05 Mar 2013, 09:36
ޖިންސީ އަނިޔާ ލިބެމުންދާ ކުޑަކުދިންނާއި އަންހެނުން ރައްކާތެރިކުރުމުގެ އޮނިގަނޑުގައި ހުރި މައްސަލަތައް ދިރާސާކޮށް، ފިޔަވަޅު އެޅުމަށްޓަކައި ކަމާބެހޭ ވުޒާރާތައް އެކުލެވޭ ކޮމިޓީއެއް އުފައްދަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
މިއަހަރަށް ރައްޔިތުން މަޖިލީސް ހުޅުވުމަށް ރައީސް ޑރ. ވަހީދު އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވީ ޖިންސީ އަނިޔާ ލިބެމުންދާ ކުޑަކުދިންނާއި އަންހެނުން ރައްކާތެރިކުރުމުގެ އޮނިގަނޑުގައި ހުރި މައްސަލަތައް ދިރާސާކޮށް، ފިޔަވަޅު އެޅުމަށްޓަކައި ކަމާބެހޭ ވުޒާރާތައް އެކުލެވޭ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށާއި އެކޮމެޓީގެ މަސައްކަތަކަށްވާނީ، އެ މައްސަލަތައް ދިރާސާކޮށް އަޅަންފެންނަ ފިޔަވަޅުތައް ސަރުކާރަށް ހުށަހެޅުން ކަމަށެވެ.
" ޖިންސީ އަނިޔާ ލިބެމުންދާ ކުޑަކުދިންނާއި އަންހެނުން ރައްކާތެރިކުރުމުގެ އޮނިގަނޑުގައި ހުރި މައްސަލަތައްވަނީ، ފަހަކަށްއައިސް ދިމާވެފައިވާ ހާދިސާތަކުން ހާމަވެފައި. މިކަންކަން ދިރާސާކޮށް، ފިޔަވަޅު އެޅުމަށްޓަކައި ކަމާބެހޭ ވުޒާރާތައް އެކުލެވޭ ކޮމިޓީއެއް އަޅުގަނޑުވާނީ އުފައްދާފައި. މިކޮމިޓީގެ މަސައްކަތަކަށްވާނީ، މިމައްސަލަތައް ދިރާސާކޮށް އަޅަންފެންނަ ފިޔަވަޅުތައް ސަރުކާރަށް ހުށަހެޅުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. ވަހީދު ނައިބު ރައީސެއްގެ ގޮތުގައި ހުންނަވި ރައީސް ނަޝީދުގެ ސަރުކާރަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގައި ސަރުކާރުން އެޅި ބައެއް ފިޔަވަޅުތަކުގެ ސަބަބުން އަންހެނުންނާއި ކުޑަކުދިންގެ ރައްކާތެރިކަމަށް އެކުލަވައިލެވިފައިވާ އޮނިގަނޑުތައް ވަނީ އިތުރަށް ބަލިކަށިވެފައި ކަމަށެވެ. ހަމަ އެހެންމެ އެކަން ހަރުދަނާ ކުރުމަށް އިސްކަން ދިނުމުގެ ގޮތުން އެމަނިކުފާނު އުފެއްދަވާފައިވާ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލި އެންޑް ހިޔުމަން ރައިޓްސް ވެސް އެ ދާއިރާގައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
ވޭތުވެދިޔަ ދުވަސްތަކުގައި އަންހެނުންނާއި ކުޑަކުދިންގެ ރައްކާތެރިކަމަށް އެކުލަވައިލެވިފައިވާ އޮނިގަނޑުތައްވަނީ އިތުރަށް ބަލިކަށިވެފައި. ސަރުކާރު ކުޑަކުރުމުގެ ވިސްނުމުގައި ގެނެވުނު ބަދަލުގައި ޤުރުބާންކުރެވިގެންދިޔަ އެއް ދާއިރާއަކީ، ކުޑަކުދިންނާއި އަންހެނުންގެ ރައްކާތެރިކަމުގެ އިދާރީ އޮނިގަނޑު. އެ ވުޒާރާ އުވާލުމަށްފަހު، އެދާއިރާގައި މަސައްކަތްކުރި ހުރިހާ ފަންނީ މަސައްކަތްތެރިންވެސްވަނީ އެކިދާއިރާތަކަށް ބެހިފައި. އަތޮޅުތަކުގައި ހުޅުވުނު ސޯޝަލް ސެންޓަރުތައްވެސްވަނީ އެދުވަސްތަކުގައި ބަލިކަށިވެފައި. މިކަންކަން ޙައްލުކުރުމަށްޓަކައި އިސްކަމެއް ދިނުމުގެ ގޮތުން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލި އެންޑް ހިޔުމަން ރައިޓްސް އަޅުގަނޑުވާނީ އުފައްދާފައި. އެހެންނަމަވެސް، މިދާއިރާގައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަންއެބަޖެހޭ،" ރައީސް މިއަދު ވިދާޅުވި އެވެ.
މީގެ އިތުރުން ނިކަމެތިންނާއި ކުޑަކުދިންނާއި އަދި އަންހެނުންނަށް ތަކުރާރުކޮށް އަނިޔާ ލިބެމުންދާއިރު ދައުލަތުގެ ފަރާތުން އެމީހުން ޙިމާޔަތް ކުރުމަށް ކުރަންޖެހޭ ކަންކަން ވެސް ނުކުރެވިފައި ތިބުމަކީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށާއި އަދި އެފަދަ ކަންކަމާމެދު ވާހަކަ ދައްކަން ނުކެރުމަކީ، އެއަށްވުރެ ބޮޑު ހިތާމައެއް ކަމަށެވެ.
" އަޅުގަނޑުމެންގެ ތެރޭގައި ތިބި ނިކަމެތިންނާއި، ކުޑަކުދިންނާއި، އަންހެނުންނަށް ތަކުރާރުކޮށް އަނިޔާ ލިބެމުންދާއިރު، ދައުލަތުގެ ފަރާތުން އެމީހުން ޙިމާޔަތް ކުރުމަށް ކުރަންޖެހޭ ކަންކަން ނުކުރެވިފައި ތިބުމަކީ ހިތާމަކުރަންޖެހޭ ކަމެއް. އަދި އެފަދަ ކަންކަމާމެދު ވާހަކަ ދައްކަން ނުކެރުމަކީ، އެއަށްވުރެ ބޮޑު ހިތާމައެއް.،" ރައީސް ވިދާޅުވި އެވެ.
ޖިންސީ އަނިޔާ ލިބެމުންދާ ކުޑަކުދިންނާއި އަންހެނުނަށް ލިބޭ އަނިޔާތަކާއި ދެކޮޅަށް ޙައްޤުބަސް ބުނުމަކީ ޤައުމުގެ ވެރިންގެ ހައިސިއްޔަތުން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމެއް ކަމަށާއި ޤައުމުގެ ކުޑަކުދިން ރައްކާތެރިކޮށްދިނުމުގެ ނިޒާމުގައި ހުރި ކަންކަން ރަނގަޅުކުރުމަށް އިސްނަގައިގެން މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް ރައީސްގެ ބަޔާނުގައި ވަނީ ވިދާޅުވެފަ އެވެ.