05 Mar 2013, 17:52
އޭއެފްސީ ކަޕްގެ ގުރޫޕް އެފްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ހޮންކޮންގުގެ ސަންރޭ ކޭވް ޖޭސީ ސަންހައި ޓީމް އަތުން 1-0 ލަނޑުން ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓް ކުލަބުން މެޗް ކާމިޔާބުކޮށް، މުބާރާތުގެ ފެށުން ނިއުއިން ރަނގަޅު ކޮށްފި އެވެ.
މިއަދު ހަވީރު 4:00 ޖަހާއިރު ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު އެމެޗުގެ ހަމައެކަނި ލަނޑު މެޗުގެ ދެ ވަނަ ހާފުގެ 67 ވަނަ މިނެޓުގައި ނިއުއަށް ކާމިޔާބު ކޮށްދިނީ މުހައްމަދު އުމެއިރެވެ. އޭނާ އެލަނޑު ސަންހާއީ ޓީމުގެ ގޯލްތެރެއަށް ވައްދާލީ ނިއުގެ ހަލުވި އަދި ރާއްޖޭގެ ގައުމީ ފުޓްބޯޅާ ޓީމުގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ސަންހާއި ޓީމުގެ ދެ ކުޅުންތެރިން ކައިރިން ވަރަށް ފަސޭހައިން ނައްޓާލުމަށްފަހު އޭރިޔާ ތެރޭގައި އެވަގުތު ހުރި އުމެއިރަށް ދިން ރީތި ބޯޅަ އަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ނިއުއަށް މިއަދުގެ މެޗުގައި ލިބިގެން ދިޔަކަން ފާހަގަ ކޮށްލެވުނެވެ. އެގޮތުން ނިއުގެ އަލީ އުމަރަށާއި އަލީ އަޝްފާގް (ދަގަނޑޭ)އަށް ފުރަތަމަ ހާފުގައި ގޯލްޖަހާ މެޗުގެ ލީޑް ނަގަން ލިބުނު ފުރުސަތު ތައްފާހަގަ ކޮށްލެވެއެވެ. އެހެން ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމުނީ ދެ ޓީމް ކުރެ އެއްޓީމަކަށް ވެސް ގޯލެއް ކާމިޔާބު ނުކުރެވިއެވެ.
މިފަހަރުގެ އޭފްސީ ކަޕުގައި ނިއު ވާދަކުރާ ގްރޫޕް އެފްގައި ދެން ހިމެނެނީ މިޔަންމާގެ ޔަންގޮން ޔުނައިޓެޑް އާއި އިންޑޮނީޝިއާގެ ޕަރްސީބޯ އެވެ. މި ގުރޫޕްގައި ނިއު ދެން އެންމެ އަވަހަށް ވެސް މެޗެއް ކުޅޭނީ އަންނަ އަންގާރު ދުވަހު ރަށުން ބޭރުގައި އިންޑޮނޭޝިއާގެ ޕެރްސިބޯއާ ދެކޮޅަށެވެ.
އޭއެފްސީ ކަޕްގައި ރާއްޖޭން ދެން ވާދަކުރަނީ މާޒިޔާ އެވެ. މުބާރާތުގައި މާޒިޔާ ކުޅޭ ފުރަތަމަ މެޗް އޮތީ މާދަމާ މެލޭޝިއާގެ ކެލަންޓަންއާ ދެކޮޅަށް އެ ގައުމުގަ އެވެ. މިމުބާރާތުގައި ފުރަތަމަ ފަހަރަށް ވާދަކުރާ މާޒިޔާ ހިމެނެނީ ގްރޫޕް ޖީ ފަލީގަ އެވެ. އެ ފަޅީގައި ހިމެނޭ ޓީމް ތަކަކީ މެލޭޝިޔާގެ ކެލަންޓަން އާއި މިޔަންމާގެ އަޔޭޔަވަދޭ އާއި ވިއެޓްނާމްގެ އެސްއެޗްބީ ޑަ ނަންގު އެވެ.
ގްރޫޕް ސްޓޭޖުގައި 32 ޓީމު ވާދަކުރާ މިމުބާރާތުގެ ގުރޫޕުތައް ބަހާލާފައި ވަނީ ދެ ބަޔަކަށެވެ. އެއީ ގްރޫޕް އޭ، ބީ، ސީ އަދި ޑީ ހިމެނޭ ހުޅަނގު އޭޝިޔާ ފަޅި އާއި ގްރޫޕް އީ، އެފް، ޖީ އަދި އެޗް ހިމެނޭ އިރުމަތީ އޭޝިޔާގެ ފަޅި އެވެ.
އެންމެ ފަހުން ބޭއްވި އޭއެފްސީ ކަޕްގައި ރާއްޖެ އިން ވާދަކުރީ ވީބީ އައްޑޫ އެފްސީ އާއި ވިކްޓަރީ ސްޕޯޓްސް ކުލަބެވެ. އެ މުބާރާތުގެ ޗެމްޕިއަނުންނަކީ ކުވެއިތުގެ ކުވެއިތު ސްޕޯޓްސް ކުލަބެވެ.