05 Mar 2013, 14:30
ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު އިސްކޮށް ހުންނަވައިގެން ރަޖިސްޓްރީކޮށްފައިވާ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް(އެމްޑީއޭ)ގެ މެންބަރުންގެ އަދަދު 10،000 ހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅާފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެ ޕާޓީގެ ސްޕޯކްސްޕާސަން އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު މިއަދު ސަން އަށް ވިދާޅުވީ އެ ޕާޓީގެ މެންބަރުންގެ އަދަދު 10،000 ހަމަކުރުމަށް މަދުވާ ފޯމްތައް މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ އެމްޑީއޭ އިން މިއަދު 4900 ފޯމް ހުށަހަޅާފައިވާ ކަމަށާއި އަދި ފެބްރުއަރީ މަހު 13 ވަނަ ދުވަހު 1000 ފޯމް، އެ މަހު 24 ވަނަ ދުވަހު 536 ފޯމް އަދި 25 ވަނަ ދުވަހު 618 ފޯމް ހުށަހަޅާފައިވާ ކަމަށެވެ.
ފުއާދު ވިދާޅުވީ އެ ޕާޓީން ހުށަހަޅާފައިވާ ޕެންޑިން ފޯމްތަކުގެ އަދަދު މިހާރު އުޅެނީ 7000 އަށް ވުރެ މަތީގައި ކަމަށާއި އެ ފޯމްތައް ޕްރޮސަސް ކުރުމުގެ މަސައްކަތް އިލެކްޝަންސް އިން ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވީ އެމްޑީއޭގައި ރަޖިސްޓްރީވުމަށް ހުށަހަޅާފައިވާ ފޯމްތަކުގެ އިތުރަށް އެ ޕާޓީގައި 3354 މެންބަރުން ރަސްމީކޮށް ރަޖިސްޓްރީވެފައިވާ ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި ބަދަލާ އެކު 10،000 މެންބަރުން ހަމަ ނުވާ ޕާޓީތައް އުވޭނެ ކަމަށް ގާނޫނުގައިވެ އެވެ.