05 Mar 2013, 09:27
ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ރިޔާސީ ބަޔާން އިއްޔެ އިއްވެވުން ވެގެން ދިޔައީ ތާރީހު އިޔާދަވުން ފަދަ ކަމަކަށެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ވެސް ހަމަ އެ މަޖިލީހަށް ރިޔާސީ ބަޔާން ރައީސް ވަހީދު އިއްވެވީ އިއްޔެ އޮތް ހާލަތުގަ އެވެ. އެފަހަރު ވެސް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން އެމަނިކުފާނަށް ހުރަސް އަޅައި މަޖިލީހުގެ ތަޅުން ހަލަބޮލި ކޮށްލި އެވެ. އިއްޔެއަކީ ވެސް ހަމަ އެފަދަ ކަންތައްގަނޑެއް މަޖިލީހުގެ ތެރެއިން ފެނިގެން ދިޔަ ދުވަހެކެވެ. ނަމަވެސްް ވަހީދުގެ އަޒުމް ވަރުގަދަ ހިތްވަރުފުޅާ އެކު ގާނޫނީ ވާޖިބު އަދާކުރުމުގައި ކުރި ހޯއްދެވިތަން އަނެއްކާ ވެސް މިވަނީ ފެނިގެން ގޮސްފަ އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ހިސާބުން ފެށިގެން ރައީސް ވަހީދު ގެންދެވީ ގާނޫނީ ވެރިކަން ދެމެހެއްޓެވުމުގައި ސަރުކާރަށް ތާއީދުކުރާ މެމްބަރުންގެ އިތުރުން އެމްޑީޕީއާ އެކު ވެސް މަސައްކަތްޕުޅު ކުރައްވަމުންނެވެ. އެގޮތުން އެމްޑީޕީން ވަހީދުގެ ސަރުކާރަކީ ގާނޫނާ ހިލާފަށް އުފެދުނު ސަރުކާރެއް ކަމަށް ބުނެ އިނގިލި ދިއްކުރަން ފެށުމާ އެކު އެމަނިކުފާނު ވަނީ އެ މަނިކުފާނުގެ ސަރުކާރަކީ ގާނޫނީ ސަރުކާރެއްްތޯ ކަނޑައެޅުމަށް ކޮމިޝަނެއް އެކުލަވާލައި އެކަމުގެ ހަގީގަތް ވެސް ހޯއްދަވާފަ އެވެ. ނަމަވެސް އެވަރުން ވެސް އިދިކޮޅު އެމްޑީޕީން މިއަދާ ހަމައަށް ވެސް މިސަރުކާރު އަދި ރައީސް ވަހީދު ބަލައިގެންފައެއް ނުވެ އެވެ.
އެމްޑީޕީގެ އެ ވިސްނުމާ އެއްގޮތަށް އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާ އަށް ހުރަސް އެޅުމުގެ މަސައްކަތް ދުރާލާ ނިންމި އެވެ. އެގޮތުން ރިޔާސީ ބަޔާން އިއްވުމަށް އިއްޔެ ބޭއްވި ޖަލްސާގައި ރައީސް ވަހީދަށް ހުރަސް އެޅުމުގެ ގޮތުން އެމްޑީޕީގެ "އިއްޒަތްތެރި" މެމްބަރުން ގެންދެވީ މެދު ނުކެނޑި މަސައްކަތްކުރައްވަމުންނެވެ. މަޖިލީހުގެ ތެރޭގައި އެމްޑީޕީ މެމްބަރުން ބޭއަދަބީ ބަހުން މުއާމަލާތްކޮށް އެއް މެމްބަރަކު އަނެއް މެމްބަރެއްގެ ގަޔަށް އަތްލައި މާރާމާރީ ހިންގާ ހިސާބަަށް ވެސް ކަންތައްތައް ދިޔަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރިޔާސީ ބަޔާން މަޖިލީހަށް އިއްވެވުމަށް ރައީސް ވަހީދަށް ހަ ގަޑިއިރު މަޖިލީހުގައި ހޭދަކުރައްވަން ޖެހިވަޑައިގެންނެވި އެވެ. ނަމަވެސް މަޖިލީހުގެ ތަޅުމުގައި ވަހީދު ހޭދަކުރެއްވި ވަގުތު ކޮޅުތަކުގައި އެމަނިކުފާނުގެ މޫނުމަތިން ފެނިގެން ދިޔައީ ކެތްތެރިކަމާއި އަޒުމް ވަރުގަދަ ލީޑަރެއްގެ ފުރިހަމަ މިސާލެކެވެ. ނަމަވެސް އެމްޑީޕީ މެމްބަރުން އިއްޔެ އެ ދެއްކެވި މަންޒަރުތަކުގެ ބޭނުމަކީ އަދި އެކަމުން ހާސިލުވި ނަތީޖާއަކީ ކޮބައިކަމެއް އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ.
ރައްޔިތުންގެ މަޖިލީހަށް އިއްޔެ ރިޔާސީ ބަޔާން އިއްވެވުމަށް ވަހީދު ވަޑައިގެންނެވި އިރު ވެސް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ގެންދިޔައީ އެމަނިކުފާނާ މަގުމަތިން ހުރަސް އެޅުމަށް ބޭއަދަބީ ބަހުން މުހާތަބްކޮށް މަޖިލީހަށް އެމަނިކުފާނު ވަދެވަޑައިގެންނެވުމަށް ވެސް ހުރަސްއަޅުއްވަމުންނެވެ. ނަމަވެސް ސަލާމަތީ ބާރުތަކާ އެކު ވަރަށް ވެސް ހަމަޖެހިލައިގެން ހުންނަވައި ވަހީދު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާ އެކު މަޖިލީހުގެ ތެރެއަށް ވަދެވަޑައިގެންނެވި އެވެ.
މަޖިލީހަށް ވަދެވަޑައިގެން މާގިނަ އިރުތަކެއް ނުވެ ފެނިގެން ދިޔައީ މަޖިލީހުގެ ޗެމްބަރު ތެރޭގައި އެމްޑީޕީ މެމްބަރުން ފޯރިނަގައި އަޑުގަދަކޮށް "ބާޣީ"އޭ ގޮވާ ހަޅޭ ލަވަމުން ގެންދިޔަ މަންޒަރެވެ. އެ ހާލަތުގައި މަޖިލީސް ތަޅުން ހޫނުވެފައިވަނިކޮށް އެއްވެސް ވަރަކަށް ޖެހިލުންވެ ވަޑައިގެންނެވުމެއް ނެތި މަޖިލީހަށް ވަދެވަޑައިގެންނެވުމަށް ފުރަތަމަ ފަހަރު ރައީސް ވަހީދު މަސައްކަތް ކުރެއްވި ނަމަވެސް އެފަހަރު މަޖިލީސް ޗެމްބަރުގެ ތެރެއަށް ވަހީދަށް ވަދެވަޑައިގެންނެވޭނެ ގޮތެއް ނުވި އެވެ. އޭގެ ކުޑައިރު ކޮޅެއް ފަހުން މަޖިލީހުގެ ޗެމްބަރުގެ ތެރެއަށް ރައީސް ވަހީދު ވަދެވަޑައިގެންނެވި އެވެ. އޭރު ވެސް މަޖިލީހުގައި ހިމެނިވަޑައިގެންނަވާ އެމްޑީޕީގެ މެމްބަރުން މަޖިލީހުގައި ރައީސާއި ރައީސް ވަހީދު އިންނެވި ޗެމްބަރު ވަށައިލައިގެން ތިބެ އަޑުގަދަކޮށް ހަޅޭލައްވަމުން ގެންދެވި އެވެ. ނަމަވެސް ވަހީދު އެއަޑުތައް އެއްސެވުމަށް އިސްކަން ނުދެއްވާ ބެއްލެވީ ގާނޫނީ ޒިންމާ އަދާކުރެއްވުމަށެވެ.
މަޖިލީސް ތެރޭގައި މެމްބަރުން ލައްވަމުން ގެންދެވި ހަޅޭކުގެ އަޑަށް ވުރެ އަޑުހަރުކޮށް ރައީސް ވަހީދު އަޑަށް ބާރުލައްވައި ރިޔާސީ ބަޔާން ދެއްވަން ފެއްޓެވި ނަމަވެސް މާގިނައިރުތަކެއް ނުވެ، މަޖިލީސް ހޯލްތެރޭގައި އަޑު ގަދަވެގެން ޖަލްސާ މެދުކަނޑާލަން ޖެހުނެވެ. އޭގެ ފަހުން ދެވަނަ ފަަހަރަށް މަޖިލީހުގެ ޗެމްބަރު ތެރެއަށް ރައީސް ވަހީދު ވަޑައިގެން ރިޔާސީ ބަޔާން ދެއްވަން ދެވަނަ ފަހަރަށް ފެއްޓެވި އެވެ. އެފަަހަރު ރިޔާސީ ބަޔާން އިއްވެވުން ރައީސް މެދުކަނޑާލެއްވީ މަޖިލީހުގެ ތެރޭގައި މެމްބަރުން އަޑުގަދަކޮށް ހަޅޭލަވަން ފެށުމުން ދެ މެމްބަރެއްގެ ނަން އިއްވުމަށް ފަހު އެ މެމްބަރުން މަޖިލީހުގެ ތަޅުމުން ނުކުންނަވަން ދެން މަޖިލީސް މެދުކަނޑާލުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގެންނެވުމުންނެވެ.
އެފަހަރު މަޖިލީހުގެ ޗެމްބަރުން ނިކުމެވަޑައިގެން ރައީސް ވަހީދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވެފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނުތައް ނެގެހެއްޓެވުމަށް ޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށާއި އެމަނިކުފާނުގެ ގާބިލްކަން ހުރި މިންވަރަކުން ވާޖިބު އަދާކުރެއްވުންމަތީގައި ދެމިހުންނަވާނެ ކަމަށެވެ. އަދި މަޖިލީހުގައި އެވަގުތު ދައްކަމުން ގެންދިޔަ މަންޒަރުތައް މުޅި ދުނިޔެ ބަލަމުން ގެންދާކަން ފާހަގަކުރައްވައި ރައީސް ވަހީދު ވަނީ ކެތްތެރިވެވަޑައިގަތުމަށް އެދިވަޑައިގެންފަ އެވެ.
މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށް ގަވާއިދާ ހިލާފަށް އަމަލްކުރެއްވި އެމްޑީޕީގެ މެމްބަރުން މަޖިލީހުގެ ތަޅުމުން ބޭރުކުރުމަށް މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިން އެތައް ފަހަރެއްގެ މަތިން މަސައްކަތްކޮށް މަޖިލީހުގެ ތެރެއަށް ވަދެ، ނަން އިއްވާފައިވާ މެމްބަރުން ނިކުމެވަޑައިގަތުމަށް ނަސީހަތްތެރިވި އެވެ. ނަަމަވެސް އެ މެމްބަރުން މަޖިލީހުން ކޮންމެ ފަހަރަކު ވެސް ނުކުމެވަޑައިގެންނެވީ އެންމެ ފަހު ވަގުތު އިތުރު ގޮތެއް ނެތިގެންނެވެ.
މަޖިލީހުގެ ޗެމްބަރު ތެރެއަށް ރައީސް ވަޙީދު ވަޑައިގެން ރިޔާސީ ބަޔާން އިއްވަވާފައި ވަނީ ހަތަރު ބުރަކަށް ބަހާލައްވައިގެންނެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކު ވެސް މަޖިލީހުގެ ތެރޭގައި އެމްޑީޕީގެ މެމްބަރުން މަޖިލީހުގެ ރައީސް އިންނަވާ ޗެންބަރާ ގާތްގަނޑަކަށް ހަތަރު ފޫޅަށް ކައިރިވެ ތިއްބަވައި އަޑުހަރުކޮށް ހަޅޭލަވަމުން ގެންދިޔަ އެވެ. ރައީސް ވަހީދު ރިޔާސީ ބަޔާން އިއްވެވުން މެދުކަނޑާލައްވަމުން ކޮންމެ ފަހަރަކު ވެސް މެމްބަރުންނާ ދިމާލަށް ހިނިފުޅުވަޑުވައިގެން އިންނަވައި ބައްލަވާލައްވަ އެވެ. އެއަށް ފަހު ގޮނޑިކޮޅުން ތެދުވެވަޑައިގެން ވަޑައިގެންނަވަނީ ބޯ ހޫރުވާލެއްވުމަށް ފަހުގަ އެވެ.
ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ވިދާޅުވި ގޮތުގައި މަޖިލީހަށް ރިޔާސީ ބަޔާން އިއްވެވުމަށް ރައީސް ވަހީދު އިއްޔެ އެ ދެއްކެވީ ގާނޫނު އަސާސީން އެމަނިކުފާނަށް ލާޒިމްކުރާ ވާޖިބު އަދާކުރެއްވުމުގެ ލާމަސީލު މިސާލެކެވެ. ނަމަވެސް އެމްޑީޕީގެ މެމްބަރުން "ވެރިކަމުގެ" ޖަޒުބާތުގައި ތިބެ އެކުރެއްވި މަސައްކަތްތަކުން ހާސިލްވި ނަތީޖާއަކީ ނުވަތަ އެކަމުގެ ބޭނުމަކީ ކޮބައިކަމެއް ބުނެދެވިފައިނުވާ ކަމަށް ނިހާން ވިދާޅުވި އެވެ. "ގާނޫނީ ވާޒިބެއް ވަހީދު އެއަދާކުރެއްވީ، ދެން ވަހީދަށް ހުރަސް އެޅުމަށް ގާނޫނު ހަދަން ތިބި ބަޔަކު އެކުރި ކަމަކީ ގާނޫނުގެ ބާރުކަނޑުވާލުމަށް ޖަޒުބާތުގައި ކުރި އެއްވެސް ނަތީޖާއެއް ނުނެރެވުނު ބޭކާރު މަސައްކަތެއް، އެއީ ބަޔަކަށް ދެއްކުމަށް ކުރި ކަމެއް ކަމުގައިވާ ނަމަ އެކަން ވެއްޖެ، ނަމަވެސް ނަތީޖާއަކީ ހަމަ ސުމެއް،" ނިހާން ވިދާޅުވި އެވެ. ނިހާން އެވިދާޅުވާ ވާހަކަ މުޅިން ދޮގުކުރެވޭނެ ޖާގައެއް އެއްވެސް ބަޔަކަށް ނެތެވެ. ސަބަބަކީ ރިޔާސީ ބަޔާން އިއްވެވުމަށް ރަޢީސް ވަހީދު ވަޑައިގެން މައާފަށް އެދިވަޑައިގެން މަގާމުން އިސްތިއުފާދޭން ޖެހިވަޑައިގެންނަވާނެ ކަމަށް އެމްޑީޕީން ބުނި ވާހަކަތަކަށް ވަނީ ތޮޅިއަށް ވެގެން ގޮސްފަ އެވެ. އެވާހަކަތަކުގެ މާނައެއް ނޭނގުނެވެ. އެއިން އެއްވެސް ކަމެއް އިއްޔެ މަޖިލިސް ހުޅުވި ޖަލްސާ އިން ފެނިފައެއް ނުވެ އެވެ.
