މިހާތަނަށް އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ކުރުމަކަށް ނުވަތަ އެއްވެސް ޕާޓީއަކާ އެކު ކޯލިޝަން ހެދުމަކަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމައިފައި ނުވާކަމަށް އެ ޕާޓީން ބުނެފި އެވެ.

އަދާލަތު ޕާޓީ އަށް ދިހަ ހާސް މެމްބަރުން ހަމަވެއްޖެ ކަން އިލެކްޝަންސް ކޮމިޝަނުން ކަށަވަރު ކޮށްދިނުމާ ގުޅިގެން އެ ކަމާ ގުޅޭ ގޮތުން ނޫސްވެރިންނަށް އިތުރު މައުލޫމާތު ދިނުމަށް އެ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސް ގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވީ މިހާތަނަށް ތިން ޕާޓީ އަކާ އެކު މަޝްވަރާތައް ބާއްވައިފައިވާ ކަމަށާއި، ނަމަވެސް މިހާތަނަށް އެ ބައްދަލުވުންތަކުން ވެސް ނަތީޖާއަކާ ހަމައަށް ދެވިފައި ނުވާ ކަމަށެވެ.

އަދާލަތު ޕާޓީން މިހާތަނަށް މަޝްވަރާތައް ބާއްވައިފައި ވަނީ ޕީޕީއެމް އާ ޖުމްހޫރީ ޕާޓީގެ އިތުރުން ރައީސް ވަހީދު ނިސްބަތްވާ ގައުމީ އިއްތިހާދާ އެކުގަ އެވެ.

އޭނާ ވިދާޅުވީ އިތުރު ފަރާތް ތަކާއި އެކު މާދަމާ އިން ފެށިގެން މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ލަސްތަކެއް ނުވެ ވަކި ގޮތެއް ނިންމައި، އެކަން އިއުލާން ކުރައްވާނެ ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިހާތަނަށް ތިން ޕާޓީ އަކާ އެކު މަޝްވަރާތައް ބޭއްވިއްޖެ. މި ވޭތުވެ ދިޔަ ދުވަސްތަކުގައި އަޅުގަނޑުމެންނަށް ރަށުން ބޭރުގައި އުޅެން ޖެހުމުގެ ސަބަބުން މަޝްވަރާތައް ވަނީ މަޑުޖެހިފައި. ނަމަވެެސް އިރާދަ ކުރެއްވިއްޔާ މާދަމާއިން ފެށިގެން އަލުން މަޝްވަރާތައް ފަށާނަން. އަދި ވަރަށް އަވަހަށް ގޮތެއް ނިންމައި، އިއުލާން ކުރާނަން،" އިމްރާން ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ބިލު ރައީސް ތަސްދީގު ނުކުރައްވައި އަނބުރައި، މަޖިލީހަށް ފޮނުއްވައިލެއްވުމުން، އެއްވެސް އިސްލާހަކާ ނުލައި އެ ބިލް މިއަދު ފާސްކޮށްފައި ވާތީ އެކަމާ ގުޅޭގޮތުން އިމްރާން ވިދާޅުވީ އެ ބިލާ ދޭތެރޭ އެ ޕާޓީން ދެކޭ ގޮތަކީ އެ ބިލް އެންމެ ފުރަތަމަ ފާސްކުރި ދުވަހު ވެސް ދެކެމުން އައި ގޮތް ކަމަށެވެ.

އެގޮތުން އެ ބިލަކީ ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް ހިމެނޭ ބިލެއް ކަމަށް އިމްރާން ވިދާޅުވި އެވެ.