އަދާލަތު ޕާޓީގައި 10000 މެންބަރުން ހަމަވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީއަށް އަންގައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު މިއަދު ސަން އަށް ވިދާޅުވީ އަދާލަތު ޕާޓީން ފޮނުވާފައިވާ ފޯމްތަކާ އެކު 10000 ވުރެ ގިނަ މެންބަރުން އެ ޕާޓީގައި މިހާރު ރަޖިސްޓްރީ ކޮށްފައިވާނެ ކަމަށާއި އެކަން އަދާލަތު ޕާޓީ އަށް މިއަދު ހެނދުނު އަންގާފައިވާނެ ކަމަށެވެ.

"އަދާލަތު ޕާޓީން ހުށަހަޅާފައިވާ ފޯމްތައް ބެލުމަށް ފަހު އިތުރު މެންބަރުން ވާނީ ރަޖިސްޓްރީ ކޮށްފައި. އަލަށް ރަޖިސްޓްރީ ކުރި މެންބަރުންނާ އެކު ދިހަ ހާސް މެންބަރުން މިހާރު ވަނީ ހަމަވެފައި. އެކަން ވާނީ އަޅުގަނޑުމެން އަންގާފައި،" ފުއާދު ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ތަރުޖަމާނު އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޝެއިހް މުހައްމަދު ޝަހީމް އަލީ ސައީދު ސަން އޮންލައިނަށް މިއަދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަށް އެ ޕާޓީން މިހާތަނަށް ހުށަހަޅާފައިވާ ފޯމްތަކާ އެކު އެ ޕާޓީގެ މެންބަރުންގެ އަދަދު 10000 އަށް ވުރެ ގިނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު އަންގާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ކުރި ބުރަ މަސައްކަތާ އެކު 10000 މެންބަރުނަށް ވުރެ ގިނަ މެންބަރުން ވަނީ ހަމަވެފައި. އަދި އިލެކްޝަންސް ކޮމިޝަނުން ވަނީ އެކަން މިއަދު އަންގާފައި،" ޝަހީމް ވިދާޅުވި އެވެ.

މެންބަރުންގެ އަދަދު 10000 ހަމަނުވާ ޕާޓީތައް އުވޭނެ ގޮތަށް ސިޔާސީ ޕާޓީތަކުގެ ބިލް ރައްޔިތުން މަޖިލީހުން ފާސްކޮށްފައިވާ އިރު އެ ބިލް ފާސްކުރުމާ ގުޅިގެން އަދާލަތު ޕާޓީން ވަނީ ކުދި ޕާޓީތައް އުވާލާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އެހެން ނަމަވެސް 10000 މެންބަރުން ހަމަވުމާ ގުޅިގެން އަދާލަތު ޕާޓީގެ ތަރުޖަމާނު ޝަހީމް މިއަދު ވިދާޅުވީ ކުދި ޕާޓީތައް އުވުމާއި ގުޅޭ ގޮތުން ކޮމެންޓެއް ކުރަން ބޭނުން ނުވާ ކަމަށެވެ.

"އެކަމާއި ގުޅޭ [ކުދި ޕާޓީތައް އުވިގެންދިއުމާއި ގުޅޭ] ގޮތުން ކުރާނެ ކޮމެންޓެއް ނެތް. ﷲ ރަހްމަތްފުޅުން އަޅުގަނޑުމެންގެ ޕާޓީ މެންބަރުންގެ އަދަދު މިވަނީ 10000 ހަމަވެފައި،"

ދިހަހާސް މެންބަރުން ހަމަނުވާ ޕާޓީތައް އުވާލާ ގޮތަށް ފާސް ކުރި ސިޔާސީ ޕާޓީތަކުގެ ބިލް ތަސްދީގު ނުކުރައްވައި ރައީސުލްޖުމްހޫރިިއްޔާ ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުއްވާލައްވާފައިވާ އިރު އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ 16 ސިޔާސީ ޕާޓީގެ ތެރެއިން 10000 ހަމަނުވާ 11 ސިޔާސީ ޕާޓީ އެބަ އޮތެވެ.