ސަރުކާރުގެ މުއައްސަސާތަކުން ހިދުމަތްތައް ދެމުންދާއިރު ހިދުމަތަށް އެދޭ ކުންފުންޏަކީ ޕެންޝަން ފަންޑަށް ފައިސާ ދައްކާފައިވާ ކުންފުންޏެއް ތޯ ބަލައި ފައިސާ ދައްކާފައިވާ ކުންފުނިތަކަށް އިސްކަން ދިނުމަށް ޕެންޝަން އޮފީހުން ސަރުކާރުގެ މުއައްސަސާތަކުގެ ކިބައިން އެދިއްޖެއެވެ.

ޕެންޝަން އޮފީހުގެ ޑިރެކްޓަރު އިސްމާއިލް ސުޖާއު މިއަދު ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެއޮފީހުގެ ފަރާތުން ސަރުކާރުގެ މުއައްސަސާތަކުގެ ކިބައިން އެދިފައިވަނީ އެ މުއައްސަސާއަކުން ދޭ ހިދުމަތްތަކާއި ނުވަތަ ބިޑްތަކަށް ކުރިމަތިލާއިރު އެކުންފުންޏަކީ ޕެންޝަން ފަންޑަށް ފައިސާ ދައްކާ ކުންފުންޏެއް ތޯ ބެލުމަށްފަހު ފައިސާ ދައްކާ ކުންފުނިތަކަށް އިސްކަން ދިނުމަށް އެދިފައިވާނެ ކަމަށެވެ.

"ސަރުކާރުގެ މުއައްސަސާތަކަށް އަޅުގަނޑުމެން ރިކުއެސްޓް ކޮށްފައިވާނީ، އެމުއައްސަސާތަކުން ހިދުމަތްތައް ދޭއިރު އެއީ ބިޑް ހުށައެޅުން ކަމުގައިވިޔަސް އެފަރާތްތަކަކީ ރަޖިސްޓުރީ ކޮށްގެން ފައިސާ ދައްކަމުންދާ ފަރާތްތަކެއްކަން ކަށަވަރުކޮށްފަ ހިދުމަތްދިނުމަކީ އަޅުގަނޑުމެންގެ އެދުމެއްގެ ގޮތުގަ،" ސުޖާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެގޮތަށް އެދުނީ ޕެންޝަނަށް ފައިސާ ނުދައްކާ ފަރާތްތަކާއި އެފަންޑަށް ފައިސާ ދައްކާ ފަރާތްތަކާމެދު ތަފާތެއް ހުންނަންޖެހޭއިރު އެ ތަފާތު ކުރުމަށާއި އެފަންޑަށް ފައިސާ ދައްކާފަރާތްތަށް އިތުރުކުރާން ހިތްވަރު ދޭން ކަމަށެވެ.

"އެދުމަކީ ފައިސާ ނުދައްކާފަރާތްތަކަށް އެއްބާރުލުން ނުދިނުން، ގާނޫނީ ވާޒިބެއްދެއްތޯ އެކަންކުރުން (ޕެންޝަން ފަންޑަށް ފައިސާ ދެއްކުން)، އެކަން ނުކުރާނަމަ އެފަރާތްތަކީ ގާނޫނީ ޒިންމާއެއް އަދާނުކުރާ ފަރާތްތަކެއް، އެފަރާތްތަކަށް ދައުލަތުގެ މުއައްސަސާތަކުން ފުރުސަތުދިނުމަކީ އަޅުގަނޑަށް ހީވަނީ އެއީ އެންމެ ރަނގަޅުގޮތެއްނޫން" ސުޖާއު ވިދާޅުވިއެވެ.

ޕެންޝަނަށް ފައިސާ ދައްކާފަރާތްތަކަށް އިސްކަން ދިނުމަށް ޕެންޝަން އޮފީހުން ސަރުކާރުގެ މުއައްސަސާތަކުގެ ކިބައިން އެދިފައިވާއިރު އެއޮފީހުން މިހާރުވެސް ވަނީ ޕެންޝަން ފަންޑަށް ފައިސާ ނުދައްކާ 80 އަށްވުރެ ގިނަ ކުންފުނިތަކުގެ ނަންތަށް އާންމުކޮށްފައެވެ. އޭގެ ތެރޭގައި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ކުންފުނިތައް ވެސް ހިމެނެއެވެ.