04 Mar 2013, 22:17
ދިހަހާސް މެންބަރުން ހަމަނުވާ ޕާޓީތައް އުވާލާ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސްކުރި ސިޔާސީ ޕާޓީތަކުގެ ބިލާއި މަޖިލީހުގެ އިމްތިޔާޒްތަކުގެ ބާރުތަކުގެ ބިލް ތަސްދީގު ނުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު މަޖިލީހަށް އަނބުރާ ފޮނުއްވާލައްފައިވާ ދެ ބިލް މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ފަހު މާދަމާ ބާއްވާ ފުރަތަމަ ދައުރުގެ ޖަލްސާގައި އެ ދެ ބިލާ މެދު މަޖިލީހުން އަމަލު ކުރާނެ ގޮތެއް މަޖިލީހުގެ ރިޔާސަތުން މާދަމާގެ ޖަލްސާގައި އިއުލާން ކުރާނެ ކަމަށް އެޖެންޑާގައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކުރައްވައި މަޖިލީހަށް އަނބުރާ ފޮނުއްވާލައްވާ ބިލްތައް މަޖިލީހުން 39 ވޯޓާ އެކު އަލުން ފާސްކޮށްފި ނަމަ އެ ބިލް އޮޓެމިޓިކުން ތަސްދީގުވީ އެވެ.
ސިޔާސީ ޕާޓިއެއް ރަޖިސްޓްރީ ކުރުމަށް މަދުވެގެން 10،000 މީހުންގެ ސޮޔާއި ނަމާއި އިނގިލީގެ ނިޝާނާ އެކު ހުށަހަޅައި، އެ އަދަދަށް ހަމަނުވާ ޕާޓީތައް ތިން މަސް ދުވަހުގެ ތެރޭގައި އުވާލާ ގޮތަށް އެ ބިލް މަޖިލީހުން ފާސް ކުރީ އެމްޑީޕީއާއި ޕީޕީއެމްގެ އިތުރުން އަދި ޑީއާރްޕީގެ މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ ބިލް ފާސް ކުރުމަށް 64 މެންބަރުން ވޯޓް ދެއްވި އިރު، އެ ބިލް ފާސް ކުރުމާ ދެކޮޅު ހެދީ އެންމެ ހަތަރު މެންބަރުންނެވެ.
މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒަށް އަރައިގެންފި މީހުންގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭ ގޮތަށް އިމްތިޔާޒް ބިލް ފާސް ކުރީ މަޖިލީހުގައި މެންބަރުންގެ މެދުގައި ނެގި ވޯޓް އެއްވަރުވެގެން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވޯޓު ދެއްވައިގެންނެވެ. އެ ދެ ބިލް މަޖިލީހަށް އަނބުރާ ފޮނުއްވާލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ ބިލްތައް ފާސްކުރީ ރައްޔިތުންގެ ބައެއް އަސާސީ ހައްގުތައް ގެއްލޭ ގޮތަށް ކަމަށެވެ.
މާދަމާގެ ޖަލްސާގައި ހުޅުމާލޭ ކޯޓް އުވާލެވޭ ގޮތަށް ކޯޓުތަކުގެ ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހު ކުޅުދުއްފުށީ ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވެސް އެޖެންޑާގައިވެ އެވެ. ކޯޓުތަކުގެ ގާނޫނުގެ ހަ މާއްދާއަކަށް އިސްލާހު ހުށަހަޅުއްވާފައިވާ އެ ބިލު މަޖިލިހަށް އިއްވުމަށް ފަހު، އެ ބިލަށް ބަހުސް ކުރާނެ އެވެ. ކޯޓުތަކުގެ ގާނޫނުގެ 52 ވަނަ މާއްދާއާއި 62 ވަނަ މާއްދާއަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނަނީ އެ ބިލް މަޖިލީހުން ފާސްކޮށް ތަސްދީގުކޮށް އަމަލު ކުރަން ފަށާ ދުވަހުން ފެށިގެން މާލޭގައި ސުޕީރިއާ ކޯޓުތައް ފިޔަވައި ތިރީ ގިންތީގެ އެއްވެސް ދަށު ކޯޓެއް ހިންގަމުން ދާނަމަ އެ ހިނދުން ފެށިގެން އެ ކޯޓެއް އުވޭނެ ކަމަށެވެ. އެ މާއްދާގައިވާ ގޮތުން އެ ބިލް ފާސްވެ، ތަސްދީގުކޮށްފި ނަމަ ހުޅުމާލޭ ކޯޓު އުވޭނެ އެވެ.
މާދަމާގެ ޖަލްސާގައި ހަ ބިލަކާއި ދެ ގަރާރެއްގެ ބަހުސް ކުރިއަށް ގެންދިއުމަށް އެޖެންޑާކޮށްފައިވާ އިރު، ބްރޯޑްކާސްޓިން ކޮމިޝަނުން ހުސްވެފައިވާ މެންބަރު ކަމުގެ ގޮނޑިއަށް ބޭފުޅަކު އައްޔަން ކުރުމަށްޓަކައި ކޮމެޓީން ފޮނުވި ނަންތަކާ ގުޅޭ ގޮތުން ބަހުސް ކުރުމަށް އެޖެންޑާކޮށްފައިވެ އެވެ. ބަހުސް ނިމިއްޖެނަމަ މާދަމާގެ ޖަލްސާގައި ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ބޭފުޅަކު ހޮއްވަވާނެ އެވެ.
ބްރޯޑްކާސްޓިން މެންބަރު ކަމަށް ކުރިމަތިލި 14 ބޭފުޅުންގެ ތެރެއިން ކޮމެޓީން ދިރާސާ ކުރުމަށް ފަހު މަޖިލީހުގެ ތަޅުމަށް ފޮނުވާފައި ވަނީ ފަސް ނަންފުޅެކެވެ. އެއީ ހއ. ދިއްދޫ އާލިޔާ، މުހައްމަދު އަސްލަމާއި ކުރީގެ އެމްއެންބީސީގެ ސީއީއޯ އަދި މިހާރު ޓީވީއެމްގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) މ. ރަތްވިލާ މުހައްމަދު އާސިފް (މޮންދު) އާއި މ. ބީޗްހެވަން އަލީ ނަސީހާއި ގ. ޑޭޒީފެހި މުހައްމަދު ހިލްމީގެ އިތުރުން ރަތަފަންދޫ ބަހާރީވިލާ މިއުސަމް އައްބާސެވެ.