04 Mar 2013, 14:44
ކުދި ގައުމުތަކުގައި ހިންގާ ތަފާތު މަޝްރޫއުތައް މޮނީޓާކޮށް، އިވަލުއޭޓްކުރާނެ ގޮތްތަކާ ބެހޭ ގޮތުން އޭޝިޔާ ޕެސިފިކް ސަރަހައްދަށް އަމާޒުކޮށްގެން ވިލާ ކޮލެޖުން މަސައްކަތު ބައްދަލުވުމެއް ބާއްވައިފި އެވެ.
ކޮމަންވެލްތު އޮފް ލާނިން އާއި، ވިލާ ކޮލެޖު ގުޅިގެން ކޮމަންވެލްތުގެ އަށް ގައުމެއްގެ ބައިވެރިވުމާ އެކު ކުރިއަށް ގެންދާ މިމަސައްކަތު ބައްދަލުވުމަކީ ފަސް ދުވަހުގެ ބައްދަލުވުމެއް ކަމަށް މައުލޫމާތު ލިބެ އެވެ.
ވިލާ ކޮލެޖުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އޭޝިޔާ ޕެސިފިކް އަށް ގައުމަކުން 17 ބައިވެރިން ބައިވެރިވާއިރު، މިބައްދަލުވުމުގެ ގިނަ ބައިވެރިންނަކީ އެމީހުންގެ ގައުމުތަކުގައި ތަފާތު މަޝްރޫއުތައް ހިންގާ، މޮނިޓާކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުން ކަމަށެވެ.
ވިލާ ކޮލުޖުގެ ހޮސްޕިޓާލިޓީ އަދި މެރިން ސައެންސަސް ހިންގުމަށް ގާއިމްކުރެވިފައިވާ ވިލެޖް ހުންނަ ސަން އައިލެންޑުގައި ކުރިއަށްދާ މިބައްދަލުވުމުގައި މައުލޫމާތު ދެމުން ދަނީ ކޮމަންވެލްތު އޮފް ލާނިންގެ ކޮންސަލްޓެންޓެއް ކަމަށްވާ ޑރ. ކެތަރިން ޑަންލޮޕް އެވެ.
މިބައްދަލުވުމުގައި ބައިވެރިވަމުންދާ އަށް ގައުމުގެ ތެރޭގައި ހިމެނެނީ ބުރޫނާއި، ކިރިބަތީ، ޕަޕުއާ ނިއު ގިނީ، ސަމޮއާ، ސޮލޮމޮން އައިލެންޑްސް، ޓޮންގާ، ޓުވާލޫ އަދި ދިވެހިރާއްޖެ އެވެ.