ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާ އުފުލާފައިވާ ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއް ކަމަށް ސްޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނިކޮށް، ހުޅުމާލޭ ކޯޓު އުވާލެވޭ ގޮތަށް ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވުމަކީ ސްޕްރީމް ކޯޓަށް ޗެލެންޖު ކުރެއްވުން ނޫން ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭ ކޯޓު އުވާލެވޭ ގޮތަށް ކޯޓުތަކުގެ ގާނޫނުގެ ހަ މާއްދާއަކަށް އިސްލާހު ހުށަހެޅުއްވަމުން މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއް ކަމަށް ކަނޑައަޅައި ސްޕްރީމް ކޯޓުން ކުރި ހުކުމަކީ ކޯޓުތަކުގެ ގާނޫނު މަޖިލީހުން ހެދި އިރު މެންބަރުން ގެންގުޅުއްވި "ނިޔަތާ" ދެކޮޅު ނިންމުމެއް ކަމަށެވެ. މެންބަރުންގެ ނިޔަތަކީ ސްޕީރިޔާ ކޯޓުތައް ފިޔަވައި އެހެން ކޯޓުތައް މާލޭގައި ނުހެދުން ކަމަސް ނަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޯޓުތަކުގެ ގާނޫނުގައި މެންބަރުން ގެންގުޅުއްވި ނިޔަތް އިތުރަށް ތަފްސީލުކޮށް "ތައުގީދުކޮށް،" ދެވަނަ ގޮތަކަށް މާނަ ނުކުރެވޭ ގޮތަށް ސާފުކޮށް އަލުން ބަޔާންކޮށްދޭން ޖެހޭ ކަމަށެވެ. އަދި އެ ބޭނުމުގައި އިސްލާހު ހުށަހެޅުއްވީ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މިހާލަތުގައި މިދިމާވަނީ ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ގާނޫނެއްގެ ނިޔަތާއި ސްޕްރީމް ކޯޓުން އެ މާނަ ކުރިގޮތާ ތަފާތުވަނީ. އެހެންވީމަ އަޅުގަނޑުމެންނަށް އޮތީ އެންމެ ޗޮއިސްއެއް. އެއީ އެ ގާނޫނު ފާސް ކުރި އިރުގަ އަޅުގަނޑުމެން ގެންގުޅުނު ނިޔަތް އިތުރަށް ތައުގީދުކޮށްދިނުން ކަށަވަރުކޮށްދިނުން ސާފުކޮށްދިނުން. އަޅުގަނޑު މިއަދު މިކުރާ މަސައްކަތަކީ މިދެންނެވި މަސައްކަތް. ކޯޓުތަކުގެ ގާނޫނު ފާސްކުރި އިރުގައި އަޅުގަނޑުމެން ގެންގުޅުނު ނިޔަތް ދެވަނަ ގޮތަކަށް މާނަ ނުކުރެވޭ ވަރަށް ސާފުކޮށް ބަޔާންކޮށްދިނުން. ކޮންމެ މައިކްރޯސްކޯޕެއްގެ ދަށަށް ލިޔަސް އެ ނަތީޖާ ނޫނިއްޔާ ނުނިކުންނާނެ ގޮތަށް ސާފުކޮށް ކަންކަން ބަޔާންކޮށްދިނުން،" ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވަމުން ނަޝީދު ވިދާޅުވި އެވެ.

ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއް ކަމަށް ސްޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނިކޮށް، ހުޅުމާލޭ ކޯޓު އުވާލުމަށް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް އަމިއްލަފުޅަށް އިސްލާހު ހުށަހެޅުއްވީ ސްޕްރީމް ކޯޓަށް "ތަހައްދީ" ނުވަތަ ޗެލެންޗު ކުރަން ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ގާނޫނުތައް ހެދުމާއި ގާނޫނުތަކަށް އިސްލާހު ގެނައުމަށް ހުށަހެޅުމަކީ މަޖިލީހުގެ ކޮންމެ މެންބަރަކަށް ލިބިވަޑައިގެންފައިވާ އިމްތިޔާޒެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ބޭރުގެ ގައުމުތަކުގައި ވެސް ގާނޫނު ހަދާ މަޖިލިސްތަކުން ހަދާ ގާނޫނުތަކުގެ "ނިޔަތާ" ފުށުއަރާ ގޮތަށް އެ ގައުމުތަކުގެ މަތީ ކޯޓުތަކުން ވެސް މާނަ ކުރުމުން، ގާނޫނުތަކަށް އިސްލާހު ގެނެސްފައިވާ ކަމަށެވެ. މިސާލެއްގެ ގޮތުގައި ނަޝީދު ނެންގެވީ އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް އިން ފާސް ކުރާ ގާނޫނުތަކުގެ "ނިޔަތާ" ފުށުއަރާ ގޮތަށް އެ ގައުމުގެ ސްޕްރީމް ކޯޓުން މާނަކުރުމުން، އިސްލާހު ގެނެސްފައިވާ އެ ގައުމުގެ ބައެއް ގާނޫނުތައް މަޖިލީހަށް އިއްވެވި އެވެ.