05 Mar 2013, 10:13
ބެއިޖިންގް (މާޗް 5): ޗައިނާގެ ރައީސް ހޫޖިންޓާއޮ އެގައުމުގެ ޕާލަމެންޓް (ނެޝަނަލް ޕީޕަލްސް ކޮންގްރެސް) އާ ދައުރަކަށް އިފްތިތާޙް ކޮށްދެއްވައިފި އެވެ. ޕާލަމެންޓް އިފްތިތާޙް ކުރުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި ހޫޖިންޓާއޮވަނީ ކޮރަޕްޝަނާއި ހަނގުރާމަކުރުމާއި އިޤްތިސާދީ ތަނަވަސްކަން ގައުމުގެ އެންމެހާ ރައްޔިތުންނަށް ގެނަސްދެއްވުމަށް ވައްދުވެޑައިގެންފަ އެވެ.
ހޫޖިންޓާއޮ، އިފްތިތާޙް ކޮށްދެއްވީ ޗައިނާގެ ޕާލަމެންޓްގެ 12 ވަނަ ދައުރުގެ ޖަލްސާތަކެވެ. ދެ ހަފްތާވަންދެން ދެމިގެންދާ މިޖަލްސާތަކުގައި ޗައިނާގެ ވެރިކަމުގެ ނިޒާމާއި މުޖްތަމަޢުގައި ހިމެނޭ ހުރިހާ ފަންތިތަކަކާއި ގިންތިތަކެއްގެ ފަރާތުން މަންދޫބުން ބައިވެރިވާނެ އެވެ. މިގޮތުން ސިޔާސީ ފަރާތްތަކާއި ޢަސްކަރީ ލަޝްކަރުތަކާއި ދީނީ ފަރާތްތަކާއި ވިޔަފާރިވެރިންނާއި ކުންފުނިތަކާއި ސިވިލް ސާވިސް އާއި ޝަރުޢީ ނިޒާމާއި ދައުލަތުގެ ތަފާތު އެހެން މުއައްސަސާތަކުން ވެސް މިބައްދަލުވުންތަކުގައި މަންދޫބުން ބައިވެރިކުރުމަށް ހަމަޖެހިފައިވެ އެވެ. ނަމަވެސް ޗައިނާގެ ނެޝަނަލް ޕީޕަލްސް ކޮންގްރެސްގައި ބައިވެރިވާ ގިނަ މަންދޫބުންނަކީ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ މެންބަރުން ކަމަށް ޚަބަރު ލިބެ އެވެ.
ޗައިނާގެ ޕާލަމެންޓްގެ 12 ވަނަ ދައުރުގެ ފެށިގެންދިޔައީ ބޮޑުވަޒީރުކަމުގެ މުއްދަތު ހަމަވަމުންދާ ވިންޖިޔާބާއޮގެ ޚިތާބަކުންނެވެ. މިއީ ފާއިތުވި އަހަރުގައި ޗައިނާ ސަރުކާރު ހިންގާފައިވާ ގޮތުގެ މައްޗަށް ކުރުގޮތަކަށް ބަލާލާފައިވާ ބަޔާނެކެވެ. ވިންޖިޔާބާއޮގެ ޚިތާބުގައި އިސްކަން ދެއްވާފައި ވަނީ އޭނާގެ ސަރުކާރުން ހިންގާފައިވާ އިޤްތިސާދީ ޙަރަކާތްތަކަށެވެ. މިގޮތުން ފާއިތުވި އަހަރު 7.5 އިންސައްތައިގެ ރޭޓަކުން ޗައިނާގެ އިޤްތިސާދު ކުރިޔަށްގޮސްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. މިއީ އޭގެ ކުރީ އަހަރު ވެސް ޗައިނާގެ އިޤްތިސާދު ކުރިޔަށްގޮސްފައިވާ މިންވަރާ ދާދިއެއްވަރުގެ ނިސްބަތެކެވެ. ނަމަވެސް މިއީ ޗައިނާ ވާދަކުރަމުން ގެންދާ އެމެރިކާގެ އިގްތިސާދު ކުރިއަރާފައިވާ ވަރަށް ވުރެ ގާތްގަނޑަކަށް ތިންގުނަ މަތީ ނިސްބަތެކެވެ.
ޗައިނާގެ ޕާލަމެންޓްގެ މިޖަލްސާތަކުގެ ތެރޭގައި އެގައުމުގެ ބޮޑުވަޒީރު ކަމުގެމަޤާމާ އައު ބޭފުޅަކު ހަވާލުވެވަޑައިގަތުން އޮންނާނެ އެވެ. އައު ބޮޑުވަޒީރަކަށް ހަމަޖައްސާފައިވަނީ ލީ ކިޝިޔާންގް އެވެ. މިހާރުގެ ބޮޑުވަޒީރު ވިންޖިޔާބާއޮގެ މަޤާމުގެ މުއްދަތު މިޖަލްސާތައް ހިނގާ މުއްދަތުގެ ތެރޭގައި ހަމަވާނެ އެވެ. ހަމައެފަދައިން ޗައިނާގެ ރައީސް ކަމުގެ މަޤާމާ ވެސް އައު ބޭފުޅަކު މިޖަލްސާތަކުގެ ތެރޭގައި ޙަވާލުވަޑައިގަންނަވާނެ އެވެ. ޗައިނާގެ ރައީސް ކަމާ ޙަވާލުވެވަޑައިގަތުމަށް ހަމަޖެހިފައިވާ ބޭފުޅަކީ ޝީ ޖިންގްބިންގް އެވެ. އޭނާއާ ޗައިނާގެ އެންމެ އިސް ޒަޢާމަތު ޙަވާލުކުރައްވާނީ މިހާރުގެ ރައީސް ހޫޖިންޓާއޮ އެވެ. ޗައިނާއިން އެގައުމުގެ ޒާޢާމަތު ބަދަލުކުރަނީ ކޮންމެ 10 އަހަރަކުންނެވެ. (ނޫސްއެޖެންސީތައް)