ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުލުހުން ހައްޔަރުކޮށްފައި ވަނީ ގާނޫނާ ގަވާއިދާ ޚިލާފަށް ކަމަށް ބުނެ އެމަނިކުފާނު ދޫކޮށްލުމުގެ އަމުރަކަށް އެދި ނަޝީދުގެ ގާނޫނީ ޓީމުން ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ "ހެބިއަސް ކޯޕަސް"ގެ އަމުރަކަށް އެދި ނަޝީދުގެ ގާނޫނީ ޓީމުން ހުށަހެޅި މައްސަލައިގައި ނަޝީދު ހައްޔަރުކޮށްފައި ވަނީ ގަނޫނާއި ގަވާއިދާ ޚިލާފަށް ކަމަށް ކަނޑައަޅައި މިހިނދުން މިހިނދަށް އެމަނިކުފާނު ދޫކޮށްލުމަށް އަމުރެއް ނެރެދިނުމަށް އެދިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ނަޝީދުގެ ގާނޫނީ ޓީމުން ހުށަހެޅި އެ މައްސަލައާ ގުޅިގެން އެމަނިކުފާނު ހައްޔަރުކުރި ގޮތުގެ ތަފްސީލީ މައުލޫމާތު އެ ކޯޓަށް ހުށަހެޅުމަށް އިރުއޮއްސި 6:06 އެހައިކަންހާއިރު ކޯޓުން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނަޝީދު ހައްޔަރުކޮށްފައި ވަނީ މާދަމާ 4:00 އަށް އެމަނިކުފާނު ހައްޔަރުކޮށްގެން ޝަރީއަތަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ އަމުރު ތަންފީޒު ކުރުމުގެ ގޮތުން ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ގާނޫނުލް އުޣޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ނަޝީދުގެ މައްޗަށް އުފުލާފައި ވަނީ ކުށް ނުކުރާ މީހަކު ގަސްތުގައި ހިފައި ހައްޔަރު ކުރުމުގެ ކުށުގެ ދައުވާ އެވެ. ނަޝީދު ހައްޔަރު ކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައި ވަނީ އެމަނިކުފާނު ކޯޓަށް އެއްބާރުލުން ނުދެއްވާތީ ކަމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ވަނީ ބުނެފަ އެވެ.