މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ގޮތުން މިއަދު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން އިއްވި ރިޔާސީ ބަޔާނަށް ޖަވާބު ނުދޭން ޕާލިމެންޓްރީ ގްރޫޕުން ނިންމާފައިވާ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.

"ސަން" އަށް މިއަދު ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ރައީސް ވަހީދަކީ ގާނޫނީ ހަމަތަކުގެ މަތީން ވެރިކަމަށް ވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށް އެ ޕާޓީން ގަބޫލު ނުކުރާތީ ރިޔާސީ ބަޔާނަށް ޖަވާބު ދޭން ނުޖެހޭނެ ކަމަަށާއި އަދި އެމަނިކުފާނަކީ ގާނޫނީ ހަމަތަކުގެ މަތީން ވެރިކަމަށް ވަޑައިގެން ހުންނެވި ބޭފުޅެއް ނަމަ އެމަނިކުފާނު ވާނީ އެމްޑީޕީގެ ބޭފުޅަކަށް ކަމަށެވެ. އެހެން ކަމުން އެ ގޮތުން ވެސް ބަޔާނަށް ޖަވާބު ދޭން ނުޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެން ރިޔާސީ ބަޔާނަށް ޖަވާބު ނުދޭން ނިންމީ ދެ ސަބަބަކާ ގުޅިގެން. އޭގެ ތެރެއިން ފުރަތަމަ ސަބަބަކީ ވަހީދަކީ ގާނޫނީ ހަމަތަކުގެ މަތިން ވެރިކަމަށް ވަޑައިގެން ހުންނެވި ބޭފުޅަކަށް ނުވުން. އަނެއް ސަބަބަކީ މިސާލަކަށް ވަހީދު ވަޑައިގެން އެ ހުންނެވީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށްވާ ނަމަ ވަހީދު ވާނީ އެމްޑީޕީ އަށް ނިސްބަތްވާ ވެރި އަކަށް. އެއީ އެމްޑީޕީގެ ޓިކެޓްގައި ހޮވި ވަޑައިގެން ހުންނެވި ނައިބު ރައީސެއް. އެހެން ވީމާ އެމްޑީޕީން އެ ބަޔާނަށް ޖަވާބު ދޭކަށް ނުޖެހޭނެ،" އިބޫ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ މާޗް މަހުގެ 19 ވަނަ ދުވަހު އެ އަހަރަށް މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސް އިއްވި ރިޔާސީ ބަޔާނަށް ވެސް އެމްޑީޕީން ޖަވާބު ދީފައެއް ނުވެ އެވެ. އިބޫ ވިދާޅުވީ މިދިޔަ އަހަރު ވެސް ރިޔާސީ ބަޔާނަށް ޖަވާބު ނުދިނީ ހަމަ އެ ސަބަބުތަކާ ގުޅިގެން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 25 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން ރިއާސީ ބަޔާނަށް ޖަވާބު ދޭންޖެހެނީ ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނަ މެމްބަރުން ތިބި ޕާޓީގެ ފަރާތުން މެޖޯރިޓީ ލީޑަރު ނުވަތަ މައިނޯރިޓީ ލީޑަރެވެ. އަދި އެ މާއްދާގެ (ބ)ގައިވާ ގޮތުން ރިއާސީ ބަޔާން އިއްވާތާ 14 ދުވަހުގެ ތެރޭގައި މަޖިލީހުން ޖަވާބު ދޭން ޖެހެ އެވެ.