ރެއާލް މެޑްރިޑްގެ ކެޕްޓަން އަދި ގޯލްކީޕަރު އިކާ ކަސިޔަސް އަކީ ވަރަށް ރަނގަޅު ކެޕްޓަނެއް ކަމުގައި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ގޯލްކީޕަރު އެޑްވިން ވެންޑަސާ ބުނެފި އެވެ.

ސްޕެއިން ގައުމީ ޓީމްގެ ވެސް ގޯލް ބަލަހައްޓާ އަދި ކެޕްޓަންކަން ކުރަމުންދާ ކަސިޔަސް އަށް ޖެނުއަރީ 20 ވަނަ ދުވަހު ލިބުނު އަނިޔާ އިން އަދިވެސް ވަނީ ސަލާމަތްވެވޭ ގޮތް ނުވެފަ އެވެ. ކޮޕާ ޑެލްރޭގެ ކުއާޓާ ފައިނަލްގައި ވެލެންސިއާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ކަސިޔަސްގެ އިނގިއްޔަށް ވަނީ އަނިޔާވެފަ އެވެ.

ކަސިޔަސް އަށް އަނިޔާވުމުގެ ކުރިން މެޑްރިޑްގައި ގިނަ މައްސަލަތަކަކާއި އޭނާ އަށް ކުރިމަތިލާން ޖެހުނު ކަމުގައި މީޑިޔާ ރިޕޯޓްތަކުން ބުނަމުންދިޔަ އެވެ. އެރިޕޯޓްތަކުން ބުނަމުންދިޔަ ގޮތުގައި ކަސިޔަސް އާއި މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯ އާއި ދެމެދު މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށްވެ އެވެ.

"ކަސިޔަސް އާއި ބެހޭ ގޮތުން އަހަރެންނަށް ބުނެވޭނީ އެއީ 31 އަހަރުގެ ކުޅުންތެރިއެއް ކަން. އަދި ކަސިޔަސް އަކީ ހުރިހާ ކާމިޔާބެއް ހޯދި ކުޅުންތެރިއެއް. ކަސިޔަސްގެ އުމުރުން 17 ނޫނީ 18 އަހަރުގައި މެޑްރިޑްގެ ފުރަތަމަ އެގާރައިން އޭނާ ޖާގަ ހޯދަން ފެށި. އެކަމުން ކަސިޔަސްގެ ހުރިހާ ކަމެއް އެނގޭނެ." ވެންޑަސާ ބުންޏެވެ.

ކަސިޔަސް އަކީ އަބަދުވެސް މެޑްރިޑް އަދި ސްޕެއިން ގައުމީ ޓީމަށް ވެސް މުހިންމު ކެޕްޓަނެއް ކަމަށް ވެންޑަސާ ގަބޫލުކުރެ އެވެ. "ކަސިޔަސް އަކީ އަބަދުވެސް މެޑްރިޑް އަދި ސްޕެއިން ޓީމަށް ވެސް މުހިންމު ކެޕްޓަނެއް. އަހަރެންނާއި ކަސިޔަސް އާއި ގާތް ގުޅުމެއް ނެތް ކަމުގައި ވިޔަސް އަހަރެން ދުވަހަކުވެސް އޭނާގެ ގޯސް ވާހަކައެއް އަޑެއް ނާހަން." ވެންޑަސާ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް މެޑްރިޑް ނުކުތް މެޗުގައި އަނިޔާގެ ސަބަބުން ކަސިޔަސް އަށް ނުކުޅެވުނު ގޮތަށް މިރޭ ކުޅޭ ދެވަނަ ލެގުގައި ވެސް ކަސިޔަސްއަކަށް ނުކުޅެވޭނެ އެވެ.

ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި މެޑްރިޑާއި ދެކޮޅަށް ނުކުންނާނީ މިރޭ 12:45 ގައެވެ. މި ދެޓީމް ކުޅުނު ފުރަތަމަ ލެގު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ.