05 Mar 2013, 15:36
ހދ. ނޭކުރެންދޫ ރަންވިއު ފާތިމަތު ޒަކަރިއްޔާ (ފާތުމަ) މަރުވި ދުވަސް ނޫން ކުރީ ދުވަހު އޭނައާ ބައްދަލުވެ ވާހަކަ ދައްކާފައިވާ ކަމަށް އޭނާ މަރާލިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކޮށްފައިވާ ކ. ގުރައިދޫ ގުލްހަޒާރުގޭ، އަލީ ޝަހީމް ބުނެފި އެވެ.
އޭނާ އެގޮތަށް ބުނީ ދައުލަތުން އޭނާގެ މައްޗަށް ކޮށްފައިވާ ގަސްތުގައި މީހަކު މަރާލުމުގެ މައްސަލައާ ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ.
ޝަހީމް ބުނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު އިރުއޮއްސުނު ގަޑީގައި ނޭކުރެންދޫގައި އޭނާ ދިރިއުޅޭ ގެ ކައިރިން ދިމާވެގެން ފާތުމަ އިސްވެ އޭނައާ ވާހަކަދެއްކި ކަމަށެވެ. އަދި ގިނަ އިރުތަކެއް ވަންދެން ދެ މީހުން ވާހަކަދައްކަން ތިބި އިރު ގިނަ ބަޔަކަށް އެތަން ފެންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
"އިރުއޮއްސުނު ގަޑީގައި އަޅުގަނޑުމެންގެ ގެއާ ދިމާލުން އޭނައާ ވާހަކަދެއްކީ. ވަރަށް ގިނަ މީހުންނަށް އެތަން ފެންނާނެ. ފާތުމަތު ޒަކަރިއްޔާ ފުރަތަމަ އަޅުގަނޑާ ވާހަކަދެއްކީ. އޭނަ ދެއްކީ ދަރިން އަޅާނުލާ ވާހަކަ،" ޝަހީމް ބުންޏެވެ.
ޝަހީމްގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ މަޢުރިބް ނަމާދު ބަންގީގެ ފަހުގެ ވަގުތެއްގައި ނޭކުރެންދޫ ރަންވިއު ގެއަށް އޭނާ ގޮސް އުޅުމުގެ ތެރޭގައި އެގޭ ކޮޓަރިތެރޭގައި އޮތް ތުވާލިގަނޑެއް ނެގުމަށް ފަހު ފާތުމަގެ ފަހަތުން ގޮސް ތުވާލިގަނޑާ އެކު ފާތުމަ އަނގަ އާއި ނޭފަތާއި އެއްކޮށް ހިފަހައްޓައި ނޭވާ ހާސްކޮށް އޭނާ މަރާލާފައިވާ ކަމަށެވެ. އަދި ފާތުމަ މަރާލުމަށް ފަހު އޭނަގެ މޯބައިލް ފޯނާއި ގަހަނާތައް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ވެސް ދައުލަތުން ވަނީ އޭނާގެ މައްޗަށް ދައުވާ ކޮށްފަ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ވަނީ ވައްކަމުގެ މައްސަލައާ މަރުގެ މައްސަލައާ ގުޅިގެން ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކީންގެ ހެކިބަސް ނަގާފަ އެވެ.
ހެކިބަސް ދިން އެރަށު މީހަކު ބުނީ ފަތުމަގެ ޚަބަރެއް ނުވެގެން މާލޭގައި އުޅޭ އޭނާގެ ދަރިއަކު ތަކުރާރުކޮށް ގުޅާތީ އޭނާ އެގެއަށް ދިޔައިރު ގޭގެ ދޮރުލައްޕާފައި ހުރުމުން ދޮރުގައި ޓަކި ދީގެންވެސް ފާތުމަގެ އަޑެއް ނީވުނު ކަމަށެވެ. އަދި އެހެންވެ ދަނޑިބުރިއަކުން އެގޭގެ ފުރާޅުގައި ޖެހުމުން ވެސް އޭނާގެ އަޑެއް ނީވޭތީ ފުލުހުންގެ ހުއްދައާ އެކު އެގޭ ކުޑަދޮރުގައި ހުރި ލޫވާތައް ނައްޓާލައި އެގެއަށް މީހަކު ވައްދައި ބެލިއިރު ކޮޓރިއެއްގެ ތެރޭގައި ފާތުމަ އޮތީ މަރުވެފައި ކަމަށެވެ.