ރައީސް ވަޙީދު މަޖިލީހުގައި އެ ދެއްކެވީ ހިތްވަރު ގަދަ ކެރޭ ލީޑަރެއްގެ ގަދަފަދަ މިސާލެއް ކަމަށް ސަރުކާރަށް ތާއީދުކުރާ ގިނަ މެމްބަރުން ދެކެވަޑައިގެންނަވަ އެވެ. އަދި ގާނޫނު އަސާސީ ތަންފީޒު ކުރުމުގައި މިހާތަނަށް އެއްވެސް ވަރަކަށް ވަހީދު ފަސް ޖެހިވަޑައިގެންތަން ނުފެންނަ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއަކީ ސަރުކާރާ އެކު އިއްތިހާދުވެފައިވާ ޕާޓީތައް ކަމުގައިވާ އިރު އިއްޔެ އޮތް މަޖިލީހުގެ ޖަލްސާގެ ތެރެއިން ވަހީދުއަށް އެއްބާރުލުން ދެއްވި ގިނަ މެމްބަރުންތަކެއް އެމްޑީޕީއާ ދެކޮޅަށް މަސައްކަތްތަކެއް ކުރިތަން ވަނީ ފެނިގެން ގޮސްފަ އެވެ. އެހެން ކަމުގައިވާއިރު ކިތަންމެ ހަލަބޮލިކޮށް މަޖިލީހުގެ ތަޅުން އޮތް ކަމުގައިވި ނަމަވެސް މަޖިލީހުގެ ރައީސް އެ ފުރުސަތު ދެއްވައިފި ނަމަ އެ ޕާޓީތަކުގެ ހައްގުގައި ވެސް ވަހީދަށް އެ ޑިސިޝަން ނަންގަވަން ޖެހިވަޑައިގެންނަވާނެ އެވެ.
ރިޔާސީ ބަޔާނަށް ހުރަަސްއެޅުމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން މަސައްކަތްކުރީ ދުރާލާ ނިންމުމަށް ފަހު އެވެ. ނަމަވެސް އެގޮތަށް ނިންމާފައި ވަނީ ސީދާ ކޮން ސަބަބަކާ ހުރެ ކަމެއް އެމްޑީޕީން މިހާތަނަށް ބުނެފައެއް ނުވެ އެވެ. ހަމައެކަނި ބުނަމުން ގެންދާ ވާހަކައަކީ ވަހީދުގެ ސަރުކާރު އެމްޑީޕީން ބަލައި ނުގެންނަ ވާހަކަ އެވެ. ނަމަވެސް އެވާހަކަތައް ޝަރުއީ ކޯޓަކާ ހަމައަށް މިހާތަނަށް ވެސް ގެންގޮސްފައިނުވާ ކަމީ ހައިރާންވާން ޖެހޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލްކުރެ އެވެ.
އެމްޑީޕީން ބުނާ ގޮތުގައި ރައީސް ވަހީދު އެ މަގާމަށް ވަޑައިގެންފައި ވަނީ ބަޣާވާތަކުން ކަމަށާއި އެފަދަ ބޭފުޅަކަށް ރިޔާސީ ބަޔާން އިއްވުމުގެ ފުރުސަތު މަޖިލީހުގެ ތެރެއިން އެމްޑީޕީން ނުދޭނެ އެވެ. ނަމަވެސް ރައީސް ވަހީދާއި އެމަނިކުފާނުގެ ސަރުކާރު ވަނީ އިންޑިއާގެ އިތުރުން އދ، ކޮމަންވެލްތު، އިނގިރޭސިވިލާތް އެމެރިކާގެ އިތުރުން ދުނިޔޭގެ ގިނަ ގައުމުތަކަކުން ބަލައިގެންފަ އެވެ. މިދިޔަ އަހަރު ވެސް އެމްޑީޕީން އެވާހަކަތައް އެގޮތަށް ބުނެ ރިޔާސީ ބަޔާން އިއްވެއްވުމަށް ރައީސް ވަހީދު ކުރެއްވި މަސައްކަތައް ހުރަސް އެޅި އެވެ. ނަމަވެސް އެފަހަރު ވެސް ވަހީދު ވަނީ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވައި ގާނޫނީ ވާޖިބު އަދާކުރައްވާފަ އެވެ. އެހެން ކަމުގައިވާ ނަމަ މިފަހަރު ވެސް އެމްޑީޕީން އެފަދަ ގޮތަކަށް މަޖިލީހުގައި އަމަލުކުރުމުގެ ބޭނުމަކީ އެކަންތައް އެގޮތުގައި ބޭއްވުން ކަމުގައި ވެސް ބެލެވިދާނެ އެވެ.
