ސިޔާސީ ޕާޓީތައް އުފެދި އެޕާޓީތައް އުފެދި، އެޕާޓީތަަކުން ކުލަތައް އިހުތިޔާރުކުރުމުން ނުކުތް އެންމެ ބޮޑު މައްސަލައަކީ ރުޅި އަރާ ސިޔާސީ ޕާޓީގެ ކުލަ ބޭނުންކުރަން ބައެއް މީހުން ބޭނުން ނުވުމެވެ.

އެގޮތުން އުފެދުނު ވާދަވެރިކަމުގައި ދޮން އަނބެއް، ދޮންކެޔޮވަކެއް ފަދަ ދޮން ކުލައިގެ މޭވާއެއް ނުކާން ތިބި އެތައް ބަޔަކު ވަނީ ފެނިފައެވެ. މިއީ ސިޔާސީ ވާދަވެރިކަމުގައި ހައްދުފަހަނަ އެޅުން ކަމަށް ވިޔަސް މިމައްސަލަ ބައެއް މީހުންނަށް އަދިވެސް ދަނީ ދިމާވަމުންނެވެ. ދޮންރިހަ ނުކެއްކޭ ފަދައން އަސުރުމާ ގަސްތައް އުފުރާލި މީހުން ވެސް އެބަ އުޅެއެވެ.

ނަމަވެސް މިމައްސަލަތަކަށް މިހާރު ވަނީ ރަނގަޅު ހައްލެއް ލިބިފައެވެ. ކާތަކެތީގައި އެހެން ކުލައެއް ރީތިކޮށް ޖައްސާލުމަށް ޓަކައި، ކެޔަސް މައްސަލަ ނުޖެހޭ ކުލައެއް ، ކާބޯތަކެތި އުފައްދާ ޖަރުމަނުގެ ކުންފުންޔަކުން މިހާރު ވަނީ ތައާރަފްކޮށްފައެވެ.

" ފުޑް ފިިނިޝް" ގެ ނަމުގައި ތައްޔާރުކޮށްފައިވާ ކުލަ ސްޕްރޭގައި އަދި ހިމެނެނީ ވަރަށް މަދު ކުލަތަކެވެ. އެއީ ރަންކުލައާއި ރިހިކުލައިގެ އިތުރުން ނޫކުލައެވެ. އެއްވެސް ރަހައެއް ނުހުންނަ އެ ކުލަސްޕްރޭއަކީ ކޮންމެ ކާއެއްޗެއްގައި ވެސް ފަސޭހަކަމާ އެކު ކުލަ ޖައްސާލެވޭނެ ސްޕްރޭތަކެއް ކަމަށް ކުންފުންޏާ ހަވާލާދީ އިނގިރޭސިވިލާތުގެ ޑެއިލީމެއިލް އިން ބުންޏެވެ.

ދަޑެލީ ގަރާޖް ނަމަކަށްކިޔާ ޖަރުމަނުގެ ކުންފުނިން އުފައްދާފައިވާ ކާތަކެއްޗަށް ޖަހާ ކުލަ ސްޕްރޭ ފުޅިއެއް އޮންލައިން މާކެޓްގައި ވިއްކަމުން އަންނަނީ 21.5 ޕައުންޑަށް ކަމަށް ވެސް އެނޫހުން ބުންޏެވެ.

" އަހަރެމެން އަބަދުވެސް މަސައްކަތް ކުރަނީ އަހަރެމެންނަށް ވެސް އަދި ކަސްޓަމަރުންނަށް ވެސް މަޖާ އުފެއްދުންތައް ތައާރަފްކުރަން، " ކުލަ ސްޕްރޭ އުފެއްދުމުގައި އިސްކޮށް އުޅުނު އުމުރުން 29 އަހަރުގެ ކަޔާ ލައިން ކްނަސްޓް ބުނެފައި ވެއެވެ.

" އަހަރެމެން ލޯބިކުރަނީ ހަމަ އެކަނި އަހަރެމެންގެ ކާރުތަކުގައި މެޓަލިކް ފިނިޝިން އެއް ހުރީމައެއް ނޫން، އަހަރެމެން ބޭނުންކުރާ ޓޮމާޓޯ އަށް ވެސް، ފިނިޝިން ގެނެވުނީމާ ހިތްހަމަ ޖެހޭ،" ކަޔާ ބުނެފައި ވެއެވެ.