05 Mar 2013, 10:43
ޖަރުމަން ބުންޑަސްލީގާގެ އެންމެ ފަހުގެ ޗެމްޕިއަން ބޮރޫސިއާ ޑޯޓްމުންޑްގެ މީހުން ދިރިހުންނަނީ ފުޓްބޯޅަ އަށް ކަމަށް އެކްލަބުގެ ޖަރުމަން ފޯވާޑް މާރިއޯ ގޮޓްޒޭ ބުނެފި އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ޝާހްތަރް ޑޮނެސްކް އާއި ދެކޮޅަށް މިރޭ ބޮރޫސިއާ ޑޯޓްމުންޑް ނުކުންނާނެ އެވެ. މިމެޗަށް ނުކުންނަ އިރު ޑޯޓްމުންޑްގެ ސިގްނަލް އިޑޫނާ ޕާކް ސްޓޭޑިއަމްގައި ނުކުންނަން ޖެހޭތީ ގޮޓްޒޭ ހުރީ ވަރުގަދަ އަޒުމެއްގަ އެވެ.
"މި ސިޓީ ދިރިހުންނަނީ ފުޓްބޯޅަ އަށް. ދިރިހުންނަނީ މި ސްޓޭޑިއަމް އަށް. ކޮންމެ ސްޓޭޑިއަމްއަކު ވެސް ޑޯޓްމުންޑްގެ ސަޕޯޓަރުން ހުރުމަކީ ރަނގަޅު ކަމެއް. މިކަމުން ޓީމަށް އިތުރު ހިތްވަރެއް ލޮބޭ. ހާއްސަކޮށް ޗެމްޕިއަންސް ލީގު އަދި ޔޫރޮޕާ ލީގުގައި ރަށުން ބޭރުގައި ކުޅެން ޖެހޭ މެޗުތަކުގައި." ގޮޓްޒޭ ބުންޏެވެ.
ގޮޓްޒޭ އަށް ގިނަ ބައެއްގެ ތަޢުރީފް ލިބޭތީ އުފާކުރާކަމަށް އޭނާ ބުނެފައިވެ އެވެ. "އަހަރެން ކުޅުމަށް ގިނަބަޔަކު ތަޢުރީފްކުރާތީ އުފާކުރަން. ގިނަ ބައެއްގެ ތަޢުރީފް ލިބޭނީ ރަނގަޅު ކުޅުމެއް ދެއްކިކެން. ރަނގަޅު ކުޅުމެއް ނުދެއްކޭ ނަމަ، އަމާޒުވާނީ ފާޑުކިޔުންތައް." ގޮޓްޒޭ ބުންޏެވެ.
ޝާހްތަރްގެ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ނިމިގެންދިޔައީ 2-2 ލަނޑުން އެއްވަރުވެގެންނެވެ. އެހެންކަމުން މިރޭގެ މެޗުގައި ފައިދާ ބޮޑުވެގެންދާނީ އަމިއްލަ ދަނޑުގައި ނުކުންނަ ޑޯޓްމުންޑަށެވެ.