރައްޔިތުންގެ އަތުން މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ހިކި ކަނޑު މަސްތަކެއް ގަތުމަށް ފަހު އެ ފައިސާ ނުދައްކައި ފިލައިގެން އުޅުނު މީހެއްގެ މައްސަލަ އެ ރަށު ރައްޔިތުން ކޯޓަށް ހުށަހެޅުމުން، އެމީހާ ކޯޓުގައި ދޮގު މައުލޫމާތު ދިން ކަމަށް ބުނެ އެ ރަށުގެ ބަޔަކު އެމީހާއާ މާރާމާރީ ހިންގައިފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ މައްސަލާގައި އެ ރަށުގެ ބަޔަކު ނުކުމެ މާރާމާރީ ހިންގާފައި ވަނީ ތިމަރަފުށީ މީހެކެވެ.
އެ ރަށުން ވާހަކަ ދެއްކެވި އަހަމަދު މުޖުތަބާ މިރޭ ބުނީ އެ މީހާ އަކީ އެ ރަށުގެ ރައްޔިތުންގެ ތެރެއިން ގާތްގަނޑަކަށް 40 އެއްހާ މީހުންގެ އަތުން މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ހިކި މަސް ގަނެގެން ގެންގޮސް ވިޔަފާރި ކުރާ މީހެއް ކަމަށާއި ނަމަވެސް ރައްޔިތުންނަށް އަތުން ފަހުން ފައިސާދޭން އަތުލި އެ މަސްތަކަށްވާ ފައިސާ މިއަދާ ހަމަައަށް ވެސް ދީފައި ނުވާތީ އެ މައްސަލަ ރައްޔިތުން އެ ރަށު ކޯޓަށް ހުށަހެޅީ ކަމަށެވެ. އެމީހާ އެ ރަށުގެ މީހުންނަށް ދޭންޖެހޭ ފައިސާގެ ޖުމްލަ އަދަދު ގާތްގަނޑަކަށް ހަތަރު ލައްކަ އަށް އަރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
އެމީހާ ބުނީ އެމީހާ އެރަށަށް ދިޔައީ ކޯޓަށް ހުށަހަޅާފައިވާ އެ މައްސަލާގައި މިއަދު ބޭއްވި ޝަރީއަތަށް ކަމަށާއި އެމީހާ ގައިގާ އެ ރަށު ބަޔަކު ތަޅައިގެންފައި ވަނީ ކޯޓުގައި ބޭއްވި ޝަރީއަތަށް ފަހު އެތަނުން ނުކުތުުމުން ކަމަށެވެ. އަދި އެމީހާގެ އެރަށު ބައެއްގެ އަތުން މަސްތަކެއް ގަނެ ފައިސާ ދީފައިނުވާ މައްސަަލައަކީ ދެނަ ހުރި ވެސް ކަމެއް ނޫން ކަމަށް ކޯޓުގައި ބުނެފައިވާ ކަމަށާއި އެކަމާ އެ ރަށުގެ މީހުން ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިވާ ކަަމަށް ވެސް އޭނާ ބުންޏެވެ.
"އެމީހާގެ ގައިގާ ތަޅައިގަތީ ކޯޓުގައި ދޮގު ހަދައިގެން، އެމީހާ އަށް އެ މަސްތައް ފޮނުވަނީ ބޯޓަކަށް ލާފައި، އޭނާ ބޯޓުން އެ މަސްތައް ގަންނަނީ، ފަހުން ފައިސާ ދޭނެ ކަމަށް ބުނެ އެމަސްތައް ނަގާފައި، މީހެއްގެ މައްޗަށް ގާތްގަނޑަަށް 40 ހާސް، 50 ހާސް 90 ހާސް ވަރު ދޭން ޖެހޭ. ޖުމްލަ ގާތްގަނޑަކަށް ހަތަރު ލައްކަ އެބައަރާ، އެމީހާ މިބުނަނީ ކޯޓުގައި ތިމަންނަ ދޭން ޖެހޭ ފައިސާއެއް ނޯންނާނެ ކަމަށް. އެކަމާ ރައްޔިތުން ހިތްހަމަނުޖެހިގެން ތަޅައިގަތީ. އެކަމަކު މިރަށުން އެ މަސްތައް ބަރުކުރި ބޯޓުގެ މީހުންނަށް ވެސް އެނގޭނެ އޭނާ އެ މަސްތައް ގަންކަން،" މުޖުތަބާ ބުންޏެވެ.
އެރަށުގެ ރައްޔިތުންނާ އެމީހާއާ ދެމެދު ހިނގި ހަމަނުޖެހުމާ ގުޅިގެން ފުލުހުން ވަނީ އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި އެމީހާ އެ ރަށުން ގެންދިއުމަށް ފުލުހުން މަސައްކަތް ކުރަމުން ގެންދާ ކަމަށް ބުނެ އެރަށުގެ ބަޔަކު ގެންދަނީ އެކަމާ ދެކޮޅަށް ފުލުސް އިދާރާ ކައިރިއަށް އެއްވެ ހަމަނުޖެހުން ހިންގައިފަ އެވެ.