ރާއްޖޭގެ ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބް، އޭއެފްސީ ކަޕްގައި މާދަމާ ހަވީރު އަމިއްލަ ދަނޑުގައި ހޮންކޮންގްގެ ސަންރޭ ކޭވް ޖޭސީ ސަންހައިގެ (ސަންހައި) ޓީމާ ދެކޮޅަށް ނުކުމެ ޓީމެއްގެ ގޮތުގައި ރަނގަޅަށް މަސައްކަތް ކުރެވިއްޖެ ނަމަ އެމެޗު ކާމިޔާބު ކުރެވޭނޭ ކަމަށް ނިއުގެ ހަންގޭރީ ކޯޗް ވެލިޒާ ޕޮޕޯފް ބުނެފި އެވެ.

މާދަމާ ކުޅޭމެޗުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ގަލޮޅު ދަނޑުގައި ބޭއްވި ނޫސްކޮންފަރެންސްގައި ނިއުގެ ކޯޗް ބުނީ ހޮންކޮންގް ޓީމުތަކަކީ ރާއްޖޭގެ ޓީމުތަކާ އަޅާބަލާއިރު ވަރަށް ވަރުގަދަ ޓީމުތަކެއް ކަމަށެވެ.

"ދަނޑުމަތީގައި ތިބޭނީ އެގާރަ ކުޅުންތެރިންނާ ދެކޮޅަށް އެގާރަ ކުޅުންތެރިން. ޓީމުގެ ސައިޒަކީ މުހިއްމު އެއްޗެއް ނޫން. ހޮންކޮންގް ޓީމަކީ އަހަރުމެން ޓީމަށްވުރެ ވަރުގަދަ ޓީމަކަށް ވެދާނެ. އެކަމަކު އަހަރުމެންނަށް މޮޅުވެވޭނެ. ހިތްވަރާ އެކު މަސައްކަތްކޮށްފި ނަމަ މެޗުކާމިޔާބު ކުރުމަކީ ނުވެވޭނޭ ކަމެއް ނޫން. އަހަރުމެންނަށް ޔަގީންކަން އެބައޮތް. އަހަރެން ބޭނުންވަނީ މުބާރާތްފަށާމެޗުން ތިން ޕޮއިންޓް ހޯދުން. އަހަރުމެންގެ ފުރަތަމަ މެޗަކީ އަމިއްލަ ދަނޑުގައި ކުޅޭ މެޗެއް. އެހެންވީމާ އަމިއްލަ ދަނޑުގައި ކުޅެންލިބޭ ފުރަތަމަ މެޗު ކާމިޔާބުކުރުމަކީ ވަރަށް މުހިއްމު ކަމެއް،" ނިއުގެ ކޯޗް ބުންޏެވެ.

ޕޮޕޯފް އިތުރަށް ބުނީ ހޮންކޮންގްގެ ލީގުގެ ކުޅުން ތަންކޮޅެއް ކުރީބައިގައި ފެށުމުގެ ސަބަބުން އެ ޓީމު ނިއުއަށް ވުރެ ރަނގަޅު ފޯމެއްގައި އޮވެދާނެ ކަމަށާއި އަދި އެޓީމުގެ ކުޅުންތެރިންނަކީ ހަލުއި ކުޅުންތެރިންތަކެއް ކަމަށެވެ. އެކަމަކު ރަނގަޅު "ޓެކްޓިކަލް ޑިސިޕްލިން" އަކާ އެކު ޓީމެއްގެ ގޮތުގައި މަސައްކަތް ކުރެވިއްޖެ ނަމަ މެޗުން މޮޅުވެވޭނޭ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށެވެ.

ނިއުގެ ކޯޗު ފާހަގަ ކުރި ގޮތުގައި މިސީޒަންގައި އަދި މިހާތަނަށް ކުޅެވިފައި ވަނީ އެންމެ ދެމެޗު ކަމުން އޭނާ ބޭނުންވާ ގޮތަށް ޓީމު އެކުލަވައެއް ނުލެވެ އެވެ. އެހެންކަމުން ކުޅުންތެރިން އެކަމަށް ވަރަށްބޮޑު ސަމާލުކަމެއް ދޭން ޖެހޭނޭ ކަމަށް އޭނާ ފާހަގަ ކުރިއެވެ.

