05 Mar 2013, 02:20
ވިލިމާލޭގައި ގާއިމްކޮށްފައި ހުންނަ ކުޑަކުދީންގެ ހިޔާއިން ފިލައިގެން އުޅުނު ހަތް ކުޑަ ކުއްޖަކު ހޯދުމަށް ފަހު ފުލުހުން އެކުދިން ކުޑަކުދީންގެ ހިޔާއާ ހަވާލުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ސަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުޑަކުދިންގެ ހިޔާއިން ހަތް ކުއްޖަކު ފިލައިގެން އުޅޭ ކަމުގެ ރިޕޯޓެއް ފުލުހުންނަށް މިރޭ ގާތްގަނޑަކަށް 8:10 އެހާކަށް ހާއިރު ލިބިފައިވާ ކަމަށާއި އެކުދިން މިހާރު ތިބީ ކުޑަކުދިންގެ ހިޔާގައި ކަމަށެވެ. ނަމަވެސް އެކުދިން ފެނިފައިވަނީ ކިހާއިރެއް ފަހުން ކަމެއް ނުވަތަ އެކުދިން ފެނުނީ ކޮންތަނެއްގައި ތިއްބާ ކަމެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެތަނުން ފިލާފައިވާ ހަތް ކުދިން ނަކީ ވެސް އަންހެން ކުދިންނެވެ. އަދި އެއީ 18 އަހަރުން ދަށުގެ ކުދިންނެވެ. ނަމަވެސް މިމައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ކުޑަކުދިންގެ ހިޔާއަކީ އަޅާލާނެ ބަޔަކު ނެތް ކުޑަކުދިން ބެލުމަށް ދައުލަތުގެ ފަރާތުން ގާއިމްކޮށްފައިވާ ތަނެއް ކަމުގައިވާއިރު ބައެއް ހާލަތްތަކުގައި އެތަނުގައި 18 އަހަރުން މަތީގެ ކުދިން ވެސް ވަނީ ގެންގުޅެފަ އެވެ. އަދި އެތަނުގައި އުޅޭ ފުރާ އުމުރު ފުރާގެ ކުދިން އެތަނުގެ ފެންސުމަތިންނާއި ފާރުމަތިންނާއި ފުންމާލައިގެން ފިލާ މައްސަލަ މިފަހަކަށް އައިސް ވަނީ ބޮޑުވެފަ އެވެ. އެގޮތުން މިއަހަރުގެ ޖަނަވަރީ މަހުގައި ވެސް އެތަނުން ފިލައިގެން ދިޔަ ދެ އަންހެން ކުއްޖެއް މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.