އޭއެފްސީ ކަޕްގައި މާދަމާ ހަވީރު ރާއްޖޭގެ ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބާއި ހޮންކޮންގްގެ ސަންރޭ ކޭވް ޖޭސީ ސަންހައިގެ (ސަންހައި) ބައްދަލުކުރާ މެޗަކީ ވާދަވެރި މެޗަކަށް ވާނޭ ކަމަށް ސަންހައިގެ ކޯޗް ޗަން ފެޓް ޗީ ބުނެފިއެވެ.

ސަންހައިގެ ކޯޗް ބުނީ އޭނާއަށް ރާއްޖޭގެ ފުޓްބޯޅައާ ބެހޭގޮތުން މިހާތަނަށް ލިބިފައިވާ މައުލޫމާތު ތަކަށް ބަލާއިރު ރާއްޖޭގެ ފުޓްބޯޅަ އާއި ހޮންކޮންގްގެ ފުޓްބޯޅަ "ސްޓައިލް" ވަރަށް ވައްތަރު ކަމަށާއި އެހެން ކަމުން މާދަމާގެ މެޗަކީ ވަރަށް ވާދަވެރި ފޯރިގަދަ މެޗަކަށް ވެގެންދާނޭ ކަމަށެވެ.

"މިހާތަނަށް އެނގިފަ އޮތް ގޮތުގައި ރާއްޖެއާއި ހޮންކޮންގްގައި ކުޅެނީ ވަރަށް އެއްގޮތް ފުޓްބޯޅައެއް. އަހަރުމެން މި ލަފާކުރަނީ ވަރަށް ވާދަވެރި މެޗަކަށް ވެގެން ދާނޭ ކަމަށް،" ސަންހައިގެ ކޯޗު ބުންޏެވެ.

ސަންހައި ޓީމާ ބެހޭގޮތުން ކޯޗު ބުނީ "ސީޒަން ފެށުނުއިރު އަހަރުމެންނަށް އެހާ ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވޭ. ސަބަބަކީ ޓީމުގެ ވަރަށް ގިނަކުޅުންތެރިން ތަކެއްވަނީ ބަދަލުވެފައި. އެހެންކަމުން ޓީމުގެ ކުޅުންތެރިން އަދިކިރިޔާ ޓީމަށް ހޭނެމުން މިދަނީ. ސީޒަން މެދެއްހައި ތަނަށް ދިޔައިރު މިހާރު ޓީމާދޭތެރޭ ޔަގީންކަން ވަރަށް ބޮޑު. އެންމެ ފަހުން ކުޅުނު ދެމެޗެއް ޓީމުންވަނީ ކާމިޔާބު ކޮށްފައި. އެހެން ކަމުން ކުރިއަށްހުރި މެޗުތަކުގައި ރަނގަޅު ކާމިޔާބެއް ހޯދޭނޭ ކަމަށް އުންމީދު ކުރަން" ކަމަށެވެ.

ރާއްޖޭގެ ދިވެހި ލީގު ތާވަލުގެ އެއްވަނައިގައި ނިއުރޭޑިއެންޓް އޮތް އިރު 10 ޓީމު ވާދަކުރާ ހޮންކޮންގް ލީގްގައި ސަންހައި އޮތީ ކުޅުނު 12 މެޗުގެ ތެރެއިން ހަ މެޗުން ބަލިވެ ދެމެޗުން މޮޅުވެ އަދި ހަތަރުމެޗުން އެއްވަރުވެ ލިބުނު 10 ޕޮއިންޓާއެކު ތާވަލުގެ ފުލުގަ އެވެ.

ސަންހައިގެ ކޯޗް ބުނީ ނިއުރޭޑިއެންޓާ ބެހޭ މާބޮޑު މައުލޫމާތެއް ނޭނގޭ ކަމަށާއި އެނގޭހާވެސް އެއްޗަކީ ނިއުގެ ވެބްސައިޓުން ފެނުނު މައުލޫމާތު ކަމަށެވެ.

"އަހަރެން ނިއުރޭޑިއެންޓް ޓީމުގެ އިންޓަނެޓް ވެބްސައިޓް ބަލާލިން. އެއީ އެޓީމާބެހޭ މައުލޫމާތު ލިބިފައިވާ ވަރަކީ. އެނގިފައިވާ ގޮތުގައި ނިއުރޭޑީއެންޓްގައި ބިދޭސީ ދެކުޅުންތެރިން އެބަތިބި. މީގެ އިތުރުން ޓީމާބެހޭ މާކަގިނަ މައުލޫމާތެއް ނެތް. ދެން އެނގޭ މިހާރު ދިވެހި ލީގުގެ ކުރީގައި އޮތީ އެޓީމުކަން" ކޯޗު ބުންޏެވެ.

ސަންހައި ޓީމުގެ ކެޕްޓަން ބުނީ ނިއުރޭޑިއެންޓާ ދެކޮޅަށް ކުޅޭ މެޗަކީ ފަސޭހަ މެޗަކަށް ނުވާނެ ކަމަށާއި އަދި އެއީ ކޮންމެ ގޮތެއްވިޔަސް ހޮންކޮންގްގެ ފުޓްބޯޅައާއި ތަފާތު ފުޓްބޯޅައަކަށް ވާނޭ ކަމަށެވެ. އަދި އޭއެފްސީ ކަޕްގައި ފަސޭހަ މެޗެއް ނޯންނާނޭ ކަމަށާއި އެހެން ކަމުން ހޮންކޮންގް ލީގުގައި އެޓީމު އެންމެ ފަހުން ކުޅުނު މެޗުތަކުން ލިބުނު ކާމިޔާބުގެ އަލީގައި މާދަމާގެ މެޗަށްވެސް ނުކުންނާނީ މެޗު ކާމިޔާބުކުރުމުގެ އުއްމީދުގައި ކަމަށެވެ.