05 Mar 2013, 13:10
ހެންވޭރު ފެހިއާބާދުގައި ބަނގުރާ ކައްކަމުން ގެންދަނިކޮށް މިދިޔަ މަހު ކުރީ ކޮޅު ފުލުހުން އަތުލައިގަން ބިދޭސީންނަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އެޅެމުން ދިޔަ ބައެއް ކަމަށް ފުލުހުން ބުނެފި އެވެ.
އެމައްސަލައިގެ ތަފްސީލް ދެއްވަމުން ހެޑް އޮފް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ރަޝީދު ވިދާޅުވީ ފެހިއާބާދު ގޭގެ އެޕާޓްމަންޓެއްގައި ބަނގުރާ ކައްކަމުން ދަނިކޮށް ފުލުހުން އަތުލައިގެން ބިދޭސީންނަކީ އެގޭގެ އެޕާޓްމަންޓެއް ކުއްޔަށް ހިފައިގެން އުޅޭ ތިން މީހުން ކަމަށް ތަހުގީގަށް އެނގިފައިވާ ކަަމަށެވެ. އަދި އެ އެޕާޓްމަންޓް ބަލައި ފާސްކުރުމުގެ ތެރޭގައި އެގޭތެރެއިން ފެނުނު "ވިކުރާ" ފޮތަކުން މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ ފެބްރުއަރީއާ ހަމައަށް އެމީހުން އެގޭގެ ތެރޭގައި ބަނގުރާ ކައްކައިގެން ވިޔަފާރިކޮށްގެން އެއް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާކަން އެނގިފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"އެމީހުންގެ ތަކެތި ބަލައި ފާސްކުރުމުގަ އާއި ސީން އިން "ސީޒް" ކުރެވުނު ތަކެތީގެ ތެރޭގައި އެމީހުން ވިކުރާއެއްގެ ގޮތުގައި ބޭނުން ކުރަމުން ގެންދިޔަ ފޮތްތަކުން އެނގެން އޮތް ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 26 އިން ފެށިގެން 2013 ފެބްރުއަރީ 10 ވަނަ ދުވަހާ ހަމައަށް އެމީހުން އެ އެޕާޓްމަންޓްގެ ތެރޭގައި ތައްޔާރުކޮށް ވިއްކައިގެން އެއް ލައްކަ ވިހި ހާހަށް ވުރެ ގިނަ ދިވެހި ރުފިޔާ ވަނީ ހޯދާފައި، ނަމަވެސް އޭގެ ކުރިން އެމީހުންނަށް އެމަސައްކަތްކޮށްގެން ކިހާ ފައިސާއެއް ހޯދިފައިވާ ކަމެއް އަދި ނޭނގޭ. އެމީހުން އެގޭގައި ދިރިއުޅެމުން ގެންދިޔައީ އެ އެޕާޓްމަންޓް ކުއްޔަށް ހިފައިގެން ކަމުގައިވާ އިރު ކުއްޔަށް ދިން ފަރާތުން ވެސް އެމީހުން އެގޭތެރޭގައި ކުރަމުން ގެންދިޔައީ ކޮން މަސައްކަތެއް ކަމެއް ބަލާފައެއް ނުވޭ." މުހައްމަދު ރަޝީދު ވިދާޅުވި އެވެ.
ފެހިއާބާދުގޭން ފުލުހުން އަތުލައިގެން ބަނގުރަލުގެ ތެރޭގައި 20 ލީޓަރުގެ 15 ހަމާއި ފަސް ލީޓަރުގެ ދެ ހަމުގެ އިތުރުން 500 އެމް.އެލްގެ ދެ ފުޅި ފެނިފައިވެ އެވެ. މީގެ އިތުރުން ވެސް އެގޭތެރެއިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނުތަކެއް ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ.
ފުލުހުން ބުނީ ބަނގުރާ ތައްޔާރުކުރަމުންދާ އިރު އެހިސާބުގަނޑުގައި ފުދޭވަރަކަށް އެވަސް ވެސް ހުންނާނެ ކަމަށާއި ނަމަވެސް އެއޮޕަރޭޝަން ހިންގުމާ ހަމައަށް ވެސް އެއްވެސް ފަރާތަކުން އެމައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައިވާ ނުވާ ކަމަށެވެ. އަދި އެފަދަ އެއްވެސް ކަމެއް އުޅޭކަން އެނގިއްޖެނަމަ ލަސްނުކޮށް އެކަމެއް ފުލުހުންނަށް އެނގުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.