05 Mar 2013, 10:49
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ އަތުން 1-0 ލަނޑުން މެންޗެސްޓާ ސިޓީ މޮޅުވެއްޖެ އެވެ.
ދެ ޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގައި އެސްޓަން ވިލާ ކޮޅަށް މެންޗެސްޓާ ސިޓީން ޖެހި އެޓީމުގެ ހަމައެކަނި ލަނޑު މެޗޔގެ ފުރަތަމަ ހާފުގެ އިތުރު މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އާޖެންޓީނާގެ ފޯވާޑް ކާލޯސް ޓެވޭޒެވެ.
ރޭގެ މެޗުގެ ދެ ވަނަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކައެއް ލިބިގެން ދިޔަ ކަން ވެސް ފާހަގަ ކޮށްލެވުނެވެ. އެހެން ނަމަވެސް އެފުރުސަތުތަކުގެ ބޭނުން ދެ ޓީމުން ކުރެ އެއްޓީމަކަށް ވެސް ބޭނުން ނުހިފުނުއިރު، ދެ ވަނަ ހާފުގައި އެސްޓަން ވިލާގެ ފޯވާޑުން ހޮބަހެއްޓުމަށް ސިޓީގެ ޑިފެންސް ލައިނުން ގިނަ މަސައްކަތްތަކެއް ކުރިކަން ވެސް ރޭގެ މެޗުގައި ފާހަގަ ކޮށްލެވުނެވެ.
އެސްޓަން ވިލާ އަތުން ސިޓީއަށް ރޭ ލިބުނު މޮޅާ އެކު ލީގުގައި ސިޓީ އޮތީ 59 ޕޮއިންޓާ އެކު ދެ ވަނަ މަގާމްގަ އެވެ. އަދި ރޭގެ މެޗުން ބަލިވި އެސްޓަން ވިލާ އޮތީ 24 ޕޮއިންޓާ އެކު 18 ވަނަ މަގާމްގަ އެވެ. ލީގުގެ އެއް ވަނަ މަގާމް ގައި 71 ޕޮއިންޓާ އެކު އަދި އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ.