04 Mar 2013, 16:10
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހަވާލުވެވަޑައިގަތް އިރު "ރާއްޖޭގެ އިގްތިސާދު އޮތީ އަނދަވަޅަކަށް ވެއްޓިފައި" ކަމަށާއި ރާއްޖެ އަށް ލިބޭ އާމްދަނީއާ ނުބައްދަލު ބޮޑެތި ހަރަދުތައްކޮށްފައި ވުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ބޭރުގެ ދަރަނި 725 މިލިއަން ޑޮލަރަށް (11،179.5 މިލިއަން ރުފިޔާ) އަށް އަރާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ޕާލަމެންޓް މެންބަރުންގެ ވަރުގަދަ ކުރިމަތިލުންތަކުގެ ތެރެއިން ރައީސް ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު އިސް ކަމެއް ދިނީ އިގްތިސާދީ ގޮތުން ވެއްޓިފައިވާ ވަޅުގަނޑުން ނަގައި ރާއްޖޭގެ އިގްތިސާދު ހަމަމަގަށް އެޅުއްވުމުގެ މަސައްކަތް ކަމަށެވެ.
"ދައުލަތުގެ ހަރަދުތައް ވީހާ ވެސް ބޮޑަކަށް ކުޑަކުރުމުގެ ގޮތުން މި ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައި. އަދި ދައުލަތުގެ އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ބަލައި ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ތައްޔާރުކޮށް، އެ ބިލްތައް މިހާރު ވާނީ، ތިޔަ އިއްޒަތްތެރި މަޖިލީހަށް ހުށަހަޅާފައި،" ރައީސް ވިދާޅުވި އެވެ.
ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރު ކުންފުނީގެ އަތުން އަނބުރާ ހޯދުމުގެ ސަބަބުން ރާއްޖޭގެ ބޭންކްތަކަށް ވަންނަ ބޭރު ފައިސާ އިތުރުވެ، ޑޮލަރުގެ މައްސަލަ އަށް ލުޔެއް ހޯދުމަށް މަގުފަހިވެފައިވާ ކަމަށެވެ.
"ސަރުކާރުގެ އަމާޒަކީ ރާއްޖެ އަށް ވަންނަ ބޭރު ފައިސާ ރާއްޖޭގައި ބެހެއްޓޭނެ އިންތިޒާމުތަކެއް ހަމަޖެއްސުން،" ރައީސް ވިދާޅުވި އެވެ.
ޑރ. ވަހީދު ދެއްވި ދެ ވަނަ ރިޔާސީ ބަޔާނުގައި ވިދާޅުވީ "ރާއްޖޭގެ ބޭންކްތަކުން ހައުސިން ލޯނާއި ކުދި ލޯންތައް ތައާރަފު ކުރެވިގެން ދިޔަކަން އެއީ ވެސް ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެ" އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އައި ކަމެއް ކަމަށެވެ.
ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް އެޅުއްވި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ގައުމުގެ އުފެއްދުން ތެރިކަން މިދިޔަ އަހަރު 3.4 ޕަސެންޓަށް ކުރި އަރާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މި އަހަރު އެ އަދަދު 4.3 ޕަސެންޓަށް ކުރި އަރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ އިގްތިސާދަކީ ގިނަ ސިނާޔަތްތަކެއްގެ މައްޗަށް އެކުލެވޭ އިގްތިސާދަކަށް ހެދުމަށް ސްޓްރެޓެޖީއެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން އަންނަ ކަމަށެވެ.
މިދިޔަ އަހަރު ރާއްޖޭގެ ވެރިކަން ބަދަލުވުމާ އެކު ކުރިމަތިވި ސިޔާސީ ހަލަބޮލި ކަމާ އެކު ޓޫރިސްޓުން އައި ނިސްބަތް މިދިޔަ އަހަރު 12 ޕަސެންޓް ދަށަށް ދިޔަކަން ރައީސް ފާހަގަ ކުރެއްވި އެވެ. ނަމަވެސް ސަރުކާރުން ކުރި މަސައްކަތާ އެކު ޓޫރިސްޓުން އަންނަ އަދަދު ނުވަ ޕަސެންޓް ކުރިއަށް ޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ތިން ފަހަރަކަށް މެދު ކަނޑާލުމަކަށް ފަހު، ހަތަރު ބުރުން ރައީސް ވަހީދު ދެއްވި ރިޔާސީ ބަޔާން ނިންމަވާ ލެއްވީ ރައީސް އަށް މިއަދު ރިޔާސީ ބަޔާން ނުދެއްވޭނެ ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން އަޑުގަދަ ކުރައްވަމުން ދަނިކޮށެވެ. މިއަދު ބައެއް މެންބަރުން ވަނީ ބޭރަށް ވެސް ނެރެފަ އެވެ.