13 Oct 2010, 05:46
ވޭތުވެ ދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ބާޒާރުގައި ކާބޯ ތަކެތީގެ އަގު ބޮޑުތަނުން އުފުލިއްޖެ އެވެ.
ބާޒާރުގެ ބައެއް ފިހާރަތަކުން މިއަދު ބުނި ގޮތުގައި ފިޔައިގެ އަގު ވަނީ ވޭތުވެ ދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި 44 ޕަސެންޓް އުފުލިފަ އެވެ. އަދި ބިހުގެ އަގުން 38 ޕަސެންޓް، ރީދޫ މުގުގެ އަގުން 17 ޕަސެންޓް އުފުލިފައިވާ އިރު ރަތް މުގު ކިލޯއެއްގެ އަގު ވަނީ 10 ޕަސެންޓް އުފުލިފަ އެވެ.
މީގެ މަހެއްހާ ދުވަސް ކުރިން ފިޔާ ކިލޯއެއްގެ އަގު ބާޒާރުގައި ހުރީ 13 ރުފިޔާ އާއި 14 ރުފިޔާއާ ދެމެދުގައި އެވެ. މީހާރު ފިޔާ ކިލޯއްގެ އަގަކީ 25 ރުފިޔާ އަށެވެ. ބިހުގެ އަގު ވެސް ވަނީ ކުރިން ހުރި އަގަށް ވުރެ، ބިހަކުން 25 ލާރި އާއި 75 ލާރީއާ ދެމެދު އަގަކަށް އަގު ފުލިފަ އެވެ. ބިހެއްގެ އަގު އެވަރެޖްކޮށް މިހާރު އުޅެނީ އެއް ރުފިޔާ ފަންސާސް ލާރި އާއި، ދެ ރުރުފިޔާ އާ ދެމެދުގަ އެވެ. ރީދޫ މުގު ކިލޯއެއްގެ އަގަށް ވަނީ ހަތަރު ރުފިޔާ މަތިވެފައި އެވެ. މިހާރު މުގު ކިލޯއެއް ލިބެނީ 24 ރުފިޔާ އަށެވެ. ރަތް މުގުގެ އަގުވެސް ވަނީ 4 ރުފިޔާ މަތިވެފައި އެވެ. ރަތް މުގު ކިލޯއެއްގެ އަގު އެވަރެޖްކޮށް މިހާރު އުޅެނީ 40 ރުފިޔާއިން މަތީގައި އެވެ. ނަމަވެސް އަލުވީގެ އަގު 20 ރުފިޔާގައި ހިފެހެއްޓިފައި ހުރިކަން ފާހަގަކޮށްލެވެ އެވެ.
ޑިއާރުޕީން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޑީއާރުޕީގެ ނައިބު ލީޑަރު އިބްރާހިމް ޝަރީފް ވިދާޅުވީ ކާބޯތަކެތީގެ އަގު އުފުލެން މެދުވެރިވެފައިވާ މައިގަނޑު ސަބަބަކީ ސަރުކާރުން ހަރުދަނާ މާލީ ސިޔާސަތެއް ނުގެންގުޅޭތީ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޑޮލަރުގެ ދަކިކަން ބޮޑުވެފައިވާކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
ސަރުކާރުން ބުނަމުން ގެންދަނީ ޑޮލަރުގެ ދަތިކަން ފިލުވުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.