އެމްޑީޕީގެ މެމްބަރުން ރައީސް ވަހީދަށް ހުރަސް އަޅަމުން ގެންދިޔަ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ ރައީސް ވަހީދު ގެއަށް ވަޑައިގެންނަވަން ޖެހޭނީ ގާނޫނު އަސާސީ 88 ވަނަ މާއްދާ އިން އެމަނިކުފާނަށް ލާޒިމްކުރާ ޒިންމާ އަދާކުރައްވާފައި ކަމަށާއި އެ ޒިންމާ އަދާކުރުމުގެ ފުރުސަތު މަޖިލީހުގެ ގަވާއިދުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ދޭންޖެހޭނެ އެވެ. ނަމަވެސް މަޖިލީސް ހުޅުވުމަށް އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާއިން ފެނިގެން ދިޔައީ ގާނޫނުތަކުގެ ބާރު މުގުރާލުމަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކުރަމުން ދިޔަ މަންޒަރެވެ. ގާނޫނުތަކާއި ގަވާއިދުތައް ހައްދަވަން ތިއްބެވި އިއްޒަތްތެރި މެމްބަރުންގެ އަމަލްތައް އެއުސޫލުން ގެންގުޅުއްވާ ނަމަ އެގާނޫނުތަކުގެ ބާރާ މެދު ސުވާލުތައް އުފެއްދުމުގެ ފުރުސަތު ބޮޑުވެގެންދެ އެވެ. އަދި އެއީ ކަންބޮޑުވާން ޖެހޭވަރުގެ ބޮޑު މައްސަލައެކެވެ.
ހަތަރު ބުރަށް މަޖިލީހުގެ ޗެމްބަރުގެ ތެރެއަށް ވަޑައިގެން ވަހީދު ވަނީ ކެތްތެރިވެވަޑައިގެން އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ކުރިމަތިކުރަމުން ގެންދިޔަ ހުރަސްތަކާ އެކު ވެސް މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާފަ އެވެ. އެމްޑީޕީން ކުރިމަތިކުރަމުން ގެންދިޔަ ހުރަސްތަކާ އެކު 18 ސައްފާގެ މުޅި ބަޔާން މަޖިލީހަށް އިއްވެވުމުގައި ނާކާމިޔާބު ވެވަޑައިގެންނެވި ނަމަވެސް ރައީސް ވަހީދު ވަނީ އެ ބަޔާނުގައިވާ މުހިންމު ޕޮއިންޓްތައް މަޖިލީހަށް އިއްވަވާފަ އެވެ. އެގޮތުން އެމަނިކުފާނު އެންމެ ފުރަަތަމަ ފާހަގަކުރައްވާފައިވާ އެއް ޕޮއިންޓަކީ ދިވެހި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ވެސް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި ވާހަކަ އެވެ. އެކަމުން ވެސް ދޭހަކޮށްދެނީ ރާއްޖޭގެ ރައްޔިތުންނަށް ނުވަތަ ރާއްޖެ އަށް ނުރައްކަލެއް ވެދާނެ ކަމެއް ކުރުމުގެ ފުރުސަތު އެމަނިކުފާނު ނުދެއްވާނެ ކަމުގެ ޔަގީން ކަމެވެ. ނަމަވެސް އެމްޑީޕީން އެމަސައްކަތަށް ހުރަސް އެޅުމުން ހާސިލްވި ނަތީޖާއަކީ ކޮބައިތޯ އެވެ.
މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އެމްޑީޕީ އަށް ލިބިފައި ވަނީ ވޯޓްލި މީހުންގެ އާބާދީގެ 25.8 ޕަސެންޓް ކަމުގައިވާއިރު ވޯޓްލި އާބާދީގެ ބާކީ އިންސައްތައަކީ މިއަދު ރައީސް ވަހީދުގެ ސަރުކާރަށް ތާއިދުކުރާ ނުވަތަ މިސަރުކާރާ އެކު އިއްތިހާދުވި ޕާޓީތަކުގެ މެމްބަރުންނެވެ. އޭގެ ތެރޭގައި އެއްވެސް ސިޔާސީ ފިކުރެއް ނެތް ބަޔަކު ތިބި ކަމުގައި ވިޔަސް ރާއްޖޭގެ ގިނަ ބަޔަކު ތާއީދު ކުރަނީ އެމްޑީޕީ އަށް ކަމެއް ބުނެވިދާނެ ހެއްޔެވެ. ދެވަނަ ބުރުން ރައީސް ނަޝީދު ކާމިޔާބު ހޯއްދެވީ މިސަރުކާރުގައި މިހާރު އޮތް ޕާޓީތަކުގެ ތާއީދާ އެކު ކަމުގައިވާ އިރު ހަމަ ޔަގީނުން ވެސް މިހާރު އެހެން ބުނެވޭނެ ޖާގައެއް ނެތް ކަމަށް ގިނަ ބަޔަކު ގަބޫލްކުރެ އެވެ.
ރައީސް ވަހީދު ވެރިކަމާ ހަވާލުވެވަޑައިގެން މަޖިލީހަށް ރިޔާސީ ބަޔާން އިއްވެވި ދެ ފަަހަރު ވެސް އެމަނިކުފާނަށް ކުރިމަތިވެވަޑައިގެން ހުރަސްތަކާއި ގޮންޖެހުންތަކާ އެމަނިކުފާނު ކުރިމަތިލެއްވީ ވަރަށް ބޮޑަށް ތައްޔާރުވެވަޑައިގެން ހިތްވަރުފުޅާ އެކުގަ އެވެ. އަދި އެއިން ކޮންމެ ފަހަރަކު ވެސް ވަނީ ކާމިޔާބު ހޯއްދަވާފަ އެވެ. އެހެން ކަމުގައިވާ އިރު ގާނޫނީ ޒިންމާ އަދާކުރެއްވުމުގައި މިއަދު އެމްޑީޕީގެ މެމްބަރުންނަށް ވުރެ ރައީސް ވަހީދު އެވަނީ އެއް ފިޔަވަޅު ކުރި ހޯއްދަވާފަ އެވެ. އަނެއްކޮޅުން ކޮންމެ އަހަރެއް ވެސް ނިމިގެންދާ އިރު ގައުމުގެ ހާލަތު ދިރާސާކޮށް ކުރިއަށް އޮތް އަހަރަށް ސަރުކާރުގެ ކަނޑައަޅާ ތަސައްވުރަކީ ކޮބައިތޯ ބެލުން އެއީ ރައްޔިތުންގެ ހައްގެކެވެ. ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ރައްޔިތުންގެ މެމްބަރުން މިއަދު އެކަމަށް ހުރަސް އެޅުމަކީ ރައްޔިތުންނަށް ހަރާންކޯރުވުން ނޫން ކަމަށް ކަނޑައެޅިދާނެ ބާވަ އެވެ. ނުވަތަ ރައްޔިތުންގެ މަންފާއަށް ކުރި ކަމެކޭ ބުނެވިދާނެ ބާވަ އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ ރައީސް ވަހީދުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭނެ ކަމަށެވެ. އަދި އެގޮތަށް އެމްޑީޕީން ނިންމީ ދެ ސަބަބަކާ ގުޅިގެން ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އޭގެތެރެއިން ފުރަތަމަ ސަބަބަކީ ވަހީދަކީ ގާނޫނީ ހަމަތަކުގެ މަތިން ވެރިކަމަށް ވަޑައިގެން ހުންނެވި ބޭފުޅަކަށް ނުވާ ކަމަށާއި އަނެއް ސަބަބަކީ ވަހީދު ވަޑައިގެން އެ ހުންނެވީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށްވާ ނަމަ ވަހީދު ވާނީ އެމްޑީޕީ އަށް ނިސްބަތްވާ ވެރިއަކަށް ކަމަށް އެމްޑީޕީން ދެެކެ އެވެ.