13 Oct 2010, 06:35
ފިޝަރީޒް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން ސ.ހިތަދޫ ކައްބާބުގޭ އިބްރާހިމް ނަޒީފު މަގާމުގެ ނުފޫޒު ބޭނުންކޮށް، ފައިދާ ހޯދާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފާހަގަކުރެވޭތީ، އޭނާގެ އަތުން ސަރުކާރަށް ލިބެންޖެހޭ ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހޯދުމަށާއި އަދި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފައިދާ ހޯދުމުގެ ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ހުށަހަޅައިފި އެވެ.
އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ، ނަޒީފުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް އިއްޔެ ހުށަހެޅީ، އެގްރިކަލްޗާ މިނިސްޓްރީން 2004 ވަނަ އަހަރާއި 2005 ވަނަ އަހަރުގެ ހިސާބުތައް އޯޑިޓް ކުރިއިރު، 541909 ރުފިޔާ މަދުވާ ކަމަށް ފާހަގަކުރެވިފައިވާތީ، އެ މައްސަލަ ބެލިއިރު، ތަހުގީގަށް ފާހަގަކުރެވުނު ކަންތައްތަކަށް ރިއާޔަތްކުރުމަށް ފަހުގައި ކަމަށެވެ.
އެގޮތުން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުން ގެންނަ ފައިސާއާ ހަވާލުވަނީ ނަޒީފް ކަމާއި އެ ފައިސާއާ ހަވާލުވެ ސޮއިކުރާ ފޮތް އޮންނަނީ އޭނާ އަތުގައި ކަން، ކޮމިޝަނަށް ހާޒިރުކުރި މީހުންގެ ހެކި ބަހުން އެނގޭ ކަމަށް އޭސީސީގެ ބަޔާނުގައިވެ އެވެ. އޭސީސީން ބުނީ، ހަނިމާދޫން ފައިސާ ލިބިއްޖެ ކަމުގެ ތައްގަނޑު ޖަހައި، ފޮތުގައި ނަޒީފު ސޮއިކޮށްފައިވާ ނަމަވެސް، އެ ފައިސާ ޖަމާކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން، ނަޒީފު ހަވާލުވި ކަމަށް ލިޔެކިޔުންތަކުން ދައްކާ 409548.83 ރުފިޔާ އޭނާ އަމިއްލަ އަށް ބޭނުންކޮށްފައިވާ ކަމަށް ތަހުގީގަށް ފާހަގަކުރެވޭ ކަމަށް ވެސް ކޮމިޝަނުގެ ބަޔާނުގައިވެ އެވެ.
ހަމަ އެއާ އެކު، އޭސީސީން ބުނީ، މިނިސްޓްރީގެ ބަޖެޓަށް އަނބުރާ ޖަމާކުރާ ގޮތަށް ކޮށްފައިވާ ޚަރަދުތަކުގެ ތެރެއިން ބޭރު ގައުމުތަކަށް ކޮށްފައިވާ ދަތުރުތަކުގެ ޓިކެޓް ޚަރަދަށް އަނބުރާ ލިބި ޖަމާނުކޮށް ހުރި 133948 ރުފިޔާގެ ތެރެއިން، ބޭރުގައި އޮތް ތިން ސަމިޓަކަށް ދިއުމަށް މިނިސްޓްރީން ނެގި ޓިކެޓުތަކުގެ އަގަށްވާ ޖުމްލަ 109327.80 ރުފިޔާ މިނިސްޓްރީގެ ބަޖެޓަށް އަނބުރާ ޖަމާކުރުމަށްޓަކައި ބަޖެޓް ސެކްޝަނާ ހަވާލުކޮށްފައިވާ ނަމަވެސް، އެ ފައިސާ ޖަމާކޮށްފައި ނުވާ ކަމަށް ކޮމިޝަނަށް ފާހަގަކުރެވުނު ކަމަށެވެ.
