ދިހަހާސް މެންބަރުން ހަމަނުވާ ޕާޓީތައް ތިން މަސް ފަހުން އުވާލެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސް ކުރި ސިޔާސީ ޕާޓީތަކުގެ ބިލު ރައީސް ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވާލެއްވުމުން، އެއްވެސް އިސްލާހަކާ ނުލައި އެ ދެ ބިލް މިއަދު ފާސްކޮށްފި އެވެ. އެ ދެ ބިލް ވެސް ފާސްކޮށްފައި ވަނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތަށް ވުރެެ ގިނަ ވޯޓުންނެވެ.

ގާނޫނު އަސާސީގެ 91 ވަނަ މާއްދާގެ (ށ) ގައި ބުނަނީ ތަސްދީގުނުކޮށް އަނބުރާ މަޖިލީހަށް ފޮނުއްވާ ބިލަކަށް އެއްވެސް ބަދަލެއް ނުގެނެސް، އެ ބިލް ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްތުން ފާސްވެއްޖެނަމަ އެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިރުކުރާންވާނެ އެވެ.

ސިޔާސީ ޕާޓީތަކުގެ ބިލު އޮތް ގޮތަށް ފާސް ކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސް ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ހުށަހަޅުއްވައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ތާއިދު ކުރެއްވި ހުށަހެޅުމަށް ވޯޓަށް އެހުމުން 60 މެންބަރުން އެ ބިލް ފާސް ކުރުމަށް ވޯޓު ދެއްވި އެވެ. ފާސް ކުރުމާ ދެކޮޅަށް ހަ މެންބަރުން މެންބަރަކު ވޯޓު ދެއްވި އެވެ.

އެއްވެސް އިސްލާހަކާއި ނުލައި އިމްތިޔާޒުގެ ބިލް ފާސް ކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު ހުށަހަޅުއްވައި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު ތާއިދު ކުރެއްވި ހުށަހެޅުމަށް ވޯޓަށް އެހުމުން 41 މެންބަރުން ވޯޓު ދެއްވި އެވެ. އަދި އެ ބިލް ފާސް ކުރުމާ ދެކޮޅަށް 25 މެންބަރުން ވޯޓު ދެއްވިއިރު، އެއް މެންބަރަކު ވަކިކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ.

މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަމުން ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ 39 މެންބަރުންގެ ވޯޓުން އަނބުރާ ފޮނުއްވާލައްވާ ބިލެއް އެއްވެސް އިސްލާހަކާ ނުލައި މަޖިލީހުން ފާސްކޮށްފިނަމަ އެ ބިލެއް ތަސްދީގުވާނެ ކަމަށެވެ.