"އަހަރުމެންނަށް އަދި މިހާތަނަށް ކުޅެވިފައި މިވަނީ އޮފިޝަލް ދެމެޗު. އަދިވެސް ޓީމު އެންމެ ރަނގަޅަކަށް އެކުލަވައެއް ނުލެވޭ. އަހަރެން އުންމީދުކުރަށް އެހާގިނަ ގޯސްތަކެއް ނުހަދާނޭ ކަމަށް. އެއީ ސަންހައި ކަހަލަ ސީރިއަސް ޓީމަކާ އެކު ކުޅޭ އިރު ހެދޭ އެންމެ ގޯހަކީ ވެސް އޭގެ އަސަރު ވަރަށް ބޮޑަށް އަހަރެމެން ޓީމަށް ކުރާނޭ ކަމެއް. އަހަރެން ބޭނުންވޭ ކުޅުންތެރިންގެ ފުރިހަމަ ސަމާލުކަން މުޅި މެޗުގައި ވެސް،" ޕޯޕޯފް ބުންޏެވެ.

މީގެ އިތުރުން ނިއުގެ ކެޕްޓަން އިމްރާން މުހައްމަދު ބުނީ ނިއުއަކީ ކުރިން ވެސް އޭފްސީ ކަޕްގައި ގިނަ ދުވަސްތަކަށް ފަހު ނިއުއަށް ކުޅެން ލިބުނު މެޗަކީ ވަރަށް މުހިއްމު މެޗެއް ކަމަށެވެ.

"މިމެޗަކީ ނިއުރޭޑިއެންޓަށް ވަރަށް މުހިއްމު މެޗެއް. އެއީ އޭއެފްސީ ކަޕްގައި ނިއުރޭޑިއެންޓް ވާދަނުކުރާތާ ވަރަށް ގިނަދުވަސް ފަހުން މި ވާދަކުރަނީ. ވާދަ ކުރާއިރު މިމެޗަކީ ސީޒަންގައި ދެމެޗެއް ކުޅެލާފައި ކުޅޭ މެޗަކަށް ވިޔަސް އަޅުގަނޑުމެން މަސައްކަތް ކުރާނީ މިމެޗުން ނިއުރޭޑިއެންޓަށް ރަނގަޅު ކާމިޔާބެއް ހޯދައިދޭން،" އިމްރާން ބުންޏެވެ.

އިމްރާން އިތުރަށް ފާހަގަ ކުރި ގޮތުގައި ނިއުރޭޑިއެންޓްގެ ކޮންމެ ކާމިޔާބެއްގެ ވެސް އެޓީމުގެ ސަޕޯޓަރުންނަކީ ވަރަށް މުހިއްމު ބައެއް ކަމަށާއި އަދި ނިއުއިން ނިކުންނަނީ ހަމައެކަނި އެޓީމު ތަމްސީލްކޮށްދޭން ނޫންކަމަށާއި މުޅި ދިވެހި ރައްޔިތުން ތަމްސީލު ކޮށްދިނުމަށް ކަމަށެވެ.

"ނިއުރޭޑިއެންޓަކީ އޭއެފްސީ ކަޕްގައި ރަނގަޅު ހިސާބަކަށް ދަތުރުކޮށްފައިވާ ޓީމެއް. އޭގެ ފަހުން މިކަހަލަ ފުރުސަތެއް ލިބުނީމަ، އެ ދިފާއުކުރުމުގެ އަޒުމުގައި އަޅުގަނޑުމެން ހުރިހާ ދިވެހި ރައްޔިތުންނާއެކުގައި މި ނިކުންނަނީ. މީ ހަމަ އެކަނި ނިއުރޭޑިއެންޓްގެ ކަމެއް ނޫން. ދިވެހި ފުޓްބޯޅައަށް ލިބޭ ރީތިނަމެއްގެ ގޮތުގައި ދެކިގެން އަޅުގަނޑުމެން މިމެޗަށް މިނިކުންނަނީ،" ނިއުގެ ކެޕްޓަން ބުންޏެވެ.

އޭފްސީ ކަޕުގައި ރާއްޖޭގެ ނިއުރޭޑިއަންޓް ވާދަކުރަނީ ގްރޫޕް އެފްގަ އެވެ. އެޓީމުގެ އިތުރުން އެ ގުރޫޕްގައި ހިމެނެނީ މިޔަންމާގެ ޔަންގޮން ޔުނައިޓެޑް އާއި ހޮންކޮންގްގެ ސަންރޭ ކޭވް ޖޭސީ ސަންހައި އާއި އިންޑޮނީޝިއާގެ ޕަރްސީބޯ އެވެ.

ނިއުއާއި ސަންހައި ޓީމު ކުޅޭ މެޗު އޮންނާނީ މާދަމާ ހަވީރު 4:00 ގައި ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގަ އެވެ.