މިއަދު ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހައްޔަރުކުރުމަށް ފުލުހުން ހިންގި ހަރަކާތް ކަވަރުކުރުމަށް މަސައްކަތްކުރި ސަން އޮންލައިން އަދި ވީޓީވީގެ ނޫސްވެރިންނަށް ދިން ހަމަލާތައް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އަދި މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން (އެމްބީސީ) އިން ކުށްވެރިކޮށްފި އެވެ.

އެމްޖޭއޭ އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސަން އޮންލައިންގެ ޖާނަލިސްޓް މުރުޝިދު އަބްދުލްހަކީމާއި ވީޓީވީގެ ކެމެރާމަން ރިލުވާން މޫސާ އަށް އަމާޒުކޮށްދިން ހަމަލާތަކަކީ "ސީދާ ނުސްވެރިކަމަށް އަމާޒުކޮށް ދިން ހަމަލާތަކެއް" ކަމަށާއި، "ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުމަށް ދިން ފިނޑި، ދަށު ދަރަޖައިގެ" ހަމަލާތައް ކުށްވެރި ކުރާ ކަމަށެވެ.

ބްރޯޑްކާސްޓިންގް ކޮމިޝަންގެ ބަޔާނުގައި ވެސް ވަނީ މިފަދަ އިބާރާތްތަކަކުން ދެހަމަލާ ކުށްވެރިކޮށްފަ އެވެ.

"މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުމަށް ދިން ފިނޑި، އެހާމެ ދަށު ދަރަޖައިގެ އަމަލެއް ކަމަށް މި ކޮމިޝަނުން ދެކެން. މި ހަމަލާ ދިން ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަން. އަދި މިނިވަންކަމާ އެކު ހަރަކާތްތެރިވުމަށް މީޑިއާ އަށް ފުރުސަތުދީ އެއްބާރުލުން ދިނުމަށް ސިޔާސީ ޕާޓީތަކާއި އާންމު ރައްޔިތުންނަށް މި ފުރުސަތުގައި ގޮވާލަން." ބްރޯޑްކާސްޓިންގް ކޮމިޝަންގެ ބަޔާނުގައިވެ އެވެ.

ސަން އޮންލައިންގެ ޖާނަލިސްޓް މުރުޝިދަށް ހަމަލާދީފައި ވަނީ ރައީސް ނަޝީދާއި އާއިލާ ދިރިއުޅުއްވާ ކެނެރީގޭ ކައިރީރިން ނަޝީދު ހައްޔަރުކުރި ހާދިސާ ކަވަރުކުރަން ހަރަކާތްތެރިވަމުން ދަނިކޮށެވެ. އެ ސަރަހައްދުން މުރުޝިދަށް ހަމަލާދިން މީހުން ވަނީ އޭނާގެ ގައިގައި ތަޅައިގަނެ ގަމީސް ވީދާލާ، އޭނާގެ ފޯނު ވެސް ފޭރިގެންފަ އެވެ.

ވީޓީވީގެ ކެމަރާމަން ރިލްވާން މޫސާ އަށް ހަމަލާދީފައި ވަނީ ވެސް ހަމަ އެސަރަހައްދުން ނެވެ. އޭނާގެ އަތުގައި އޮތް ކެމެރާ ހަލާކުކޮށްލާފައިވާ އިރު، ކެމެރާގެ މެމޮރީ ކާޑު ވެސް ފޭރުގެންފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ސަން އަށް މައުލޫމާތު ދެމުން ރިލްވާން ބުނެފައި ވަނީ މުރުޝިދަށް ދިން ހަމަލާ އޭނާގެ ކެމެރާ އިން ރެކޯޑުކުރި ކަމަށާއި އޭނާ އަށް ހަމަލާދީފައި ވަނީ އެކަން އެނގިގެން ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިހަމަލާގައި ދެނޫސްވެރިންނަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވެ އެވެ.