އޭނާ ބުނީ އެވަގުތު ފާތުމަގެ ގަބުރު އެތަނުން ގެންދަން އުޅެނިކޮށް އެކަމުގައި އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ކަމަށް ޝަހީމް ބުނި ކަމަށެވެ. އަދި ގެއިން ނިކުމެގެން ދިޔައިރު ގޭގެ ތަޅުލާނެ ކަމެއް ނެތްކަމަށް ޝަހީމް އޭނާ ކައިރި ބުނި ކަމަށް ވެސް އެމީހާ ބުންޏެވެ.
ހެކިބަސް ދެމުން ޝަހީމްގެ ކުރީގެ އަންހެނުން އާއިޝަތު ޝަބާނާ ބުނީ ފާތުމަ މަރުވި ރޭ ފާތުމަގެ ގަބުރު ހިނަވާގޭގައި ބާއްވާފައި އޮއްވާ އެރޭ އެތަނުގައި ހުންނަން ބޭނުންވާކަމަށް ޝަހީމް ބުނި ކަމަށެވެ. އަދި އޭގެ އަނެއް ދުވަހުގެ ހެނދުނު ކުޅުދުއްފުއްޓަށް ދާން ބޭނުންކަމަށް ޝަހީމް ބުނުމުން އެކަމާ އޭނާގެ އަންހެނުން ނުރުހޭ ވާހަކަ ބުނިކަމަށް ވެސް އޭނާގެ އަންހެނުން ބުންޏެވެ.
ހެކިބަސް ދެމުން މާލޭގައި ދިރިއުޅޭ ފަތުމަގެ އަންހެން ދަރިއަކު ބުނީ ނިދަން އޮށޯތުމުގެ ކުރިން ކޮންމެ ރެއަކު ވެސް މަންމަ އޭނައާ ގުޅައި ހަދާ ކަމަށެވެ. ނަމަވެސް އެރޭ މަންމަގެ ޚަބަރެއް ނުވިއިރު އެދުވަހުގެ 5:30 ހާއިރު މަންމައާ ގުޅުމުން ފޯނުނެގިތާ އިރުކޮޅަކުން ފޯނު ކެނޑިފައިވާކަމަށާއި އޭގެފަހުން އެއްވެސް ގޮތަކަށް މަންމައާ ނުގުޅޭ ކަމަށެވެ.
ހެކިބަސް ދިން ފުލުހަކު ބުނީ ފާތުމަ މަރާލި ދުވަހާ ޖެހިގެން އައި ދުވަހު އިތުރު ދެ ފުލުހަކާ އެކު އޭނާ ގޮސް ޝަހީމް ހައްޔަރު ކުރުމަށް ފަހު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ކަމަށެވެ. އަދި އެވަގުތު އޭނާ ޗެކްކުރި އިރު އޭނާގެ އަތުން ފެނުނު ނޮކިއާ ބައްތި ފޯނުގެ އައިއެމްއީ އައި ނަންބަރާއި ފާތުމަގެ ފޯނުގެ އައިއެމްއީއައި ނަންބަރާ ދިމާވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ފޯނާ ބެހޭގޮތުން ސުވާލު ކުރުމުން ޝަހީމް ބުނީ އެ ފޯނަކީ ކުޅުދުއްފުށީ މަގުމަތިން ދިމާވި މީހެއްގެ އަތުން އޭނާ ގަތް ފޯނެއް ކަމަށެވެ. ނަމަވެސް އެ ފޯނު އޭނައަށް ވިއްކީ ކާކުކަމެއް ނޭނގޭ ކަމަށް ވެސް ޝަހީމް ބުންޏެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ ދައުލަތުން ހުށަހަޅާފައިވާ ހުރިހާ ހެކީން މިއަދު ހާޒިރު ކުރެވިފައި ނުވާތީ ދެން އޮންނަ އަޑުއެހުމެއްގައި ވެސް އޮންނާނީ ހެކީންގެ ހެކިބަސް ނެގުން ކަމަށެވެ.