04 Mar 2013, 19:23
ރިޔާސީ ބަޔާން އިއްވުމަށްޓަކައި ހަ ގަޑިއިރަށް ފަހު ރައީސް ޑރ. މުހައްމަދު ވަހީދު މަޖިލީހުން ނުކުމެވަޑައިގެންނެވި އިރު މިދިޔަ އަހަރު މަޖިލިސް އޮތްފަދަ "ގަޑުބަޑު" ހާލަތަކަށް ނުދެ އެވެ. މަޖިލީހުގެ ތެރޭގައި "ބާޣީ"ގެ އަޑު އެއްވާނެއްގައި ގޮވި އިރު މަޖިލީހުގެ ސަރަހައްދާ ދުރުން ސޯސަންމަގުގައި އެއްވެފައިތިބި އެމްޑީޕީގެ މުޒާހަރާއަކުން ވެސް އެ އަންބާ ކިޔަމުންދިޔަ އެވެ. މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ޕީޖީ މެންބަރުންގެ ފަރާތުން މަޖިލީހުގެ ތަކެއްޗަށް ގެއްލުމެއް ނުލިބޭ އިރު، މަޖިލިސް އޮތީ ކުރިން ހީކުރިގޮތާ ހިލާފަށް ހަމަނުޖެހުމާއި މާރާމާރީ އާއި ހަޅޭކުގެ ތެރޭގަ އެވެ. ރިޔާސީ ބަޔާން އިއްވުމަށް ރައީސް ވަހީދު މަޖިލީހުގެ ޗެންބަރަށް ވަނުމަށް އެމްޑީޕީގެ މެންބަރުންނަށް ގަދަ ދެއްކުނީ އެންމެ ފަހަރަކު އެވެ. އެއަށް ފަހު ރައީސް މަޖިލީހުގެ ޗެންބަރަށް ވަޑައިގެންނެވި ހަތަރު ފަހަރު ވެސް ހުރަސް އެޅި މެންބަރު "ސާފު" ކުރުމަށް ފަހު އެވެ.
މަޖިލިސް ހުޅުވި ޖަލްސާ ހަތް ފަހަރަކު މެދުކަނޑާލި އިރު، އެންމެނަށް ހައިރާންކަން ގެނުވީ ތިން މެންބަރެއްގެ މެދުގައި ހިނގި މާރާމާރީ އެވެ. އެއީ މައްޗަން ގޮޅީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ކުބޭ)އާއި މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދާ ދެމެދު ހިނގި ހަމަނުޖެހުމެވެ.
ފުރަތަމަ މާރާމާރީ ހިނގަން މެދުވެރިވީ ރައީސް ވަހީދު ރިޔާސީ ބަޔާން އިއްވަނިކޮށް އިދާރާ މޭޒުގެ ކުރިމާތީގައި އެމްޑީޕީގެ މެންބަރުން "ކޫ ބޮސް" ލިޔެފައިވާ ބެނާއެއް ހިފަހައްޓައިގެން ތިއްބައި ރިޔާޒް ރަޝީދު އެ ފޮތިގަނޑު ޖަހައިގަތުމުންނެވެ. ރިޔާޒާއެކު ފޮތިގަޑު ޖަހައިގަތުމުގައި ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެ ހިސާބުން އެމްޑީޕީގެ މެންބަރުން ރުޅިގަދަވެ، އެ ދެ މީހުންގެ އަތުން ފޮތިގަނޑު އަތުލުމަށް މަސައްކަތް ކުރުމުން، ރިޔާޒް މާބޮޑަށް ދަޖަލު ކުރުން ފެށުމުން ހަމަނުޖެހުން ހިނގި އެވެ. އެކަކު އަނެކަކަށް ކޮއްޕާ ހަދައި، އަތް އިސް ކުރަން ފެށުމުން ރިޔާޒް ރަޝީދު ކުބޭ ގައިގައި ޖެހި އެވެ. ރައްދުގައި ކުބޭ ވެސް ރިޔާޒު ގަޔަށް އަރައިގަތެވެ. އަދި ފޮތިގަނޑު ވެސް އަތުލި އެވެ. އެ ދަނޑިވަޅުގައި ރިޔާޒާއި މަޑަވެލި ނާޒިމާ ދެމެދު ވެސް މާރާމާރީ ހިނގި އެވެ. އެ ދެ މެންބަރުން ވެސް ވަނީ އެކަކު އަނެކެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގާފަ އެވެ. މާރާމާރީ ހިނގި މަންޒަރު އެވަގުތު ޗެންބަރުގައި ހުރި ޓީވީތަކުން ފެންނަމުންދިޔަ އެވެ.
ބެނާ އަތުލުމަށް މެންބަރުން ބޮޑިވެގަތް ގަޑީގައި މާރާމާރީ ހިނގަން ފެށުމުން އެކަން ހުއްޓުވާފައި ވަނީ ޕީޕީއެމްގެ މެންބަރުންނާއި އެމްޑީޕީގެ މެންބަރުން ގުޅިގެންނެވެ. މެންބަރުން ވަނީ ރިޔާޒް އިށީންނަވާ ގޮނޑި ގޮޅަށް ގެންދެވީ ގެންދަވާފަ އެވެ. މެންބަރުންގެ މެދުގައި ހިނގި އެ "ހާޖާނުގަނޑުގައި" އެއްވެސް މެންބަރަކަށް ސީރިއަސް އަނިޔާތަކެއް ނުލިބެ އެވެ. ނަމަވެސް ކުދި ހާނަކަވެ، ނޫފައިގެންފައިވާ ކަމަށް މެންބަރުން ބުންޏެވެ.
