ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ބަދުރު ނަސީރު އެ ކޮމިޝަންގެ މެންބަރު ކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ މާސް ލިބިވަޑައިގެންނެވި ހއ. ދިއްދޫ އާލިޔާ، މުހައްމަދު އަސްލަމް ބްރޯޑްކާސްޓިން މެންބަރު ކަމަށް މަޖިލީހުން ހޮއްވައިފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލެއްވި 14 ބޭފުޅުންގެ ތެރެއިން މަޖިލީހުގެ ތަޅުމަށް ފޮނުއްވެވި ފަސް ބޭފުޅުންގެ ތެރެއިން އަސްލަމް އެ ކޮމިޝަންގެ މެންބަރު ކަމަށް ހޮއްވެވުމަށް ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 54 މެންބަރުންގެ އަޣުލަބިއްޔަތު އޭނާ އަށް ލިބިވަޑައިގެންނެވި އެވެ. އޭނާއާ ދެކޮޅަށް ދެ މެންބަރަކު ވޯޓު ދެއްވި އިރު، ހަތަރު މެންބަރަކު ވަކިކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ.

ބްރޯޑްކާސްޓިން މެންބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މަޖިލީހުގެ ތަޅުމަށް ފޮނުއްވެވި ފަސް ބޭފުޅުންގެ ތެރެއިން އަސްލަމްއަށް ލިބިވަޑައިގެންނެވީ 86.75 ޕަސެންޓް މާކްސް އެވެ. އަދި ދެ ވަނަ އަށް އެންމެ މަތީ މާކްސް ހޯއްދެވީ ކުރީގެ އެމްއެންބީސީގެ ސީއީއޯ އަދި މިހާރު ޓީވީއެމްގެ ޗީފް އޮޕަރޭޓިން އޮފިސަރު މ. ރަތްވިލާ މުހައްމަދު އާސިފް (މޮންދު) އެވެ. އޭނާ އަށް ލިބިވަޑައިގެންނެވީ 85.13 ޕަސެންޓް މާކްސް އެވެ. ތިން ވަނަ އަށް 78 ޕަސެންޓް މާކްސް ލިބިވަޑައިގެންނެވީ މ. ބީޗްހެވަން އަލީ ނަސީހަށެވެ. ގ. ޑޭޒީފެހި މުހައްމަދު ހިލްމީ އަށް ލިބިވަޑައިގެންނެވީ 76 ޕަސެންޓް މާކްސް އެވެ. ފަސް ވަނަ އަށް 75.75 ޕަސެންޓް މާކްސް ލިބިވަޑައިގެން ގދ. ރަތަފަންދޫ ބަހާރީވިލާ މިއުސަމް އައްބާސް އެވެ.