އަދި ބަޖެޓަށް އަނބުރާ ޖަމާކުރަން ޖެހޭ ފައިސާއެއް ލިބިއްޖެ ނަމަ، އެ ފައިސާ ނަޒީފާ ހަވާލުކުރުމަށް އޭނާ އަންގާފައި އޮންނާތީ، އެގޮތަށް ލިބޭ ފައިސާ ހަވާލުކޮށްފައި ވަނީ ނަޒީފާ ކަމަށް ބަޖެޓް ސެކްޝަނުގެ މުވައްޒަފުންގެ ހެކިބަހުން ސާބިތުވާ ކަމަށް ވެސް ކޮމިޝަނުގެ ބަޔާނުގައި ވެއެވެ. އަދި މިނިސްޓްރީގައި އޭރު އޮތީ ފައިސާގެ މުއާމަލާތްތަކުގެ ރަސީދު ދޭ ގޮތަށް ނޫން ކަމަށް ވެސް ކޮމިޝަނުން ބުނެ އެވެ.
އަދި ރަސީދު ހުށަހެޅުމުން ސާކުގެ ސެކްރެޓޭރިއެޓުން އަނބުރާ ފައިސާ ދޭ ގޮތަށް ހަމަޖައްސާފައި އޮތް ސަމިޓަކަށް ދިޔަ މިނިސްޓްރީގެ ވަފްދުގެ ބޭފުޅުންގެ ޓިކެޓުގެ ޚަރަދަށްދިޔަ 24620.20 ރުފިޔާގެ ރަސީދު، އެތަނަށް ހުށަހަޅާފައިނުވާތީ، އެ ފައިސާ ވެސް މިނިސްޓްރީއަށް ނުލިބިވާ ކަމަށެވެ.
އެހެންކަމުން، އޭރު ބަޖެޓް ސެކްޝަނާ ހަވާލުވެހުރި އިސްވެރިއެއްގެ ހައިސިއްޔަތުން، ބަޖެޓަށް ޖަމާކުރުމަށްޓަކައި ލިބުނު 109327 ރުފިޔާ ބަޖެޓަށް ޖަމާނުކޮށްވާ މައްސަލައާއި، ސާކު ސެކްރެޓޭރިއެޓުން ފައިސާ ނުހޯދައިވާ މައްސަލައިގައި ޒިންމާ އުފުލަންޖެހޭ ފަރާތަކީ ނަޒީފު ކަމަށް ކޮމިޝަނުގެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން، ނިއު ދިއްލީގައި އޮތް ސަމިޓެއްގައި ބައިވެރި މީހުންގެ ޓިކެޓް ދެ ތަނަކުން ނަގާފައިވާ ކަމަށް ވެސް ކޮމިޝަނުން ކުރި ތަހުގީގަށްފަހު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. އެގޮތުން ސީޕްރިއާ އިންނާއި ގެލެކްސީ އެންޓަޕްރައިސިސްއިން 24247 ރުފިޔާއަށް ޓިކެޓު ގަނެފައިވާއިރު އެކަމަކަށް ޚަރަދުކުރުމަށް ދެ ފަހަރު މަތިން ވެސް ހުއްދަ ދީފައިވަނީ ޑެޕިއުޓީ ޑިރެކްޓަރ މަގާމުގައި ހުންނެވި ނަޒީފު ކަމަށް ކޮމިޝަނުން ބުންޏެވެ. އަދި އެދެތަނުން ކުރެ ތަނަކުން ގަތް ޓިކެޓް ކެންސަލްކޮށް ރީފަންޑްކޮށްފައިނުވާ ކަމަށާއި އެ ފައިސާއަށް ވެސް ޒިންމާވާން ޖެހޭނީ ބަޖެޓު ސެކްޝަނުގެ އިސްވެރިއެއްގެ ހައިސިއްޔަތުން ނަޒީފު ކަމަށް އޭސީސީގެ ބަޔަނުގައި ވެއެވެ.
މީގެ އިތުރުންވެސް، ނަޒީފު ޒިންމާ ނަގަން ޖެހޭ 53560 ރުފިޔާގެ މައްސަލައެއް ވެސް އޭސީސީން ފާހަގަކުރެއެވެ. އެއީ ގއ. ކޮލަމާފުށީގައި 2004 ވަނަ އަހަރު މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ހަމަޖެހުމުން އެ ދަތުރުގެ އެޑްވާންސް ޓީމުގެ އެކި ޚަރަދުތަކަށް ނެގި ފައިސާ އެވެ. އަދި އެ ދަތުރު ކެންސަލްކޮށްފައިވާ ނަމަވެސް، ފައިސާ އަނބުރާ ޖަމާކޮށްފައިނުވާ ކަމަށް ކޮމިޝަނުން ބުންޏެވެ.