މަޖިލީހުގެ ޖަލްސާ ހިނގަމުން ދަނިކޮށް މެންބަރު ކުބޭ އާއި މަޖިލީހުގެ ޗެންބަރުގައި ސެކިއުރިޓީ ބެލެހެއްޓި ސިފައިންގެ މީހަކާ ދެމެދު ވެސް ހަމަނުޖެހުމެއް ހިނގި އެވެ. ނަމަވެސް އެކަން ހިނގީ ކީއްވެގެން ކަމެއް އެހާބޮޑަކަށް މަޖިލީހުގެ ގެލެރީތަކުގައި ތިބި ނޫސްވެރިންނަކަށް ނޭނގެ އެވެ. ސަބަބަކީ ނޫސްވެރިން ތިބީ އިރުމަތީ ފަރާތު ގެލެރީގައި ވުމުން މަޖިލީހުގެ ޗެންބަރުގެ ވިއު އެހާބޮޑަކަށް ސާފެއް ނުވެ އެވެ. ނަމަވެސް އެ ދެ މީހުންގެ ދެމެދުގައި މާރާމާރީ ހިނގުމުގެ ކުރިން ކުބޭ ވަނީ އެތަނުގައި ހުރި ސެކިއުރިޓި ސިފައިންގެ މީހެއްގެ މޫނުގައި ޕޯސްޓަރު އަޅައި ފަހަތަށް ކޮއްޕައިފަ އެވެ. އެތަނުގައި އެ ވަގުތު ސެކިއުރިޓީ ބެލެހެއްޓި ސިފައިންގެ މީހަކު ސަންއަށް ބުނީ ކުބޭގެ އަމަލުތައް ހުރިގޮތުން އެވަގުތު ހަމަނުޖެހުން ހިނގީ ކަމަށެވެ.
ހަމަނުޖެހުން ހިނގިތާ ކުޑައިރުކޮޅެއް ފަހުން ސެކިއުރިޓީ ބެލެހެއްޓި ސިފައިންގެ މީހާ ޗެންބަރުން ނުކުންނެވުމަށް ދުއްވައިގެންތަން ޗެންބަރުގައި ތިބި ނޫސްވެރިންނަށް ވެސް ފެނިފައިވެ އެވެ. އަދި އޭނާ ދުއްވައިގަތީ ކީއްވެގެންކަމެއް ސާފެއް ނުވެ. ރަސްމީކޮށް އެކަމާ ގުޅޭ ގޮތުން އެމްއެންޑީއެފުން ވަކިއެއްޗެއް ނުބުންޏެވެ. އެކަމާ ގުޅޭ ގޮތުން އެމްޑީޕީން ބުނެފައި ވަނީ ސެކިއުރިޓީން ގަސްތުގައި ކުބޭގެ ގައިގައި ޖެހީ ކަމަށެވެ.
މިއަދުގެ ޖަލްސާގައި މަޖިލީހުގެ ނިޒާމު ގެއްލުވާލި ފަސް މެންބަރެއްގެ ނަން އިއްވައި، ސިފައިން މެދުވެރިކޮށް ނަސޭހަތްތެރިވުމުން އެ މެންބަރުން ވަނީ ޖަލްސާ ދޫކުރައްވައި ވަޑައިގެންފަ އެވެ. އެ މެންބަރުންނަކީ ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ރިޔާޒާއި މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދާއި (ކުބޭ)ގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރެވެ. ނަން އިއްވެވި އެ މެންބަރުން މަޖިލީހުގެ ތަޅުމުން ނެރުމަށް މިފަހަރު "ގަދަދެއްކުމެއް" ނުފެނެ އެވެ.
މަޖިލީހުގެ 72 މެންބަރުންނާއެކު ފެށި މިއަދުގެ ޖަލްސާގައި ގެއްލުމެއް ލިބިފައި ވަނީ މަޖިލީހުގެ ރައީސްގެ މޭޒުކޮޅު މައްޗަށް އެމްޑީޕީގެ ޕީޖީ މެންބަރުންތަކެއް އުކާލި މާކޯޅިއެއްގެ ސަބަބުންނެވެ. މަޖިލިސް ޒީނަތްތެރި ކުރުމަށް ބަހައްޓާފައި ހުރި މާ ކޯޅިއެއް ރައީސްގެ މޭޒުކޮޅުމައްޗަށް އެއްލާލުމުން އެތަނުގެ މަތީގައި ހުރި ފެންތައްޓެއް ބަންޑުންވެ، މައިކް ސިސްޓަމަށް ކޮންމެވެސް ވަރަކަށް ފެނުގެ އަސަރު ކުރި އެވެ. ނަމަވެސް މައިކު ބަދަލު ކުރަން ޖެހޭ ހިސާބަށް ފެނުގެ އަސަރެއް ނުފޯރަ އެވެ.