05 Mar 2013, 12:03
މި އަހަރު ބާއްވާ ރިޔާސީ އިންތިހާބު މިނިވަން އިންސާފުވެރި އިންތިހާބެއްގެ ގޮތުގައި ބޭއްވުމަށް ސަރުކާރުގެ ފަރާތުން ކުރަން ޖެހޭ ހުރިހާ ކަންތައްތަކެއް ކުރުމުން ގެންދަވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ރައްޔިތުން މަޖިލީސް ހުޅުވުމުގެ ގޮތުން މިއަދު ރައްޔިތުން މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވަހީދު ވިދާޅުވީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބަކީ ހުރިހާ ސިޔާސީ ޕާޓީތަކަށް ހުޅުވާލެވިފައިވާ މިނިވަން އިންސާފްވެރި އިންތިހާބަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ.
"ރާއްޖޭގައި މި އަހަރު ބޭއްވޭ ރިޔާސީ އިންތިޚާބަކީ، މިނިވަން، އިންޞާފުވެރި އަދި ހުރިހާ ސިޔާސީ ޕާޓީތަކަށް ފުރްޞަތު ހުޅުވާލެވިފައިވާ އަދި ޤާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބޭއްވޭ އިންތިޚާބަކަށް ހެދުމަށް ޓަކައި ސަރުކާރުގެ ފަރާތުން ކުރަން ޖެހޭ ހުރިހާ ކަންތައްތަކެއް ކުރަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ތިޔަ ޢިއްޒަތްތެރި މެންބަރުންނަށް އަޅުގަނޑު އަރުވަން،" ރައީސް ވިދާޅުވި އެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާ ރައީސް ވަހީދު ވިދާޅުވީ އެއްވެސް އިންތިހާބަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމަށާއި އަދި އިންތިހާބުގެ ހައްގަށް އުނިކަމެއް އަތުވެދާނެ ގޮތަކަށް އަމަލު ނުކުރައްވާނެ ކަމަށެވެ.
ހަމަ އެހެންމެ އިންތިހާބު ބޭއްވުމުގައި ހުރަހެއްވާ ނަމަ އެކަމުގައި ސަރުކާރުން އެއްބާރުލުން އިލެކްޝަންސް ކޮމިޝަނަށް ދެމުން ގެންދާނެ ކަމަށް ވެސް ރައީސް ވަހީދު ވަނީ ވިދާޅުވެފަ އެވެ.
"އެއްވެސް އިންތިޚާބަކަށް ސަރުކާރުން ނުފޫޒު ފޯރުވައި، އިންތިޚާބީ ޙައްޤަށް އުނިކަން އަތުވެދާނެފަދަ ގޮތަކަށް ސަރުކާރުން ޢަމަލުނުކުރާނެ ކަމުގެ ޔަގީންކަން ވެސް އަޅުގަނޑު އަރުވަން. މިކަމުގައި އިލެކްޝަންސް ކޮމިޝަނަށް ސަރުކާރުން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން މިގެންދަނީ ދެމުން. އަދި އިންތިޚާބު ބޭއްވުމަށް އެއްވެސް ހުރަސްތަކެއް ހުރި ނަމަ، އެ ހުރަސްތައް ނައްތާލުމުގައި، ސަރުކާރުން އިލެކްޝަންސް ކޮމިޝަނަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން."
މީގެ އިތުރުން އެމަނިކުފާނު ވަނީ އިންތިހާބުގެ ވާދަވެރިކަމުގެ ތެރޭގައިވެސް ރާއްޖޭގައި ހަމަ ޖެހުން ގާއިމުކޮށް ސުލްހަ މަސްލަހަތު ދެމެހެއްޓުމަށް ސިޔާސީ ފަރާތްތަކަށާއި، ރާއްޖޭގެ ޚަބަރުފަތުރާ ދާއިރާތަކުގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ގޮވާލައްވާފަ އެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ބައެއް ކެންޑިޑޭޓުން މިހާރު ގެންދަވަނީ އިންތިހާބަށް ކެމްޕޭން ކުރައްވަމުންނެވެ.