މާފަންނު ސްޓޭޑިއަމްގައި ހަދާފައިވާ ޓާފް ދަނޑުތައް ދިއްލުމަށްޓަކައި މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އާއި ދެމެދު 1.7 މިލިޔަން ރުފިޔާގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގައި މިއަދު އޮތް އެއްބަސް ވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ކުޅިވަރާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ އެވުޒާރާގެ ވަޒީރު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) އެވެ. ސްޓެލްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ބޯޑުގެ ޗެއާމަން އަޙްމަދު ޝަރީފް އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވީ މިއަދު މި އެއްބަސް ވެވުނު މަސައްކަތަކީ ހަގީގަތުގައި ލަފާކުރެވިފައިވާ ވަރަށްވުރެ ކުޑަ ބަޖެޓަކުން ނިންމާލެވޭ ވަރުގެ މަސައްކަތެއް ނަމަވެސް އެ ހަރަދު ބޮޑުވެގެން ގޮސްފައި މިވަނީ އެތައް އަހަރެއް ވެގެން ދިޔަ އިރު ވެސް އެމަސައްކަތް ކުރެވިފައި ނުވާތީއާއި އަދި "ޓްރާންސްފޯމާ"އަށް ކުރަން ހެހޭ ހަރަދު ބޮޑުވުމެވެ.

"ހަގީގަތަކީ މީގައި އަމަލީގޮތުން ކުރަން ޖެހޭ މަސައްކަތް އެހާ ބޮޑެއް ނޫން. މި މަސައްކަތަކީ އަޅުގަނޑުމެން ދިރާސާކުރި އިރު، އެތައް އަހަރެއް ދިގުގެމިގެން ގޮސްފައިވާ މަސައްކަތެއް. ޖުމްލަ ސްޓެލްކޯ އަށް ވިޔަސް އަދި އެހެން ފަރާތަކަށް ވިޔަސް މިކަމުގައި އަޅުގަނޑުމެން ދޭންޖެހޭ އަގު މި ބޮޑުވަނީ ޓްރާންސްފޯމާ އާއި ގުޅުންހުރި ކަމަކަށް ވާތީ. އެހިސާބުގެ ކަރަންޓް ދާއިމީ ގޮތަކަށް ދިއްލައިގެން ބޭނުން ކުރާވަރަކަށް ރަނގަޅެއް ނޫން. އެހެންވީމާ އެބޭފުޅުން އެތަނުގެ ކޭބަލިން އާއި ޓްރާންސްފޯމަރުގެ ބޮޑިތި ބަދަލުތަކެއް އެގެންނަވަނީ." މުންދު ވިދާޅުވި އެވެ.

މުންދު އިތުރަށް ވިދާޅުވީ މިހާރު ވެސް އެތަނުގައި ބައްތިތައް އެބަހުރި ކަމަށާއި އަދި ސްޓެލްކޯގައި ކަރަންޓު ވެސް އެބަ ހުރި ކަމަށެވެ. އެހެން ކަމުން މި މަސައްކަތް ނިންމާލަން މާ ގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށާއި ކުރަންޖެހޭ މަސައްކަތަކީ ސްޓެލްކޯއާ ދަނޑުތަކާ ގުޅުވާލުމުގެ މަސައްކަތް ކަމުން ގާތްގަނޑަކަށް މަހެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާ ލެވޭނޭ ކަމަށެވެ.

"ލައިޓް އެބަހުރި. ސްޓެލްކޯގައި ކަރަންޓު އެބަހުރި. ސްޓެލްކޯއާ މިތަނާ ގުޅުވުމުގެ މަސައްކަތް ހަގީގަތުގައި އެއީ. އެހެންވީމާ މާ ގިނަ ދުވަސް ނަގާނޭ މަސައްކަތެއް ނޫން މީ. އެހެން ނަމަވެސް އެނގިވަޑައިގަންނަވާނެ އެތާ ޓްރެކް ދަނޑުގެ މެދުގައި ވެސް ޓްރާންސްފޯމަރެއް އެބައިން. އަދި ބާސްކެޓްބޯޅަ ކޯޓުގައި ވެސް ޓްރާންސްފޯމަރެއް އިންނާނެ. އެހެންވީމާ އެތަނުގެ ކަރަންޓުގެ ފެންވަރު ރަނގަޅުކުރުމާއި ދަނޑިތަކުގައި ތިރިއަށް ގެނެވިފައި ހުރި ކޭބަލިންއާއި ސްޓެލްކޯއާ އަޅުގަނޑުމެން ގުޅާލަން މިޖެހެނީ،" ވަޒީރު ވިދާޅުވި އެވެ.

ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި މީގެ ކުރިން އެ ވުޒާރާ ހިންގެވި ބޭފުޅުން ވެސް އެކަމަށް ދަނޑުތައް ދިއްލުމުގެ މުހިއްމުކަން ވަނީ ފާހަގަ ކުރަށްވާފަ އެވެ. އެހެން ނަމަވެސް އަމަލީ ގޮތުން އެކަމަށް ފިޔަވަޅެއް އެޅުއްވިފައި ނުވާތީ އެ މަސައްކަތް ނުކުރެވި އޮތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ކުރިން މި މަގާމުގައި ތިއްބެވި ބޭފުޅުން ވެސް ކޮންމެ އަހަރަކު މިކަމުގެ މުހިއްމުކަން އެބަ ފާހަގަ ކުރަށްވާ. އެހެން ނަމަވެސް އެއްވެސް އިރެއްގައި ޕީއެސްއައިޕީގައި މިކަމަށް ފައިސާ ނުހިމަނުއްވައި މިކަމުގައި އޮތީމާ ކޮންމެ އަހަރަކު ވެސް މިކަން ނުވަނީ. އެހެންވީމާ އަޅުގަނޑުމެން ދުރާލައި މިފަހަރު އަޅުގަނޑުމެންގެ ޕީއެސްއައިޕީގައި މަޖިލީހަށް ހުށަހެޅި މުހިއްމު ތަސައްވުރުތަކުގެ ތެރޭގައި މީ އަޅުގަނޑުމެން މިހާރު ކޮންމެހެން ކުރަން ވެއްޖެ ކަމެއްގެ ގޮތުގައި ފާހަގަކޮށް މިފަހަރުދެން އިތުރަށް ލަސް ނުކޮށް މި އަހަރު އިރާދަކުރެއްވިއްޔާ މިކަން ކުރާނީއޭ އަޅުގަނޑުމެން ހިތުލައިގެން ހުށަހެޅީ،" މުންދު ފާހަގަ ކުރެއްވި އެވެ.

މުންދުގެ ވާހަކަފުޅުގައި ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ޓަކައި ފުޓްބޯޅައާ ބެހޭ މައި އިދާރާ (އެފްއޭއެމް) އިން ކުރަށްވަމުން ގެންދަވާ ބުރަ މަސައްކަތް ވެސް ފާހަގަ ކުރެއްވި އެވެ. އެގޮތުން އެ އިދާރާގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ރާއްޖޭގެ ދަނޑުތައް ދިއްލުމަށް ޓަކައި ސްޓެލްކޯއާ ގުޅިގެން މިހާތަނަށް ވެސް ވަރަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރަށްވާފައިވާކަން ފާހަގަ ކުރެއްވި އެވެ. އަދި ވަޒީރު ވިދާޅުވީ ރާއްޖޭގެ މަތީފެންވަރުގެ ފުޓްބޯޅަ ކުޅުންތެރިން ފަރިތަކޮށްލަން އޮތް މަދު ތަންތަނުގެ ތެރޭގައި ހިމެނޭ ޓާފް ދަނޑުތައް ރަނގަޅުފެންވަރެއްގައި ނެތުމުގެ ސަބަބުން ފުޓްބޯޅަ ކުޅުންތެރިންނާއި އަދި ޓީމުތައް ގަލޮޅު ދަނޑުގައި މެޗުތައް ކުޅެން ޖެހެނީ "ފުލް ދަނޑެއްގައި ޕްރެކްޓިސް ކޮށްލަން ނުލިބި" ކަމަށެވެ.