އަންނަ އަހަރު ރާއްޖޭގައި ކުޅުމަށް ހަމަޖެހިފައިވާ އޭފްސީ ޗެލެންޖް ކަޕްގެ ކޮލިފައިންގެ ގްރޫޕް ސްޓޭޖްގައި އަވައްޓެރި އިންޑިޔާ ހިމެނޭ ގްރޫޕް "އޭ"ގައި އެޓީމު މިހާތަނަށް ކުޅުނު ދެމެޗުންވެސް މޮޅުވެ އޮތީ ގްރޫޕް ތާވަލުގެ އެއްވަނައިގަ އެވެ.

މިމަހުގެ ދެވަނަ ދުވަހު ފުރަތަމަ މެޗުގައި އިންޑިއާ ކުޅުނީ ޗައިނީޒްޓައިޕޭއާ އެވެ. އެމެޗުން މޮޅުވީ ދެލަނޑު އެއްލަނޑުން ނެވެ. އެމެޗުގައި އިންޑިއާގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ ޖުވެލް ރާޖާ ޝައިހް އާއި ރޮބިން ސިންގް އެވެ. އަދި ދެވަނަ މެޗުގައި އިއްޔެ ގުއާމްއާ ވާދަކޮށް ފަސޭހަކަމާ އެކު އިންޑިއާ މެޗު ކާމިޔާބު ކޮށްފައި ވަނީ ހަތަރު ލަނޑު ސުންލަނޑުން ނެވެ.

އިއްޔެގެ މެޗުގައި އިންޑިއާގެ ހަތަރު ލަނޑުގެ ތެރެއިން ދެލަނޑު ކާމިޔާބުކޮށް ދިނީ އެޓީމުގެ ހުނަރުވެރި ފޯވަޑް ސުނިލް ޗެތްރީ އެވެ. އަދި ޖޭ ރާޖާ ޝެއިހް އެއްލަނޑު ކާމިޔާބު ކޮށްދިންއިރު އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ރޮބިން ސިންގް އެވެ. މެޗުގައި އިންޑިއާ ޖެހި ހުރިހައި ލަނޑެއްވެސް ކާމިޔާބު ކޮށްފައިވަނީ ފަހު ހާފުގަ އެވެ.

ޖުމްލަ ހަތަރު ގްރޫޕަކަށް ބަހާލައިގެން ގްރޫޕެއްގައި ހަތަރު ޓީމު ހިމެނޭ ގޮތަށް ކުޅެމުން އަންނަ ކޮލިފައިން ބުރުގައި އިންޑިއާ ހިމެނޭ ގްރޫޕް "އޭ"ގެ އެއްވަނަ އެޓީމަށް ލިބެނީ ކުޅުނު ދެމެޗުން މޮޅުވެ ހަޕޮއިންޓާ އެކުގަ އެވެ. އަދި އެގްރޫޕުގެ ދެވަނައިގައި އޮތީ ކުޅުނު ދެމެޗުގެ ތެރެއިން އެއްމެޗުން މޮޅުވެ އެއްމެޗުން އެއްވަރުވެ ހަތަރު ޕޮއިންޓާއެކު މިޔަންމާ އެވެ. ކުޅުނު ދެމެޗުން އެއްމެޗުން އެއްވަރުވެ އެއްމެޗުން ބަލިވެ ޗައިނީޒްޓައިޕޭ އޮތީ އެއް ޕޮއިންޓައެކި ތާވަލުގެ ތިންވަނައިގަ އެވެ. އަދި ކުޅުނު ދެމެޗުންވެސް ބަލިވެ ތާވަލުގެ ފުލުގައި އޮތީ ގުއާމް އެވެ. ގްރޫޕް ސްޓޭޖްގައި އިންޑިއާ ދެން ކުޅެންޖެހޭ މެޗުގައި ބައްދަލުކުރާނީ މާދަމާ މިޔަންމާއާ އެވެ.

ސަރަހައްދުގެ އެހެން ގައުމުތަކަށް ބަލާ އިރު ޕާކިސްތާނު ހިމެނޭ ގްރޫޕް "ބީ"ގެ މެޗުތައް އަދި ނުފަށައެވެ. އަފްގާނިސްތާނާއި ސްރީލަންކާ ހިމެނޭ ގްރޫޕް "ސީ"ގެ ކޮންމެ ޓީމެއް ދެމެޗު ކުޅެފައިވާއިރު ހުރިހާމެޗަކުން މޮޅުވެ ހަޕޮއިންޓާއެކު އަފްގާން އޮތީ ގްރޫޕްގެ އެއްވަނައިގަ އެވެ. އަދި ކުޅުނު ދެމެޗުން ބަލިވެ ސްރީލަންކާ އޮތީ ތާވަލުގެ ފުލުގަ އެވެ. ގްރޫޕް "ޑީ"ގައި ނޭޕާލާއި ބަންގާޅު ދެމެޗު ކުޅެ ކޮންމެ ޓީމެއްވެސް އެއްމެޗުން މޮޅުވެ އެއް މެޗުން ބަލިވެ ތިންޕޮއިންޓާއެކު ގޯލްގެ ތަފާތުން ނޭޕާލް ތިންވަނައިގަ އޮތްއިރު ބަންގާޅު އޮތީ ގްރޫޕްގެ ހަތަރުވަނައިގަ އެވެ. ގްރޫޕް ޑީގެ އެންމެ ކުރީގައި އޮތީ ފަލަސްތީނެވެ.

އަންނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް ރާއްޖޭގައި ބާއްވާތީ ރާއްޖެއަށް މިފަހަރުގެ މުބާރާތުގެ ކޮލިފައިން ކުޅޭކަށް ނުޖެހެއެވެ. އެގޮތުން ރާއްޖެއަށްވަނީ މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން މުބާރާތުން ޖާގައެއް ދީފަ އެވެ.