ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމުގެ ގޮތުން ސާޖަރީއެއް ހައްދަވައި، ދިގު މުއްދަތެއް ވާންދެން ކީމޯ ތެރަޕީ ކުރިއަށް ގެންގޮސްފައިވާ ވެނެޒުއޭލާގެ ރައީސް ހޫގޯ ޗާވޭޒްގެ ނޭވާލުމުގެ ނިޒާމަށް ސީރިއަސް އިންފެކްޝަނެއް ޖެހިފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފި އެވެ.

ވެނެޒުއޭލާގެ އިންފޮމޭޝަން މިިނިސްޓަރު އާނެސްޓޯ ވިލެގާސް ވިދާޅުވި ގޮތުގައި ޗާވޭޒް ހާލަތު އަދިވެސް ފެންނަނީ ވަރަށް ސީރިއަސް ކޮށްނެވެ.

އުމުރުން 58 އަހަރުފުޅު ވެފައިވާ ޗާވޭޒްގެ ސާޖަރީ ކުރިއަށް ގެންގޮސްފައި ވަނީ ކިއުބާގަ އެވެ.

ޗާވޭޒްގެ ހާލުކޮޅު ނޭނގުމެއްގެ ތެރޭގައި ވާތީ، ވެނެޒުއޭލާގެ ގިނަ އަދަދެއްގެ ރައްޔިތުން ދަނީ އެކަން ސާފުކޮށްދިނުމަށް އެދެމުންނެވެ.

މިނިސްޓަރު ވިލެގާސް ވިދާޅުވީ މިހާރުވެސް ޗާވޭޒްއަށް ކީމޯތެރަޕީގެ ފަރުވާ ދެމުންދާ ކަމަށާއި، ނޭވާލައްވާން އުނދަގޫފުޅު ވެފައިވާ ކަމަށެވެ.

ސާދަ އަހަރު ވާންދެން ވެނެޒުއޭލާގައި ވެރިކަން ކުރެއްވި ޗާވޭޒްއަށް ކެންސަރުގެ އާލާސްކަންފުޅެއް ޖެހިފައިވާ ކަން އިއުލާންކުރައްވާފައި ވަނީ 2010 ވަނަ އަހަރުގެ ޖޫން މަހުގަ އެވެ. ނަމަވެސް ކެންސަރުގެ އާލާސްކަންފުޅެއް ޖެހިވަޑައިގެންފައި ވަނީ ކޮންތާކަށް ކަމާއި، އަދި އެ އާލާސްކަންފުޅާ ބެހޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.