ރައީސުލްޖުމްހޫރީއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރިޔާސީ ބަޔާން އިއްވުމަށް މަޖިލީހަށް ވަޑައިގެން ހުންނަވަނިކޮށް ސައިފޮދު ހިއްޕެވުމަށް ރައްޔިތުންގެ މަޖލީހުގެ ރައީސް އަބްދުﷲޝާހިދު ދައުވަތު އެރުވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރީއްޔާ މަޖިލީހުގައި މަޑުކޮށްލެއްވުމަށް ހަމަޖެހިފައިވާ ކޮޓަރި ކޮޅުގައި އިންނަވަނިކޮށް ސައިފޮދު ހިއްޕެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ދައުވަތު އެރުވުމުން ރައީސުލްޖުމްހޫރީއްޔާ ސައިފޮދު ހިއްޕަވަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވި ކަމަށެވެ.

"ރައީސުލްޖުމްހޫރީއްޔާ ރައްޔިތުންގެ މަޖިލީހުގައި މަޑުކޮށްލެއްވުމަށް ހަމަޖެހިފައިވާ ކޮޓަރިކޮޅުގައި އިންނަވަނިކޮށް ސައިފޮދެއް ހިއްޕެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ދައުވަތު އެރުވި އެވެ. ނަމަވެސް ރައީސުލްޖުމްހޫރީއްޔާ އެ ދައުވަތު ގަބޫލުފުޅެއް ނުކުރެއްވި އެވެ. އަދި ސައިފޮދު ހިއްޕެވުމަށް ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ ދައުވަތު އިތުރަށް ތަކުރާރު ކުރެއްވުމުން ރައީސުލްޖުމްހޫރީއްޔާ ސައިފޮދު ހިއްޕެވުމަށް އެއްބަސްވެވަޑައިގަތެވެ." މަޖިލީހުގެ ނޫސްބަޔާނުގައިވެ އެވެ.

މަޖިލީހުގެ ނޫސްބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރީއްޔާ ސައިފޮދު ހިއްޕެވުމަށް އެއްބަސްވެ ވަޑައިގެންނެވުމުން އެ މަނިކުފާނަށާއި އެ މަނިކުފާނުގެ އަރިހުގައި ތިއްބެވި ބޭފުޅުންނަށް މަޖިލީހުގެ ރައީސްގެ އެންގެވުމުގެ މަތިން އަމީންއާންމު ސައިފޮދު ކަންތައް މަޖިލީހުގެ އިދާރާގެ މުވަޒިފުން މެދުވެރި ކޮށް ހަމަޖައްސަވައި ދެއްވި ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ފަރީކުޅުއްވި ކަމަށް ވިދާޅުވި ޗޮކުލެޓާ ބެހޭ ގޮތުން މަޖިލީހުގެ ބަޔާނުގައި ބުނެފައި ވަނީ އެ ޗޮކުލެޓަކީ މަޖިލީހުގެ އިދާރާ އިން އެރުވި ޗޮލުލެޓެއް ނޫން ކަމަށާއި އެ ޗޮކުލެޓަކީ ހިލާލީގެއިން އެ މަނިކުފާނު ގެންނެވި ޗޮކުލެޓެއް ކަމަށެވެ.