04 Mar 2013, 16:44
ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިހުތިޖާޖުކުރަމުންދަނިކޮށް، މިއަދު އެމަޖިލީހަށް ރައީސް ވަހީދު އިއްވެވި ރިޔާސީ ބަޔާނުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތައް އަލިއަޅުވާލަމުން ވިދާޅުވެފައި ވަނީ ރާއްޖޭގެ ހާރިޖީ ސިޔާސަތަކަށް އަބަދުވެސް ވާނީ ރާއްޖޭގެ މިނިވަންކަމާއި، ސަރަހައްދުގެ ރައްކާތެރިކަން ދެމެހެއްޓުމާއި، ރާއްޖޭގެ ގައުމީ ސިޔާދަތު ހިމާޔަތްކޮށް ކުރިއަރުވައި، ރާއްޖޭގެ އިސްލާމީ ވަހުދަތު ހިމާޔަތްކުރުން ކަމަށެވެ.
"ބޭރުގެ އެކި ފަރާތްތަކުން ދިވެހިރާއްޖޭގެ މިނިވަންކަމާ ތޮޅެން ފެށި ކޮންމެ ފަހަރަކުމެ، އަޅުގަނޑުމެންގެ ކާބަފައިން ވަނީ ލެޔާއި ފުރާނައިން ހަނގުރާމަކޮށްގެން ދިވެހިންގެ މިނިވަންކަން ދިފާއުކޮށްފައި. ރާއްޖޭގެ ހިތްގައިމު ގޮނޑުދޮށްތަކުގައި ބަސްބުނާނޭ ބަޔަކީ ހަމައެކަނި ދިވެހިން ކަމުގައި ކަނޑައަޅާދީފައި. މިއީ ދިވެހިންގެ ފަހުރުވެރި ތާރީހު" ރައީސްގެ ބަޔާނުގައި ވިދާޅުވި އެވެ.
ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ބޭރުގެ ފަރާތްތަކުން ރާއްޖެއިން ކަންތައް ކުރަން ޖެހޭނެ ގޮތް ކަމަށް ބުނެ ދައްކަމުންދާ ވާހަކައަށް އިޝާރާތްކުރައްވާ ރައީސްގެ ބަޔާނުގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ "ސިޔާސީ މިނިވަންކަމުގެ މައްޗަށް އަތްގަދަކޮށް ވެރިވެގަންނަން މަސައްކަތްކުރާނެ ފަރާތްތައް މަދެއް ނުވާނެ" ކަމަށެވެ.
ނަމަވެސް ރައީސްގެ ބަޔާނުގައި ރާއްޖޭގެ ކަންކަން އިސްލާހުކުރުމުގައި އަދި ފުރިހަމަނުވާ ކަންކަން ފުރިހަމަ ކުރުމުގައި ބޭރުގެ ފަރާތްތަކުގެ ކަންބޮޑުވުންތައް ހުންނާނެ ކަމަށާއި، އެއީ މައްސަލައެއް ނޫން ކަން ފާހަގަކުރައްވާފައިވެ އެވެ.
"ބޭރުގެ ފަރާތްތަކުގެ ކަންބޮޑުވުންތައް ހުރުމަކީ މައްސަލައެއް ނޫން. އެފަދަ ކަންކަން ހުރި ނަމަ ސަރުކާރުން އެކަން ކަމަށް ހައްލުތަކެއް ގެންނާނެ. ގެންނަންވެސް ވާނެ" ރައީސް ވަހީދު ވިދާޅުވި އެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހު މިދޭތެރެއިން ހޫނުވެގެން ދިޔަ ދިއުމުގައި ބޭރުގެ ގިނަ ގައުމުތަކަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ރާއްޖެއާ އެންމެ ގާތް އެއް ގައުމުގެ ހައިސިއްޔަތުން އިންޑިއާއިން ވަނީ އެމައްސަލަ ހައްލަކަށް ގެނައުމުގައި ދިވެހި ސަރުކާރާއެކު ދިގު މަޝްވަރާތަކެއް ކޮށްފަ އެވެ.
އެކުވެރި ގައުމުތަކުގެ މިފަދަ ކަންބޮޑުވުންތައް ބަލައިގަނެވޭނެ ކަމަށް ވިދާޅުވުމަށްފަހު، ރައީސް ވަހީދު ވަނީ ދިވެހި ސަރުކާރަށް އެކި މައްސަލަތަކުގައި މިވެނި، އެވެނި ގޮތަކަށް ކަންތައްތައް ކުރުމަށް ބޭރުގެ ފަރާތްތަކުން ގޮވާލާ ގޮވާލުންތައް ގަބޫލުނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.
"ވަކި ދުވަހެއްގެ ކުރިން ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރު އިސްތިއުފާދީ އިންތިހާބެއް ބާއްވަން ޖެހޭނެ ކަމަށް ބުނުމާއި، ބޭރު ގައުމުތަކުގެ މަންދޫބުން ރާއްޖޭގެ ސިޔާސީ ހަރަކާތްތަކުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ސަރުކާރުން ގަބޫލުކުރާނެ ކަމެއް ނޫން. ކުޑަ ގައުމަކަށް ވާތީވެ، ކުޑަކޮށް އިންސާފު ދިނުމަކީވެސް ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫން" ރައީސް ވަހީދު ވިދާޅުވި އެވެ.
ބައެއް ދިވެހިން، އެފަދަ ފިއްތުންތަކަށް މަރުހަބާ ކިޔަމުންދާ ދިއުމަށް އިޝަރާތްކުރައްވަމުން ރައީސް ވަހީދު ވިދާޅުވީ އެފަދަ ފިއްތުންތަކަކީ ސަރުކާރަށް އަންނަ ފިއްތުންތަކެއް ނޫން ކަމަށާއި، ގައުމުގެ މިނިވަން ކަމަށް އަސަރުކުރާ ކަންތައްތަކެއް ކަމަށެވެ.