ހދ. ފިނޭގައި ފެނަކައިން ހިންގާ އެ ރަށު އިންޖީނުގޭގައި ހުރި ތިޖޫރި ރޭ ވަގުތެއްގައި ފަޅާލައި އެ ތިޖޫރީގައި ހުރި 7000ރ. އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.

ފިނޭ އިންޖީނުގޭ ހިންގުމާ ހަވާލުވެހުންނެވި ހަސަން ރަޝީދު މިއަދު ސަން އޮންލައިނަށް ވިދާޅުވީ ރޭގެ ވަގުތެއްގައި އެއިންޖީނުގޭ ތިޖޫރި ފަޅާލާފައިވާއިރު އެތިޖޫރީގައި ގާތްގަނޑަކަށް 7000ރ. ހުންނާނެ ކަމަށާއި އެ ހުރިހާ ފައިސާއެއް ވަގަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ތިޖޫރި ފަޅާލާފައި ވަނީ ދަނގަނޑާއި މަރުތެޔޮ ފަދަ ތަކެތި ބޭނުންކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރޭ ދަންވަރު ބަޔަކު ވަނީ މިއިންޖީނުގޭ ތިޖޫރި ހަލާކުކޮށްލާ އޭގައި ހުރިހާ ފައިސާއެއް ވަގަށް ގެންގޮސްފައި، އަޅުގަނޑަށް އަދި ބުނާކަށް ނޭނގޭ ކިހާ ފައިސާއެއް ކަމެއް ހުރީކީއެއް. ލަފާކުރެވެނީ 7000ރ. އުޅޭނެކަމަށް." ހަސަން ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެތަނަކީ ސެކިއުރިޓީ ގާޑެއް ބަހައްޓައިގެން ސެކިއުރިޓީ ވެސް ބަލަމުންދާތަނެއް ކަމަށާއި އެކަންކޮށްފައި ވަނީ އެ އިންޖީނުގޭގައި ފާހާނާއެއް ނުހުންނަ އިރު ސެކިއުރިޓީ ގާޑް ފާހާނާއަކަށް ދިޔަވަގުތުކަމަށެވެ.

ފިނޭ އިންޖީނުގޭ ތިޖޫރި ފަޅާލައި ފައިސާތަކެއް ފޭރިގަނެފައިވާ ކަން އެ ރަށު ކައުންސިލްގެ ރައީސް އުބުދުލްރަހީމް މުހައްމަދު ވެސް ޔަގީން ކޮށްދޭ އިރު ފުލުހުން ވެސް ބުނީ މިހާރު އެމައްސަލަ ތަހުގީގް ކުރަމުންދާ ކަމަށެވެ.