އޭސީސީ އަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލިހުން ރުހުން ދީފައިވާ ހަސަން ލުތުފީ އޭސީސީގެ މެމްބަރުކަމުގެ ހުވާ ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި މިއަދު ކުރައްވައިފި އެވެ.


ސ. ހިތަދޫ ރަންފަސް، ހަސަން ލުތުފީ އަށް މިއަދު ހުވައިލައި ދެއްވެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ.


ލުތުފީ އައްޔަން ކުރެއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިގު އިންތިޒާރަކަށްފަހު މިކަން ހަމަޖެހުނީ ކަމަށް ވިދާޅުވެ، އެކޮމިޝަންގައި ލުޠުފީގެ މަސައްކަތް ވަރަށް ފުރިހަމައަށް ގެންދަވާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި  ވިދާޅުވީ ލުތުފީ އައްޔަން ކުރެއްވެވީ ބަންޑާރަ ނައިބުގެ ލަފާފުޅާއެކުގައި ކަމަށެވެ.


ލުތުފީ ވިދާޅުވީ ކޯޓުގެ އަމުރާ އެއް ގޮތަށް އޭނާ އޭސީސީއަށް އައްޔަން ކުރެއްވުމުން މިއަދު އުފާވެރި އިހުސާސްތަކެއް ކުރެއްވުނު ކަމަށާއި "މިކަމުގެ ހުރިޙާ ކަމެއްވެސް ނިމިގެން މިދިޔައީ ރަނގަޅަށް" ކަމަށެވެ.


"އަޅުގަނޑު ޔަގީން ކަން އަރުވަން އަޅުގަނޑު މަސައްކަތް ކުރާނީ ކުރިއެކޭ ވެސް އެއްގޮތަށް ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް. އޭސީސީގައި އަޅުގަނޑު ކުރަންޖެހޭ މަސައްކަތުގައި ސާބިތުވެ ހުންނާނަން،" ލުތުފީ ވިދާޅުވި އެވެ.


މިއަދު ލުތުފީ ހުވައި ކުރެއްވެވީ 30 ދުވަހުގެ ތެރޭގައި އޭނާ އޭސީސީގެ މެންބަރު ކަމަށް އައްޔަން ކުރުމަށް ރައީސުލް ޖުމްހޫރިއްޔާގެ މައްޗަށް ލާޒިމުކޮށް މަދަނީ ކޯޓުން ހުކުމް ކުރެއްވިތާ 13 ދުވަހުގެ ތެރޭގަ އެވެ.


އެ ކޯޓު އަމުރުގައި ބުނަނީ ހަސަން ލުތުފީ އޭސީސީއަށް އައްޔަން ކުރުމަކީ ރައީސުލް ޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.


ކުރީގެ އޮޑިޓަ ޖެނެރަލް އިބްރާހިމް ނައީމްގެ މައްޗަށް ހިޔާނާތުގެ ތުހުމަތުތަކުގެ މައްސަލަ ފެންމަތިކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެންނެވި ލުތުފީ އަލަށް އެކުލަވާލާ އޭސީސީގެ މެމްބަރުކަމަށް ލުތުފީގެ ނަން ފާސްކުރުމަށް ރައީސް މުހައްމަދު ނަޝީދަށް ފެނިވަޑައިގެން މަޖިލީހަށް ފޮނުއްވީ 13 ޖޫން 2009 ގަ އެވެ. ނަމަވެސް ޖޫން 25 ގައި ރައީސް ލުތުފީގެ ނަން އަނބުރާ ގެންދަވައި އެހެން ނަމެއް އޭގެ ބަދަލުގައި މަޖިލީހަށް ފޮނުއްވިއިރު މަޖިލީހުގެ ކޮމެޓީން އޮތީ ލުތުފީއާ އިންޓަވިއު ކޮށް ނިންމައިފަ އެވެ.


އޭސީސީގެ މެމްބަރުކަމަށް ލުތުފީ އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދިނީ ޖުލައި 6، 2009ގަ އެވެ.  


އޭސީސީގެ މެމްބަރުކަމަށް ލުތުފީ އައްޔަން ނުކުރައްވައި އޮތް ދުވަސްތަކުގެ ތެރޭގައި އޭސީސީން ވެސް ވަނީ ލުތުފީއާ ދެކޮޅަށް މަސައްކަތްތަކެއް ކޮށް ބަޔާންތައް ނެރެފައެވެ. ކުރީގެ އޮޑިޓަ ޖެނެރަލްގެ މައްޗަށް ކުރި ހިޔާނާތުގެ ތުހުމަތުތަކާ ގުޅޭ ލިޔުންތަކެއް މަޖިލީހުގެ އިތުރުން ބައެއް ނޫސްތަކަށް ލުތުފީ ފޮނުވާފައިވާ ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް އޭސީސީން ފުލުހުންނަށް ވެސް ހުށަހެޅި އެވެ.