ރިޔާޟް (މާޗް 5): ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުން ތަކަކީ އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް ސޫރިޔާ ސަރުކާރުން ހިންގަމުން ގެންދާ ގަތްލުއާންމެއްކަމަށް ސައޫދީ ޚާރިޖީ ވަޒީރު ސައޫދުލްފައިސަލް ސިފަކުރައްވައިފި އެވެ.

ސަޢޫދީ އަރަބިޔާ އަށް މިހާރު ވަޑައިގެން އުޅުއްވާ އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ އާ ރިޔާޟްގައި ބައްދަލުކުރެއްވުމަށް ފަހު ބޭއްވި ނޫސްކޮންފަރެންސެއްގައި ސަޢޫދީ ޚާރިޖީ ވަޒީރު ވިދާޅުވީސޫރިޔާގައި ހިންގަމުން ގެންދާ ޤަތްލު އާންމުތަކުން އެގައުމުގެ ރައްޔިތުންސަލާމަތް ކުރަންޖެހޭ ކަމަށާއި މިއީ ބައިނަލްއަގްވާމީ މުޖްތަމަޢުގެ ބޮލުގައި އެޅިފައިވާ ޒިންމާއެއްކަމުގަ އެވެ. ރިޔާޒްގައި އިއްޔެ ނިމުނު ގަލްފުގެ ޢަރަބި ގައުމުގެ އެއްބާރުލުމާބެހޭ ޖަމްޢިއްޔާ (ޖީސީސީ) ން ނެރުނު ބަޔާނެއްގައި ވެސް ބުނެފައި ވަނީ ސޫރިޔާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދަނީ ގަތްލުއާންމެއްކަމަށާ އެޤަތްލުއާންމުގެ ޒިންމާ އުފުލަން ޖެހޭނީ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ކަމުގަ އެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ރިޔާޟްގައި ވާހަކަ ދައްކަވަމުން އިއްޔެވިދާޅުވީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި ހަރުކަށި ފަރާތްތަކެއް ހިމެނޭ ކަމަށާއި އެފަރާތްތަކަށް އެމެރިކާގެ މަދަދާއި އެހީތެރިކަން ނުލިބޭނެކަމުގަ އެވެ. ނަމަވެސް ސޫރިޔާގެ އިދިކޮޅު ފަރާތްތަކުގެ ތެރޭގައި ހިމެނޭ މެދުމިނު ޚިޔާލުގެ ފަރާތްތަކަށް ހަތިޔާރު ފޯރުކޮށްދޭން އެމެރިކާ ބޭނުންވާ ކަމަށް ކެރީ ވިދާޅުވި އެވެ. އަދި ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ ހަރުކަށި ފަރާތްތަކަށް އެމެރިކާގެ ހަތިޔާރު ނުލިބޭނެ ކަމުގެ ގެރެންޓީ އެމެރިކާ ހޯދާނެކަމަށް ވެސް ކެރީ ވިދާޅުވި އެވެ. ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި އަލްޤާޢިދާއަށް ނިސްބަތްވާ ހަނގުރާމަވެރިން ފުޅާދާއިރާއެއްގައި މިހާރު ޙަރަކާތްތެރިވަމުންދާ ކަމަށް އެމެރިކާ އާއި ޔޫރަޕްގެ ބޮޑެތި ބާރުތަކުން ބުނެއެވެ.
ކެރީގެ ވާހަކާގައި ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދު ސިފަކުރައްވާފައި ވަނީ އޭނާގެ ރައްޔިތުން މަރައި ސޫރިޔާ ސުންނާފަތި ކުރައްވަމުން ގެންދަވާ އަނިޔާވެރި ވެރިއެއްގެ ގޮތުގަ އެވެ. އަދި ބައްޝާރުގެ ސަރުކާރަށް ދުނިޔޭގެ އެއްވެސް ގައުމަކުން ހަތިޔާރު ފޯރުކޮށްދީގެން ނުވާނެ ކަމަށް ވެސް ކެރީ ވިދާޅުވި އެވެ. އެމެރިކާއާއި ސަޢޫދީ ޚާރިޖީ ވަޒީރުން ރިޔާޟްގައި ކުރެއްވި މަޝްވަރާތަކުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާފައި ވަނީ ސޫރިޔާގެ މައްސަލައަށް ކަމަށް ސަޢޫދީ ނޫސްއެޖެންސީ ޚަބަރުދެ އެވެ. ނަމަވެސް އީރާނުގެ ނިއުކްލިޔަރ މައްސަލައާއި ފަލަސްތީނުގެ މައްސަލައާ އަދި ބަހްރައިންގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ބެހޭގޮތުން ވެސް ދެބޭފުޅުން ޚިޔާލުބަދަލުކުރެއްވި ކަމަށް ސަޢޫދީ ނޫސްއެޖެންސީ ބުނެއެވެ. (އަލްޖަޒީރާ)